ދިވެހި ޤައުމީ އިލްތިމާސާއި ރައްޔިތުންގެ އުންމީދުތައް ޙާސިލް ކޮށްދެވޭ ފަދަ ތަނަކަށް ދިވެހި ސިފައިންގެ މުއައްސަސާ ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޖެނެރަލް ޝަމާލް މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމަށް ކަޅުތުއްކަލާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ޝަމާލް ވިދާޅުވީ "ޤައުމީ އިލްތިމާސާއި ލޮބުވެތި ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލް ކޮށްދެވޭފަދަ މުޢައްސަސާއަކަށް ދިވެހި ސިފައިންގެ މުއައްސަސާ ހެދުމަށްޓަކައި އައު ހިތްވަރާއި ޖޯޝާއެކު މިއަދު އަޅުގަނޑުމެން ސިފައިން މިދަނީ މަސައްކަތް ކުރަމުން،" ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިންގެ ޙަޔާތުން ހޭދަވާ ކޮންމެ އަހަރަކީ ތަފާތު އެތަކެއް ތަޖުރިބާތަކާއި މާނަވީ އެތަކެއް ފިލާވަޅުތަކެއް ލިބިގެންދާ އަހަރެއް ކަމަށެވެ. "އެއިން ކޮންމެ ސަނަތަކީ ގިނަގުނަ އެތައް ބަދަލުތަކެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާ ދުވަސްތަކެއް" ކަމަށާއި އެއީ ދުނިޔެވީ ސުންނަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކު ކަންކަން ބަދަލުވާނެ ކަމަށާއި ބަދަލު ނުވާނީ ވަރަށް މަދު ކަންކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއީ އިސްލާމްދީން ޙިމާޔަތް ކުރުމަށް އަޅުގަނޑުމެންވި އަޙުދު. އެއީ ޙުއްބުލް ވަތަންގެ އިލްތިމާސް. އެއީ ލޮބުވެތި ވަތަންގެ ދިފާޢަށްޓަކައި ގޮވޭ ގޮވުން. އެއީ އަހުރަވެތި ރައްޔިތުން ދިފާޢު ކުރުމަށް އަޅުގަނޑުމެން އެއްބަސްވި އެއްބަސްވުން. އެއީ އިސްލާމްދީނާއި ދިވެހިންނާއި ދިވެހި ޤައުމާއި ޤާނޫނު އަސާސީއާއި ޤާނޫނީ ވެރިކަން ޙިމާޔަތް ކުރުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުބާން ވުމަށް އަޅުގަނޑުމެންކުރި ހުވާ. އަދި ޚާއްސަކޮށް ބަދަލެއްނުވެ ދެމި އޮންނާނީ ދިވެހި ލޮބުވެތި ރައްޔިތުން ސިފައިންގެ ޚިދުމަތާ ދޭތެރޭ ކުރަމުން އަންނަ މަތިވެރި ފޮނި އުންމީދުތައް. ދިވެހި ލަޝްކަރީންގެ ގާބިލްކަން ތަރައްގީވެ ހެޔޮބަދަލްތަކެއް އަންނާނެ ކަމަށް އެރައްޔިތުން ދެކެމުންދާ ފޮނި ހުވަފެން،" ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.