ދައުރުހަމަނުވަނީ ރައީސްޔާމީނުގެ ވެރިކަން ވައްޓާލަން ބަޔަކުކުރާ މަސައްކަތް ކާމިޔާބު ނުވަނެކަމަށާ، ފަސްއަހަރުގެ ރިޔާސީ ދައުރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރިހަމަ ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިރޭ ފުވައްމުލަކުގައޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ މަސީހު ވިދާޅުވީ މިސަރުކާރަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވ، ސީދާ ދިވެހިންނަށް އަމާޒުވާ ސަރުކާރެއްކަމަށެވެ. މިސަރުކާރު ހޮވީވެސް ދިވެހިރައްޔިތުންކަމަށާ، ސަރުކާރުން ޚިިދުމަތް ކުރާނީ ވެސް ސީދާ ރައްޔިތުންނަށް ކަމަށް މަސީޙު ވިދާޅުވިއެވެ.
މިސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މަސީޙު ވިދާޅުވީ، އެއީ ރައްޔިތުން މިސަރުކާރު ވުޖޫދަށްގެނައި ސަބަބުންކަމަށާ، މިސަރުކާރުގެ ރިޔާސީ ދައުރަކީ ފަސްއަހަރުކަމަށެވެ. އެހެންކަމުން އެމުއްދަތު މިސަރުކާރުން ފުރިހަމަކުރައްވާނެކަމަށް މަސީހު ތަކުރާރުކޮށް މިރޭ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙުމަދު ނިހާން ޙުސައިންމަނިކާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ވާހަކަފުޅުދެއްކެވިއެވެ.
އޭގެތެރެއިން ޑިފެންސް މިނިސްޓަރު ވިދާޅުވީ ވެރިކަމެއް ބަދަލު ކުރެވޭނީ ރައްޔިތުން ނުކުމެ، ވޯޓެއް ނަގައިގެން ކަމަށާ، އެ ނޫން ގޮތަކަށް ވެރިކަން ބަދަލު ކުރާނަމަ ކުރަންޖެހޭނީ ބަޣާވާތްކަމަށެވެ. އެހެންނަމަވެސް ދިވެހިރައްޔިތުން ބަޣާވާތަކަށް ޖާގަނުދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤުވާމީ ދުނިޔެވެސް ޤަބޫލުކުރާނެ ކަމެއްނޫންކަމަށާ، ޑިމޮކްރަސީގެ ހަމަތަކާވެސް ޚިލާފުކަމެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ޕީޕީއެމް އިން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ކުރިއަށްއޮތް ހަފްތާގެތެރޭގައި ރައީސްޔާމީނުގެ ސަރުކާރު ވައްޓާލަން އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތްފަށައި ރާވަމުންދާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވަނިކޮށެވެ.