ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުޙުޚުމެއް ތަންފިޒުކުރައްވަމުން، އިނގިރޭސިވިލާތަށް ވަޑައިގެން މިހާރު އެޤައުމުގެ ޙިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުގެ ބައެއްވެރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ދިވެހިސަރުކާރުން އަންގަވައިފިއެވެ.
އެބޭފުޅުން ދައުލަތަށް ދައްކަވަންޖެހޭ ފައިސާއަކީ ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވިއިރު، އެބޭފުޅުން ހިންގެވި ވުޒާރާތަކައި އެހެންވެސް މުއައްސަސާތަކުން މާލިއްޔަތުގެ ޤާނޫނާޚިލާފަށް ގެއްލިފައިވާ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެބޭފުޅުންގެ ޒިންމާވާންޖެހޭ ފައިސާއެވެ.
ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ޢިއުލާނެއްގައިވަނީ ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ، ނަޝީދުގެ ސަރުކާގެ އިސްވެރީން އެފައިސާ ދައުލަތަށް ދެއްކެވުމަށް އަންގަވާފައެވެ. އަދި އެ ފައިސާ ދެއްކުމަށް ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް ބޭފުޅަކަށް ވަނީ އަންގަވާފައެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގަވާކަމަށާ، އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ދައުވާ ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ޢިއުލާނުގައިވަނީ އަންގަވާފައެވެ.
ދައުލަތަށް ފައިސާދައްކަވަން ޖެހޭ ބޭފުޅުން.
- ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
- ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު
- ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
- ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
- ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން
- ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު
ނަޝީދުގެ ސަރުކާރުގެ އިސްވެރިންގެ ތެރެއިން މިބޭފުޅުންގެ އިތުރުން ވެސް ދައުލަތަށް ގިނަޢަދަދެއްގެ ފައިސާ ދައްކަންޖެހޭ ބޭފުޅުންތަކެއް އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރައްވާފައިވެއެވެ.
ނަޝީދުގެ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ އެކި އިދާރާތަކުން ގެއްލިފައިވާކަމަށް އޮޑިޓްރިޕޯޓުތަކުގައި ފާހަގަކުރައްވާފައިވާ ފައިސާގެ ޢަދަދު 4.7 ބިލިއަން ރުފިޔާއަށް އަރައެވެ.