ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަކީ އިޖްތިމާއީ ފޭރާން ހެޔޮވަރުކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި ދަރިވަރުން ހާސިލުކުރާ އިލްމަކީ ދިރިއުޅުމުގެ ބިންގާ ކަން ފާހަގަ ކުރައްވަމުން ނަޒާހަތްތެރިކަމާއެކު އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"މިއަދު ތިޔަ ދަރިވަރުން ތިޔަ ހާސިލުކުރި އިލްމަކީ ތިޔަ ދަރިވަރުންގެ ދިރިއުޅުމުގެ ބިންގާ. އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރަންވާނީ ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގެ މަތީގައި. އިޖްތިމާއީ ގުޅުންތައް ބަދަހިކުރަންވާނީ ރިވެތި ބަސްމަގުން ކުރެވޭ މުއާމަލާތްތަކާއި، ހިތްހެޔޮކަމާއި އެކުވެރިކަމާ އެކުގައި. އަދުުލުވެރި، ތެދުވެރި، އަމާނާތްތެރީން ކަމުގައި ވުމަކީ ދިޔަ ދަރިވަރުންގެ ފަޚުރެއް ކަމުގައި ހަދަންވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވިގޮތުގައި، ސަރުކާރުން ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާ އަށް ޚާއްޞަކުރެއްވީ ގައުމު ތަރައްގީ ކުރެވެން އޮތީ ތައުލީމަށް އިންވެސްޓުކޮށްގެން ކަމަށް ވާތީއެވެ. އަދި ބަޖެޓުގެ އެހައި މަތީ މިންވަރެއް މީގެ ކުރިން ތައުލީމަށް ޚާއްސަކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔައިގެ ތެރެއިން ކޮންމެ ދަރަިވވަރަކީ މި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ މި ގައުމުގެ ކުރިމަގުގެ ތަރައްގީ އަށް ތިޔަ ދަރިވަރުން ކުރި ވަރަށް އަގު ބޮޑު އިންވެސްޓެއް"، ރައީސް ވިދާޅުވިއެވެ.
ދަރިވަރުންނަކީ ވެސް ގައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގައުމުގެ ތަރައްގީ ބިނާވެގެންދާނީ އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންގެ އެންމެ އިސް ވާޖިބަކަށް ހަދަންވާނީ ގައުމުގެ ތަރައްގީ ގައި ބައިވެރިވުން ކަމަށް ރައީސް ވިދާޅުވިއެވެ.