ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުޅާދޫދާއިރާއަށް ކުރިމަތި ލައްވައިފައިވާ މުޙައްމަދު އަތީފް (ތުޅާދޫ އަތީފް) މަސައްކަތުގެ ދާއިރާއަށްވަނީ ރިސޯޓު ވަޒީފާއިންނެވެ. އެފަހުން އޭނާ ފެނިގެންދިޔައީ ތަޢުލީމީ ދާއިރާއިންނެވެ. އެއަށްފަހު މަސައްކަތް ކުރެއްވީ މޯލްޑިވްސް ޕޮލިސް ސާވިސްގައެވެ. އެތަނުގައި 11 އަހަރު މަސައްކަތް ކުރެއްވިއެވެ.
އެތަންތަނުގައި މަސައްކަތް ކުރެއްވި ދުވަސްފަހަރު ވެސް އޭނާ ގެންދެވީ ޤައުމާއި ރައްޔިތުންގެ ޙާލަތާ މެދު ވިސްނައި ފިކުރު ކުރަމުންނެވެ. އެންމެފަހުން އޭނާއަށް ޤަބޫލު ކުރެވުނީ ރައްޔިތުންގެ މަޖިލީސްތެރެއިން އިސްލާމްދީނާ ފުށުނާރާ ރަނގަޅު ޤާނޫނުތަކެއް ހެދިގެން ނޫނީ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހަށް އޭނާ ކުރިމަތިލެއްވީ އެވިސްނުމުގައެވެ.
ތުޅާދޫ ގޮނޑިއަށް ކުރިމަތި ލެއްވީ ކީއްވޭ؟
"ތުޅާދޫ ދާއިރާގެ ގޮނޑި މިހާތަނަށް ފުރަމުން ދިޔައީ ފައިސާވެރި މުދާވެރި މަހުޖަނުންނާއި މާލޭގެ ޢިއްޒަތްތެރިން. އެހެންވީމާ އެޙާލަތު ބަދަލުކޮށް ދާއިރާއަށް ރަނގަޅުކަމެއް ކޮށްދިނުމަށް ދާއިރާގެ ޙައްޤުގައި ވަކާލާތުކުރާނެ މީހަކު ނުކުންނަނަށް ވެއްޖެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ދާއިރާގައި ހަތަރުހާސް އަށްސަތޭކަ މީހުންގެ އާބާދީއެއްއޮވެފައި ތިންހާސް ދުއިސައްތައަށްވުރެ ގިނަމީހުންނަށް ވޯޓުލެވޭއިރު މަޖިލީހަށް ކުރިމަތިލެވޭނެ ވަރުގެ ދާއިރާގެ ދަރިއެއް ހުންނަންވާނެ. އެމީހުންގެ ތެރެއިން އެކަކީ އަޅުގަނޑު ކަމަށް ޤަބޫލުކުރެވޭތީ މިދާއިރާއަށް ކުރިމަތިލީ،" އަތީފް ވިދާޅުވިއެވެ.
ދާއިރާއަށް ކޮށްދެއްވާނީ ކޮންކަމެއް؟
އަތީފް ވިދާޅުވި ގޮތުގައި ތުޅާދޫ ދާއިރާއަށް މިހާރު ކުރިމަތިލައިފައިވާ މީހުންގެ ތެރެއިން ދާއިރާގެ ވިންދާއި އިޙުސާސް އެންމެ ރަނގަޅަށް އެނގެނީ އޭނާއަށް ކަމަށެވެ. "އަޅުގަނޑަކީ މިދާއިރާއަށް އުފަން، ދާއިރާގައި ދިރިއުޅެ އަދި މިހާރުވެސް ދިރިއުޅެމުންދާ މީހެއް. ތުޅާދޫ ދާއިރާގައި ހިމެނޭ ރަށްތަކަށްހުރި ގޮންޖެހުންތައް ވަރަށް ބޮޑު. ޒަމާންތަކެއް ވެގެންދިޔައިރު ވެސް ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް އައިސްފައެއްނެތް. މަޖިލީހަށް އައިސް ވަކާލާތުކުރަން ކޮންމެފަހަރަކު މަޖިލީހަށް މިހޮވުނު މީހުންނަކީ ފައިސާހުރި މުދާވެރިންނަށް ވެފައި މާލޭގެ ޢިއްޒަތްތެރިންނަށްވުމުން މިދާއިރާއާ މެދު ވިސްނާ ވިސްނުމެއް ނޯވޭ. ދާއިރާގެ ޙާލަތު މަޖިލީހުގެ ތަޅުމުގައި ބަޔާން ކޮށްދޭނެ ވަރުގެ މީހަކު ނެތް. ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދާއިރާގެ ރަށްރަށުގެ ކުރިމަގު އުޖާލާ ކުރުމަށް ގޮތްތަކެއް ހޯދިފައެއް ވެސްނެތް،" އަތީފް ވިދާޅުވިއެވެ. އޭގެ އިތުރަށް ދާއިރާގެ އިގްތިސާދަށް ވެސް މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިހުރިހާ ކަމެއް އެނގޭ ދާއިރާގެ ދަރިއެއްގެ ޙައިސިއްޔަތުން ރައްޔިތުންގެ ރުޙުމާއެކު މަޖިލީހަށް ވަދެ ދާއިރާއަށް ބޭނުންވާ ކަންކަން "ކަރުދާހަށް ތިރިކޮށް" ގޮންޖެހުންތައް ފިލުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ލޮބީ ކުރަންޖެހޭ ފަރާތްތަކާއެކު ލޮބީކޮށް އެކަމެއް ދާއިރާއަށް ކޮށްދިނުމަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅޭނެ
އަތީފަކީ މީހުންނާ ގުޅޭ ހިތްތިރި ބޭފުޅެކެވެ. މަޖިލީހަށް ހޮވުމުން އެގުޅުން އިތުރަށް ފުޅާވެ ވަރުގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެންމެ ކުރިން ފެށިގެން މިގެންދަނީ ރައްޔިތުންނާ ރަނގަޅު ގުޅުމެއް ބާއްވަމުން. ކުރިއަށްއޮތް ތަނުގައި ދާއިރާގެ ރަށްތަކަށް ޒިޔާރަތްކުރާނަން. ގުޅުން ބަދަހި ކުރާނަން. ރައްޔިތުންގެ ޙާލުއަޙުވާލު ބަލައި މަޖިލީހުގައި ވަކާލާތު ކުރަންޖެހޭ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދޭނެފަދަ ނިޒާމެއް ވެސް ރައްޔިތުންނާއެކު ގާއިމް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
އަތީފަށް ވޯޓު ދޭންވީ ކީއްވެ؟
އެއީ ތުޅާދޫ ދާއިރާގެ ކަމުވޮށިވެގެންވާ މީހުން ކައްޗަށް އަޅައިފައިވާ ބިންގަލެއް ސީދާ ކުރުމަށެވެ. "ތުޅާދޫ ދާއިރާގެ ކަމުވޮށިވެގެންވާ މީހުން ކައްޗަށް ބިންގަލެއް އަޅައިފައި އެބައޮތް. އެއީ ފައިސާވެރި މުދާވެރިން މަޖިލީހަށް ގެނައުމަށް އެބައެއްގެ އަމިއްލަ މަސްލަހަތު އިސްކޮށް ކުރިމަސައްކަތުގެ ނަތީޖާ. މިކަން ބަދަލުކޮށް ދާއިރާގެ މުސްތަޤުބަލް ރަނގަޅުކޮށް އާރޯކަން ގެނައުމަށް އަޅުގަނޑަށް ވޯޓު ދެއްވާ،" އަތީފް ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ ޒުވާނުންނާއި ދޮށީ ޢުމުރުގެ މީހުނާއި ޖުމްލަކޮށް އެންމެންގެ ތެރޭގައި މިފަދަ ކަންކަމަށް ޤާބިލް މީހުން އެބަތިއްބެވެ. އަތީފަކީ ވެސް އޭގެތެރެއިން އެއްބޭފުޅެކެވެ. އެއީވެސް އެދާއިރާގެ ގޮނޑިއަށް އަތީފް ހޮވަންޖެހޭ ސަބަބެކެވެ. "މިގޮނޑިއަކީ އަޅުގަނޑުމެންގެ ކަމުވޮށިގެންވާ މީހުންގެ އަމިއްލަ މަންފާއަށްޓަކައި ވިއްކާލާ ގޮނޑިއަކަށް ހެދުމުގެ ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މަޖިލީހުގައި ވަކާލާތު ކުރާނީ ދާއިރާގެ އިޙުސާސް ދަނެގެންހުރެ. އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތް މީހެއް،" އޭނާ ވިދާޅުވިއެވެ.
ޒުވާނުންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި ފިހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޖުމްލަކޮށް އެންމެންގެ ޙައްގުތައް ހޯދައިދިނުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށް ވެސް އަތީފް ވިދާޅުވިއެވެ.
ކެމްޕޭން މެނޭޖަރަކަށް ލޯފަން ޒުވާނެއް
އަތީފްގެ ކެމްޕޭން މެނޭޖަރަކަށް މަސައްކަތް ކުރަނީ ލޯފަން ޒުވާނެކެވެ. އާމިނަތު ޢަލީއެވެ. އަތީފްގެ ކެމްޕޭންގެ ހުރިހާ ކަމެއް ދުވަހުން ދުވަހަށް އޭނާ ބަލަހައްޓަމުން ގެންދަނީ ނުހަލު ކުޅަދާނަ ކަމާއެކުގައެވެ. ބައެއްފަހަރު އަތީފާއެކު ދާއިރާގެ ރަށްރަށަށް ވެސް އޭނާ ދެއެވެ. "އެއީ ﷲ ގެއިރާދަފުޅާއި ރަޙުމަތްފުޅާއެކު ވަރަށް ކުޅަދާނަ ބޭފުޅެއް. ހަމައެކަނި ލޮލަށް ނުފެނުން. އެހެންނަމަވެސް އޭނާ ކަންކަން ރާވައި ހިނގާލެއް ވަރަށް ހުނުވަރުވެރި ވަރަށް މޮޅު. މިފަދަ މީހުންނަކީ އަޅައިލަންޖެހޭ މީހުން. އިރާދަކުރެއްވިއްޔާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް އިތުރުކުރުމަށް އަޅުގަނޑު މަސައްކަތް ވެސް ކުރާނަން މަޖިލީހަށް ހޮވިއްޖެ ނަމަ،" އަތީފް ވިދާޅުވިއެވެ.
އަތީފްގެ މެސެޖު
ޒަމާން ބަދަލުވެއްޖެއެވެ. ކަންކަމަށް ޒުވާނުން އިސްވެއްޖެއެވެ. އެމީހުންގެ ދައުރު ޤައުމު ހިންގުމުގައި ފުޅާވެއްޖެއެވެ. އެހެންވީމަ ޚިދުމަތްތެރި ޒުވާން އަތީފުގެ ފަރާތުން އިތުރު ޚިދުމަތް ހޯދުމަށްޓަކައި އޭނާއަށް ވޯޓު ދިނުމަށް ދާއިރާގެ ރައްޔިތުން ގާތުން އެނާ އެދިވަޑައިގަނެއެވެ. މަޖިލީސް ތެރެއިން ކުރާ ކޮންމެ ކަމެއް އޭނާކުރައްވާނީ އިސްލާމީދީނުގެ ތަރަޙައިގެ ތެރެއިންނެވެ. ބިލްތައް ފަރުމާކުރުމާއި ވޯޓުދޭއިރުވެސް އިސްލާމްދީނަށް އެ ފެތިފައިވަނީ ކިހާވަރަކަށްތޯ އަތީފް ބައްލަވާނެއެވެ. "ތުޅާދޫ ދާއިރާގެ ގޮނޑި އެދާއިރާގެ ޤާބިލް ދަރިއަކު ފުރުމަކީ ލިބޭނެ ބޮޑު ފަޚުރެއް. އަޅުގަނޑު ރައްޔިތުންނަށް ޚިޔާނާތްތެރިއެއް ނުވާނަން. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަބަދުވެސް މަސައްކަތްކުރާނަން. އެހެންވީމާ އަޅުގަނޑު ކެންޑިޑޭޓު ނަމްބަރު ތިނެއް މުޙައްމަދު އަތީފަށް ވޯޓުދެއްވާ،" އޭނާ ވިދާޅުވިއެވެ.
އަތީފް ކައިރީ އަހާލަބަލަ މިދިޔަ ދެދައުރުގައި ތުޅާދޫއަށް އައިއްސައޮތް ތަރައްޤީ ހަމަނުފެންނަނީތޯ!