މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވައިގެ މަގުން ގދ. އަތޮޅަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ތިން މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެރޭ 00:15 ހާއިރު ގދ. ކާޑެއްދޫ އެއަރޕޯޓުންނެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގެ އެތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު 34 އަހަރުގެ މީހާ އެވަގުތު ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މި ތިން މީހުންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 34 އަހަރުގެ މީހާއަށްވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި 20 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް މާލެއާއި އަތޮޅުތަކުގައި ހުއްޓުމެއް ނެތި ކުރަމުންދާއިރު މަސްތުވާތަކެތީ ތަފާތު އޮޕަރޭޝަންތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.