ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ އެންމެ ގާތުން އަދި ރައްޔިތުން އެދޭ ޚިދުމަތެއްގެ ގޮތުގައި ދެވޭ ޚިދުމަތަކަށް ހަދައި އެގޮތުގައި މި ޚިދުމަތް ދެމި އޮތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުރިހާ ފުލުހުންނަށް އަމާޒުކޮށް ކަސްޓަމަރ ރިލޭޝަންސް ރޮފްރެޝަރ ޕްރޮގްރާމެއް ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ދިރާގުގެ މެނޭޖަރ ކަސްޓަމަރ ސާވިސް އަލްފާޟިލް މަސްއޫދު ޢަލީ އެވެ.
މި ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މަސްއޫދު ވިދާޅުވީ ކަސްޓަމަރ ރިލޭޝަންސް އަކީ ފުލުހުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް މުހިއްމު ތަމްރީނެއް ކަމަށާއި އަބަދުވެސް މިފަދަ ތަމްރީނުތައް ފުލުހުންނަށް ލިބި ލިބި ހުރުން މުހިއްމު ކަމަށެވެ. މީގެ އިތުރުން ކަސްޓަމަރ ރިލޭޝަންސް އަކީ ޚިދުމަތުގައި ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށާއި ޚިދުމަތެއް ބަލައި ގަތުމުގައި ރައްޔިތުން އެންމެ ބޮޑަށް މިނެކިރާނެ އެއްޗަކީ ރައްޔިތުންނާ މުޢާމަލާތުކޮށް މުވާޞަލާތު ކުރާ ގޮތާއި ޚިދުމަތް ދިނުމުގައި ފެނިގެންދާ ގާތްކަމާއި އޯގާތެރިކަން ކަމަށްވެސް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އިން ހިންގާ މި ޕްރޮގްރާމަކީ ފުލުހުން ދޭ ޚިދުމަތް ޒަމާނާ އެއްގޮތަށް ކުރިއަރުވައި އާއްމު ފަރުދުން ބޭނުންވާފަދަ ޕްރޮފެޝަނަލް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރު އިތުރަށް ދަސްކޮށްދީ ތާޒާކޮށްދިނުމެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ރައްޔިތުންނާ ބައްދަލުވާ އެކިއެކި ޙާލަތްތަކުގައި ފޯނުންނާއި އެހެނިހެން ގޮތްގޮތުން މުޢާމަލާތުކޮށް މުވާޞަލާތު ކުރުމުގެ ހުނަރާއި ރައްޔިތުން ބޭނުންވާ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ފުލުހެއްގެގައިގާ ހުންނަންޖެހޭ ސިފަވަންތަ ހުނަރުތަކެވެ. މީގެ އިތުރުން އެކިއެކި ބޭނުންތަކުގައި ފުލުހުންގެ ޚިދުމަތަށް އެދިންގެން ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުވާ އަދި ޒިޔާރަތްކުރާ ފަރާތްތަކާ މުޢާމަލާތުކޮށް ފުލުހުންގެ ޚިދުމަތް އެންމެ އެކަށީގެންވާގޮތުގައި ފޯރުކޮށްދީ ޚިދުމަތް ލިބިގަންނަ ފަރާތުން ހިތްހަމަޖެހިގެންތިބެ ޚިދުމަތްހޯދައިގެން ދާބައެއް ކަމުގައި ޔަޤީންކުރާނެގޮތް ވެސް ދަސްކޮށްދެވޭނެ އެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުންގެ ބަސްމަގު ހުންނަ ގޮތާއި ޚިދުމަތުގެ ޢަމަލުތައް ހުންނަ ގޮތާ ބެހޭގޮތުން ރައްޔިތުން ކަންބޮޑުވާ ކަންބޮޑުވުންތަކަށާއި ފުލުހުންގެ ބަަސްމަގު ހުންނަ ގޮތާ ބެހޭގޮތުން ރައްޔިތުން ފާޅުކުރާ ހިތްހަމަނުޖެހުމުގެ ޝުޢޫރުތަކަށް ތަސައްލީ ހޯދައިދެވޭ ގޮތަށް ފަރުމާ ކުރެވިގެން ހިންގާ ތަމްރީނު ޕްރޮގްރާމެއްވެސް މެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމަކީ ހުއްޓިނެތި ދެމިގެންދާނެ ގޮތަށް ހިންގަން އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމަކަށްވުމާއެކު މިޕްރޮގްރާމުގެ ދަށުން ދެވޭ ތަމްރީނުތައް ފުރިހަމަ ކުރެވި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ދިނުމުގައި އެޙާލަތަކާ އެންމެ އެކަށޭނަ ބަސްމަގެއް ބޭނުންކުރަން ފަރިތަވެގެން ދާނެއެވެ.
އިއްޔެ އިފްތިތާޙް ކުރި މި ޕްރޮގްރާމް ގެ ފުރަތަމަ ބުރުގައި 20 ފުލުހުން ބައިވެރިވެފައި ވެއެވެ. މި ޓްރޭނިންގ ޕްރޮގްރާމަކީ ކުރިއަތްއޮތްތާގައި ފުލުހުންގެ ހުރިހާ ކަންކޮޅުތަކަށް ހިންގުމަށް ރޭވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.