އިނގިރޭސި ޕްރިމިއަލީގުގައި ރޭ ލިވަޕޫލް އިން އާސެނަލްއާދެކޮޅަށް އާސެނަލްގެ ދަނޑުގައު ކުޅުނުމެޗުން މޮޅުވެ ސީޒަނުގެ ފެށުން ރަނގަޅުކޮށް ހިންހަމަޖެހިލައިފިއެވެ.
ރޭ ކުޅުނު މެޗުގައި އާސެނަލްގެ މައްޗަށް ލިވަޕޫލް އިން ކުރި ހޯދާފައިވަނީ 4-3 ލަނޑުންނެވެ. ރޭގެ މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އާސެނަލްގެ ތިއޯ ވަލްކޮޓް އަށް ލިވަޕޫލްގެ އަލްބާޓޯ މޮރޭނޯ ކުރި ފައުލަކާ ގުޅިގެން އާސެނަލް އަށް ލިބުނު ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. ލަނޑުޖަހަން ލިބުނު މި ރަނުގެ ފުރުސަތު އާސެނަލްގެ ވަލްކޮޓް ވަނީ ނަގާލާފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ މަތަކޮށްފަ އެވެ.
އެހެންނަމަވެސް ވަލްކޮޓް ވަނީ ފުރަތަމަ ހާފް ނިމުމުގެކުރިން ލަނޑެއްކާމިޔަބުކޮށް ފުރަތަމަފަހަރަށް މެޗުގެ ލީޑު އާސެނަލްއަށް ހޯދައިދީފައެވެ. އެހެންނަމަވެސް ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ފިލިޕް ކޫޓީނިއޯ ވަނީ ލަނޑެއްގައި މެޗުގެ ނަތިޖާ ހަަމަހަމަކޮށްފައެވެ.
ދެވަނަ ހާފު ފެށިތާ ހެން ލިވަޕޫލް އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ލިވަޕޫލް އަށް ލީޑު ހޯދައިދިނީ އެޑަމް ލަލާނާ އެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. ނެތަނިއެލް ކްލައިން ދިން ބޯޅައަކުން ލިވަޕޫލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޫޓީނިއޯ އެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލް ގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މަނޭ އެވެ.
އޭގެފަހުން އާސެނަލް އިން ވަނީ ލަނޑެއް ޖަހާފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން އެވެ.
އަދި މެޗުގެ 75 ވަނަ މިނެޓުގައި ކަޒޯލާ ދިން ބޯޅައަކުން ކެލަމް ޗެމްބާސް ވަނީ ިތުރު ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމުނީ ލިވަޕޫލް ކުރީގައި އޮވެގެންނެވެެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރާއްޖެގަޑިން މިރޭ 12:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ވެސްޓް ހާމް ޔުނައިޓެޑެވެ.