އަބުރުގެ ބިލް ތަސްދީޤު ކުރައްވަިފި

21.13
އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލުފަޅުކުރުމުގެ ނިމިވަންކަމުގެ ބިލް ރައީސުލް ޖުމްހުރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.
މި ބިލް މަޖްލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 31 މެންބަރުންވަނީ ވޯޓު ދެއްވާފައެވެ.
މި ބިލް ދިރާސާ ކުރެއްވި 11 މެންބަރުންގެ ކޮމިޓީން އެބިލް ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުން ބައެއް މެންބަރުން ވަނީ އެ ބިލަށް އިސްލާހު ހުށަހެޅުއްވުމަށް އެކަށީގެންވާ ވުގުތު ލިބިފައިނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިބިލްގައި ހިމަނުއްވާފައިވާ ބައެއް ކަންކަމަށް ބަލާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚިޔާލެއް ފާޅުކޮށްފިނަމަ ފަންސާސް ހާސް ރުފިޔާ އާއިދެމިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި އެ ޖޫރިމަނާ ނުދެއްކިޖެނަމަ އެ މީޑިޔާއެއްގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރުމުގެ ބާރު މީޑިޔާގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބްރޯޑްކާސްޓީން ކޮމިޝަނަށް ލިބިދީފައިވެއެވެ.
މި ބިލްގައި ވަކިވަކި ނޫސްވެރިންނަށް ވެސް ޖޫރިމަނާގެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަބުރާބެހެވޭފަދަކޮންޓެންޓެއް ލިޔުނު ނުވަތަ ބްރޯޑްކާސްޓްކުރި ނޫސްވެރިއެއް ޖޫރިމަނާކުރެވޭނީ ފަންސާސް ހާސް ރުފިޔާ އާއި ސަތޭކަ ފަންސާސް ހާސް ރުފިޔާ އާއި ދެމެދުގެ ޢަދަދަކުންކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ޖޫރިމަނާ ފައިސާ ނުދެއްކިއްޖެނަމަ މަދުވެގެން ހަމަސް ދުވަހުގެ މުއްދަތަކަށް އެނޫސްވެރިޔަކު ޖަލަށްލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޖޫރިމަނާ ކުރި މައްސަލަ މަތީމަރުހަލާ އެއްގެ ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ވެސް އެފައިސާ ދެއްކުމަށްފަހުކަމަށް ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.