ދިޓީވީއާއި ދިއެފްއެމް ހުއްޓާލަން ނިންމައިފި

images

ދިޓީވީ ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް އާއި، ދިއެފްއެމް ހިންގާ މޯލްޑިވްސް މީޑިއާ ކޮމްޕެނީންގެ ދަށުން ހިންގާ ހުރިހާ މީޑިއާތަކެއް ހުއްޓާލަން ނިންމައި އެތަންތަނުގެ މުވައްޒަފުންނަށް ތިންމަސްދުވަހުގެ ނޯޓިސް ދީފިއެވެ.

ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިރޭ މެންދަމު 12:00 އިން ފެށިގެން ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން ހުއްޓައިލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ކުންފުނީގެ ހާލަތު މިހާރު ހުރި ގޮތުން އެ ދެ ކުންފުނިން ހިންގާ ޗެނަލްތައް ދެމެހެއްޓެނެވި ގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ، އެހެންކަމުން މިރެއިން ފެށިގެން އެ ދެ ޗެނަލް ހުއްޓާލުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މި ދެކުންފުނީގެ ދަށުން ދިއެކްސްޓްރާ އާއި ދިމިއުޒިކް ކިޔާ ދެޗެނަލްވެސް ހިންގައެވެ. އަދި ދިވެހިއޮންލައިންގެ ނަމުގައި ވެބްސައިޓެއްވެސް ހިންގައެވެ. މިހުރިހާ ވަސީލަތްތައްވެސް މިރެއިންފެށިގެން ހުއްޓާލަން އެކުންފުނިން ނިންމާފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

"މި ނިންމުމާ ގުޅިގެން މިހާރު ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ދިންކަން ހުރިހާ މުވައްޒަފުންގެ މައުލޫމާތަށް ޓަކައި ދަންނަވާލަމެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ކަނޑައެޅިފައިވާ މުސާރަ ދެމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ." ދެކުންފުނިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.