
ގަލާއި ކުނި އަޅައިފައިވާ ތިން ފޮށިގަނޑު ޙަވާލު ކުރުމަށްފަހު އޭގެ ޝިޕިން ޗާޖުގެ ގޮތުގައި އޮޅުވާލައގެން 13500 ރުފިޔާ މީހެއްގެ އަތުން އަތުލައިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއީ މާލޭގައި ހިނގާފައިވާ ޙާދިސާއެއް ކަމަށެވެ. މުޢައްސަސާއެއްގެ ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހެއްގެ ނަމުގައި މީހަކަށް ގުޅާފައި މީހަކު ތިންފޮށިގަނޑު ޙަވާލު ކުރާނެ ކަމަށާއި އެއާ ޙަވާލުވުމަށްފަހު ޝިޕިން ޖާޖަށްވާ 13500 ރުފިޔާ އެ ގެނެސްދޭ މީހާއާ ޙަވާލު ކުރުމަށް އެމީހަކު އެދުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހަކު އެބުނި ތިންފޮށިގަނޑު ލިބުމުން "ޒިންމާދާރު މަޤާމުގައިހުރި މީހާ" އެ ވިދާޅުވި ގޮތަށް ތިން ފޮށިގަނޑު ޙަވާލުކުރަން އައިމީހާއަށް 13500 ރުފިޔާ އެމީހާ ޙަވާލު ކުރިއެވެ. އެއަށްފަހު އެ ހިފައިގެން އެމީހާ ރަށަށް ގޮސް ފޯނުކުރި ކަމަށް ބުނި މީހާއަށް ބައްދަލުކޮށް އެފޮށިގަނޑުތައް ޙަވާލު ކުރުމަށް އުޅުނެވެ. އެހެންނަމަވެސް އެއީ އޭނާއާ ބެހޭ އެއްޗެއް ނޫން ކަމަށް އެމީހާ ބުނި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެ ހިސާބުން އެ ފޮށިގަނޑުތައް ފުލުހުންނާ ޙަވާލު ކުރިއެވެ. "ފޮށިގަނޑުތައް ފުލުހުން ބަލައި ފާސްކުރިއިރު އޭގައިހުރީ ގަލާއި ކުނިބުނި،" ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކުރައްވައިފައެވެ. އެހެންވީމާ މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.
"އެއްވެސް މީހަކު ގުޅާފައި ގިނަ ޢަދަދަކަށް ފައިސާ ދީފައި ޕާރުސަލަކާ ޙަވާލުވުމަށް އެދޭނަމަ އެފައިސާ ނުދެއްވައި ފުލުހުންނަށް އެކަން އަވަހަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރަން،"ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެފައިވެއެވެ.