މިއަދަކީ ޕޮލިސް މެމޯރިއަލް ޑޭ

Memory

މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަ ކުރާ ޕޮލިސް މެމޯރިއަލް ޑޭ އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ގެ ގޮތުގައި ދުވަހެއް ފާހަގަކުރަން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހަމަޖައްސައި 2013 ވަނައަހަރުން ފެށިގެން އެދުވަސް ފާހަގަ ކުރަން ފަށާފައިވަނީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކޮށް ރަސްމީ ޑިއުޓީގައި އުޅެނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ހަމަޖައްސާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 23 ވަނަ ދުވަހެވެ. ޖުލައިމަހުގެ 23 ވަނަދުވަސް މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ހަމަޖެއްސީ އެދުވަހަކީ ފުލުހަކު ރަސްމީ ޑިއުޓީގައި ޤާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ދެކޮޅުވެރިއެއްގެ ނުރައްކާތެރި ޙަމަލާއެއްގެ ސަބަބުން ޝަހީދުވެގެންދިޔަ ދުވަސް ކަމަށްވާތީއެވެ. މިދެންނެވި ފުލުހަކީ ކ. ކާށިދޫ ކެތި، ޕޮލިސް ސާޖަންޓް އާދަމް ޙަލީމް އެވެ. އާދަމް ޙަލީމް ޝަހީދުކޮށްލާފައިވަނީ އޭނާގެ އުފަން ރަށް ކަމުގައިވާ ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހުގެރޭ ރަސްމީ ޑިއުޓީގައި ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ހުއްޓައި ދެކޮޅުވެރިއަކު ތޫނު ހަތިޔާރުން ޙަމަލާ ދީގެންނެވެ.

މިއަހަރުގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އަޙްމަދު ޡުހޫރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ފުލުހުންގެ ޢާއިލާތަކުގެ މެމްބަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވާނެއެވެ. މީގެއިތުރުން ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާނުގައި، ފުލުހުންގެ މަރުކަޒުތަކުގައި ދިދަ 24 ގަޑިއިރަށް ބައި ދަނޑިއަށް ތިރި ކުރާނެއެވެ. މިގޮތުން ދިދަ ތިރި ކޮށްފައި ބަހައްޓަން ހަމަޖެހިފައިވަނީ 2016 ޖުލައި 22 ވަނަ ދުވަހުގެ ރޭގެ 00:00 ން ފެށިގެން 2016 ޖުލައި 23 ވަނަ ދުވަހުގެރޭގެ 00:00 އާއި ހަމައަށެވެ.

ފުލުހުންގެ ޤައުމީ އަދި ޤާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކުގައި މިދުނިޔެ ދޫކޮށްފައިވާ ފުލުހުންނަކީ، ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީ، އޭރު ޖިނާޢީ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭބަންދުގައި ހުރި މީހަކު ޤަވާއިދާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ޤައުމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 2012 ޖުލައި 23 ވަނަ ދުވަހު ޝަހީދު ކޮށްލި ކ. ކާށިދޫ، ކެތި ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް އާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަގަހައްޓައި މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ވެހިކަލް ޗެކް ޕޮއިންޓެއް ޤާއިމްކޮށްގެން ވެހިކަލްތައް ޗެކްކުރުމުގެ ވާޖިބު އަދާކުރުމުގައި އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ޖައްސައި 2013 ޖޫން 01 ވަނަ ދުވަހު ޝަހީދުކޮށްލި، ބ.ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާޙް ޢަބްދުﷲ އާއި، ފުލުހުންގެ ރަސްމީ ޑިއުޓީ ގައި ހުރެ ދޫނިދޫއަށް ދިޔަ ފެރީއެއްގައި އިންނަވަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓި 2007 މާރޗް 13 ވަނަ ދުވަހު ނިޔާވި ވ.ރަކީދޫ،  ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރު އާއި، ކަނޑުމަތީގައި ދިމާވި ހާދިސާއެއްގައި ޙާލުގައި ޖެހުނު ދޯންޏެއްގައި ތިބި މީހުންނާއި މުދާ ސަލާމަތްކުރުމަށް އެ ހާދިސާ ހިނގި ތަނަށް ދިޔަ މަގުމަތީގައި ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި 2006 ނޮވެމްބަރު 22 ވަނަ ދުވަހު ނިޔާވި ލ.ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމް އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.