އަލްޤުދްސަށް ގަދަބާރުން ވެރިވެގަނެގެން ތިބި އިސްރާއީލު ސިފައިން ބަންދުކޮށް ހުޅުވިޔަނުދީ ހުންނަތާ 16 އަހަރުވެފައިވާ އަލްމަސްޖިދު އަލްއަޤްޞާގެ ދޮރުކޮޅު، 'ބާބުއްރަޙްމާ' އިސްރާއީލު ސިފައިން މަނާކުރަމުން ދަނިކޮށް ގަދަކަމުން ހުޅުވައި އެދޮރުކޮޅުން އެތައް ސަތޭކަ ފަލަސްޠީނު މީހުން މިސްކިތަށް ވަދެ، ހުކުރު ނަމާދު ކޮށްފިއެވެ.
އަލްމަސްޖިދު އަލްއަޤްޞާގެ އިރުމަތީ ފަރާތުގައި ހުންނަ އެ ދޮރުކޮޅުން ވަން މީހުންގެ އެންމެ ކުރީގައި ހުންނެވީ އަލްޤުދްސާއި، ފަލަސްޠީނުގެ ރަށްތަކުގެ އިސް މުފްތީ ފަޟީލަތުއްޝައިޚް މުޙައްދު ޙުސައިނެވެ. އަދި އިސްލާމީ ވަޤުފުތަކާ ބެހޭ މަޖިލީހުގެ މެންބަރުންނާއި، އަލްޤުދްސުގެ ޝައިޚުންވެސް ތިއްބެވިއެވެ.
އަލްޤުދްސުގެ އިސްލާމީ މުޤައްދަސު ތަންތަން ބަލަހައްޓާ ޖޯޑަންގެ ވުޒާރަތުލް އަވްޤާފުގެ ދަށުން އޮންނަ ދާއިރަތު އަވްޤާފި އަލްއިސްލާމިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ މިހާރު ބާބުއްރަޙްމާ ހުޅުވާފައިވާ ކަމަށެވެ.
އިސްރާއީލު ސިފައިން 2003 ވަނަ އަހަރުއްސުރެ ބަންދުކޮށްފައިވާ އެ ދޮރުކޮޅު ހުޅުވައި ފަލަސްޠީނު މީހުން ވަދެގަތީ ތަކްބީރުގެ މަތިވެރި ކަލިމަޔާއެކު "އޭ އަޤްޞާއޭ! އަހަރުމެން ތިބާއަށްޓަކައި ފިދާވާނީ ފުރާނައާއި ލެއިން"ނޭ އަޑުހަރުކޮށް ގޮވަމުންނެވެ.
ބާބުއްރަޙްމާ ބަންދުކުރުމަށް ފަހު އިސްރާއީލު ސިފައިން އޮތީ އެދޮރުކޮޅުގެ ކުރިމަތީގައި އޮންނަ މައިދާނުގައި ނަމާދުކުރުންވެސް މަނާކޮށްފައެވެ. ނަމަވެސް އަލްއަޤްޞާ މިސްކިތުގެ ކޮންމެ ތަނެއްގައި ނަމާދުކުރުމުގެ ޙައްޤު މުސްލިމުންނަށް ލިބިގެންވާ ކަމަށް ބުނެ ފަލަސްޠީނު މީހުން ދިޔައީ އިހުތިޖާޖުކުރަމުންނެވެ.
މިއަދު ހުކުރަށް ބާބުއްރަޙްމާ ހުޅުވައި ގަދަކަމުން މިސްކިތަށް ވަދެގަތުމަށް ފަހު، ފަލަސްޠީނު މީހުން ވަނީ އެ ދޮރުކޮޅަށް ދިމާއަށް އޮންނަ މައިދާނުގައި ހުކުރު ނަމާދު އަދާކޮށްފައެވެ.
ފާއިތުވި ހޯމަ ދުވަހުއްސުރެ ފަލަސްޠީނު މީހުން ދަނީ ބާބުއްރަޙްމާ ހުޅުވުމަށް ގޮވާލައި އިހުތިޖާޖުކުރަމުންނެވެ. އެހެންކަމުން، މިއަދު ހުކުރު ނަމާދު ވަގުތުގައި ހަމަނުޖެހުން ހިންގަފާނެތީ އެކަން މައިތިރިކުރަންވެގެން މިއަދު ފަތިހުއްސުރެ އިސްރާއީލު ސިފައިން ވަނީ އަލްޤްދްސުގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ.
އަދި ހުކުރު ނަމާދު ވަގުތު ގަދަކަމުން ބާބުއްރަޙްމާ ހުޅުވި މައްސަލައިގައި 60 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްލަހަތު ނަގާލުމުގެ ކުށުގައެވެ.
1967 ވަނަ އަހަރު އިސްލާއީރު ސިފައިން އަރައި އަލްޤްދްސު ހިފިފަހުން މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ޙަރަމް އަލްއަޤްޞާ މިސްކިތް ވަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ.
Agsaa vanee yahoodheenge alhuvethi kamuga ey jehun ragalhu noon kamah dheken , belumuge dhashuga jehun ragalhu, nuvatha control dhashuga