ޤައުމުތައް އުފެދި ދިރިއުޅެމުން އަންނަނީ އެއަށް ކަނޑައެޅިފައިވާ ޖޯގްރަފީއަކާއި ކަނޑައެޅިފައިވާ ޤާނޫނުތަކަކާއި ،ގަވައިދުތަކަކާއި، އަސާސުތަކަކާއި، އާދަކަދަތަކެއްގެ މަތީގައެވެ. މި ބަހާތަކުގެ ސަބަބުން އެ އުއްމަތެއް ވަރުގަދަވެ ކުރިއަރާފައިވާ ޤައުމުތަކަކުގެ ސަފަށް އުފުއްލިގެން ދެއެވެ. ބިނާކުރުމާއި އާރާސްތުކުރުމުގެތެރެއިންނެވެ. ޢިލްމާއި ސަޤާފަތާއި ރަށްވެހިކަމުގެ ތެރެއިންނެވެ. ޤައުމުތަކާއި އުއްމަތްތައް ކުރިއަރައިގެން ދަނީ މާއްދީ ބިނާކުރުމާއި މާނަވީ ބިނާކުރުމުގެ ތެރެއިންނެވެ.
އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަކީ ޢަމަލުގެ އުއްމަތެކެވެ. އެއީ ކަންނެތް އުއްމަތެއް ނޫނެވެ. އެއީ ބިނާކުރާ އުއްމަތެކެވެ. އެއީ ހަލާކުކޮށް ޚަރާބު ކުރާ އުއްމަތެއް ނޫނެވެ. އެއީ ޙަޟާރަތާއި ތަޢުމީރުގެ އުއްމަތެކެވެ.
އުއްމަތްތައް ބިނާކުރެވެނީ ހުސް އަނގައަކުންނޫނެވެ. އަޗާތެޅުމާއި ،ޝިޢާރުތަކަކުން ނޫނެވެ. އެކަމަކު އުއްމަތްތައް ބިނާކުރެވެނީ ޢިލްމާއި، ޢަމަލާއި، ތަޟްޙިޔާއާއި ،އީޘާރުންނެވެ. އިޙްތިރާމާއި ޤަދަރާއި އަޅައިލުމުގެތެރެއިންނެވެ. ވިސްނުންތެރިކަމާއި އިޚްލާޞްތެރިކަމުގެ ވަސީލަތްތަކުންނެވެ.
ޤައުމުގެ ކުރިއެރުމަށް ބޭނުންވާ ބަހާތކުގެ ތެރެއިން : ޢިލްމު
އެއްވެސް އުއްމަތެއް ޢިލްމަކާނުލައި ކުރިއަކަށް ނުދާނެއެވެ. އުއްމަތް ކުރިއަށް ގެންގޮސްދޭ ބާރަކީ ޢިލްމެވެ. ޙަޟާރަތްތައް ބިނާކޮށްދޭ އާލަތަކީ އިލްމެވެ. އިސްލާމްދީން ޢިލްމަށް ތާރީފުކުރެއެވެ. ޢިލްމު އުނގެނުމަށް ދީން ގޮވައިލައެވެ. އެކަމަށް ހިތްވަރުދެއެވެ. އޭގެ ޝާން މަތިވެރި ކުރެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ - ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމުލިބިގެންވާ މީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.)) މި އުއްމަތުގެ ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِى السَّمَوَاتِ وَمَنْ فِى الأَرْضِ وَالْحِيتَانُ فِى جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ - މާނައީ : ޢިލްމު ހޯދުމަށް ޓަކައި މަގެއް އިޚްތިޔާރުކުރި މީހާއަށް ސުވަރުގެ ދެވޭނެ މަގުތަކުން މަގެއް، ﷲ އިޚްތިޔާރުކޮށް ދެއްވާނެތެވެ.އަދި ހަމަކަށަވަރުން ޢިލްމު އުނގެނުމަށް ޓަކައި މީހަކު ކުރާ މަސައްކަތާ ރުހިވަޑައިގެން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތަކުން އޭނާއަށް ހިޔާ އަޅުއްވާނެތެވެ. ހަމަކަށަވަރުން އުޑުތަކާއި ބިމުގައި އުޅޭހައި އެއްޗެއްސާއި ،ކަނޑުއަނޑިގައި އުޅޭހައި މަސްތައް ޢިލްމުވެރިޔާއަށް ފާފަ ފުއްސަވާދެއްވުމަށް އެދި ދުޢާ ކުރާނެތެވެ. ހަމަކަށަވަރުން ފަނަރަ ވިލޭރޭގެ ހަނދު އެހެނިހެން ގުރަހަތަކުގެ މައްޗަށް އިތުރުވެގެންވާ ފަދައިން އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ އިތުރުވެގެން ވެއެވެ. ހަމަކަށަވަރުން ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ. އެބޭކަލުން ދީނާރެއް އަދ ދިރްހަމެއް ވާރުތައެއް ނުކުރައްވަތެވެ. އެބޭކަލުން ވާރުތަ ކުރެއްވީ އިލްމެވެ. އެއިން މިންވަރެއް ލިބިގެންފި މީހާ ފަހެ ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ. ))
އިސްލާމީ ރިސާލަތު ދުނިޔެއަށް ފޮނުއްވުމުގެ އިޢުލާނުގައި ހިމެނޭ އާޔަތްތައް އަޅުގަނޑުމެންނަށް ގޮވައިލަނީ ޢިލްމު އުގެނުމަށެވެ. ޢިލްމު އުގެނުމަށް ބޭނުން ވަސީލަތަށް އަޅައިލުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ - ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ގަލަމުން ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.)) މި އާޔަތްތައް ހާމަކޮށްދޭ އެންމެ މުހިއްމު ކަމަކީ އިސްލާމްދީނުގައި ޢިލްމު އުނގެނުމަށާއި އުނގަންނާދިނުމަށް ދެއްވާފައި މަތިވެރި މަޤާމަކީ އެހެން އެއްވެސް ކަމަކަށް ދެއްވާފައި ނުވާ މަތިވެރި އަދި ޝަރަފުވެރި މަޤާމެއް ކަމެވެ. މާތް ﷲ މި ކަން ބަޔާންކުރައްވައި އަންގަވާފައި ވެއެވެ. (( قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ - ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ))
ކޮންކަހަލަ ޢިލްމެއް
ނަމަވެސް ޤައުމުތަކާއި އުއްމަތްތައް ކުރިއަރާފައި ވަނީ އަދި ކުރިއަރަމުން އަންނަނި ފައިދާއާއި ލާބަހުރި ޢިލްމުންނެވެ. އިސްލާމްދީން ގޮވައިލަނީ ﷲގެ ނަންފުޅުން ޢިލްމު އުނގެނުމަށެވެ. ﷲގެ ނަންފުޅުން ކިޔެވުމަށް ގޮވައިލެއްވުމުން އެނގެނީ ޢިލްމު އުނގެނެން ޖެހޭނީ އިންސާނިއްޔަތަށް މަންފާހުރި ދާއިރަތަކުން ކަމެވެ. އަދި މި ޢިލްމު ހޯދުމަށް ޓަކައި ޢިލްމު ލިބެން ހުރި އެންމެހައި ތަންތަނަށް ދިޔުމަށް ވެސް އިސްލާމްދީން ގޮވައިލައެވެ. ދީނަށާއި ދުނިޔެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ޢިލްމުތައް އުނގެނުމަށް ދީން އަމުރު ކުރެއެވެ.
ތަރައްޤީ ވުމަށް ޓަކައި ޢިލްމުގެ ބޭނުން ކުރި ޤައުމުތައް މިއަދު ކުރިއަރައިގެން ގޮސްފައިވާ ތަން ފެނެއެވެ. ޖަޕާނާއި ދެކުނު ކޮރެއާއި ސިންގަޕޫރު ފަދަ ކުދިކުދި ޤައުމުތައް ކުރިއަރައިގެން ގޮސް ތަރައްޤީގެ އެންމެ ކުރީ ސަފަށް އެ ޤައުމުތަކަށް ދެވިފައި އެވަނީ އެ ޤައުމުތަކުގެ ޤުދްރަތީ މުއްސަނދިކަން މާ ބޮޑުވެގެންނެއް ނޫނެވެ. އެކަމަކު އެ ޤައުމުތަކުން ޢިލްމަށާއި އެ ޤައުމުތަކުގެ އިންސާނީ މުއްސަނދިކަން ބިނާކުރުމަށާއި، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކުރި އީޖާދީ މަސައްކަތްތަކުގެ ސަބަބުންނެވެ.
އސްލާމީ އުއްމަތަށް ބަލާއިރު އިސްލާމީ ދައުލަތް ފެށުނުއިރު އެއީ މައްދީ މުއްސަނދިކަމެއް ނެތް ދައުލަތެކެވެ. ނަމަވެސް ސައްތައެއްހާ އަހަރުގެ ތެރޭގައި މުސްލިމުން ވަނީ ބޮޑު ޙަޟާރަތެއް ޤާއިމުކޮށްފައެވެ. ދީނީ ޢިލްމުތަކާއި ޠަބީޢީ ޢިލްމުތަކުގައި އުފެއްދުންތެރި ފުދުންތެރި ބަޔަކަށް ވެފައެވެ. ދުނިޔެ މިއަދު މި ދެކޭ ޢާލަމީ ސަޤާފަތާއި ޒަމާނީ ޢުލޫމުގެ ބިންގާ އަޅައިދީ އެ ޢިލްމުތައް ފެތުރީ މުސްލިމުންނެވެ. ބަޔަކު މި ޙަޤީޤަތާ ދެކޮޅު ހެދިޔަސް ދުނިޔޭގެ ގިނަ ބަޔަކު މިއަދު މި ޙަޤީޤަތް ޤަބޫލު ކުރެއެވެ. މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. (( މުދަލަށް ވުރެ ޢިލްމުގެ ހެޔޮކަންބޮޑެވެ. ޢިލްމު ތިބާ ރައްކައުތެރިކޮށް ދޭނެތެވެ. އެކަމަކު ތިބާއަށް މުދާ ރައްކައުތެރި ކުރަން ޖެހޭނެތެވެ. ޢިލްމަކީ ޙާކިމާއެވެ. މުދަލަކީ ބަލަހައްޓަން ޖެހިފައިވާ ރައްޔިތެކެވެ. ތިބާ މުދާ ހޭދަކުރުމުން އެ ހުސްވިޔަސް ތިބާ ޢިލްމު ހޭދަކުރުމުން އެ ހެދި ބޮޑުވާނެތެވެ. ))
ޢަމަލާއި މަސައްކަތް ރަނގަޅަށް އެނގުން
އިސްލާމްދީނުގައި ރަނގަޅު އުފެއްދުންތެރި ކުރުންތެރި ޢަމަލަކީ ވަރަށް ޤަދަރުވެރި އަދި އިޙްތިރާމު ލިބިގެން ވާ އެއްޗެކެވެ. އޭގެ މަޤާމާއި އަގު ވަނީ އުފުލިފައެވެ. އިސްލާމްދީން ދެކޭގޮތުގައި ތަރައްޤީއާއި ކުރިއެރުމުގެ ވަސީލަތަކީ މަސައްކަތްތެރިކަމެވެ. އުފެއްދުންތެރިކަމެވެ. އެއީ އެކަމަށް ސަވާބު ލިބިގެންވާ ކަމެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (( فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ - ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! ))
ކީރިތި ރަސޫލާ މުސްލިމުންނަށް ގޮވައިލައްވާފައި ވަނީ މަސައްކަތް ކުރުމަށެވެ. އަދި ކުރާ މަސައްކަތެއް ރަނގަޅަށް ބަރާބަރަށް ކުރުމަށެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((إنَّ اللهَ يُحِبُّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُتْقِنَهُ - ތިޔަބައިމީހުންގެ ތެރެއިން މީހަކު މަސައްކަތެއް ކުރާއިރު އެ ކަމެއް ރަނގަޅަށް ފުރިހަމަކޮށް ކުރުމަކީ ، ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. )) އުއްމަތްތައް ތަރައްޤީ ވަނީ މަސައްކަތުގެ ސަބަބުންނެވެ. ކުރާ މަސައްކަތް ކުރަން ޖެހޭ ގޮތަށް ރަނގަޅަށް ކޮށްގެންނެވެ. އުއްމަތުގެ ބިނާތައް ވަރުގަދަ ބިނާއަކަށް ވާނީ ރަނގަޅަށް ފަރުވާކުޑަކުރުމެއްނެތި މަސައްކަތެއް ކޮށްގެންނެވެ. ތިބާ ކުރާ މަސައްކަތްތަކަށް ފާރަލައި ފަރާތެއް ނެތީމާ ފަރުވާކުޑަކޮށްލާއިރު މާތްﷲ ތިބއާއެކު ވޮޑިގެންވާ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.
މަސައްކަތްނުކޮށް ސަލާންޖެހުން
މަސައްކަތްނުކޮށް ސަލާންޖަހަން އުޅުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިސްލާމްދީން މުސްލިމުންނަށް ގޮވައިލަނީ މަސައްކަތެއް ނުކޮށް ސަލާންޖަހަން މީހަކު އުޅޭނަމަ އޭނާއަށް މަސައްކަތެއް ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ. އިސްލާމީ އުއްމަތް ކުރިއަރައިގެން ދިޔައީ މިހެންވެގެންނެވެ. އިސްލާމީ ދައުލަތުގެ ރަން ޒަމާނުގައި ފުދުންތެރިކަން ޢާއްމުވުމުގެ ސަބަބުން ޒަކާތު މުދަލުން ބައި ޙައްޤުވާ މީހުން ނެތިގެން ދިޔަ ޒަމާނެއް އައިސްފައި ވެއެވެ. ނަމަވެސް މިއަދުގެ މުސްލިމުންގެ ޙާލަތާމެދު ހިތާމަ ކުރަން ޖެހެއެވެ. އެކަމަކު މިއީ އިސްލާމްދީނުގައި އޮތް އުނި ސިފައެއް ނޫނެވެ. އެއީ މިއަދުގެ މުސްލިމުންގެ ކިބައިގައި ހުރި އުނި ސިފައެކެވެ. މާތް ﷲ ރުއްސުން ލެއްވި ސުފްޔާނުއްޘައުރީ އަށް އަލްމަސްޖިދުލްޙަރާމުގައި އިށީނދެ ތިބި ބަޔަކު ފެނިވަޑައިގެން އެމީހުންގެ ޙަލުއަޙްވާލާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެމީހުންގެ ޙާލު އެނގިވަޑައިގަތުމުން ވިދާޅުވިއެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ﷲގެ ދަރުމަވަންތަކަމުން ރިޒްޤު ހޯދާށެވެ! މުސްލިމުންގެ މައްޗަށް އޮތް ބުރައަކަށް ތިޔަބައިމީހުން ނުވާށެވެ! ))
އުފެއްދުންތެރިކަމާއި އައު އީޖާދު
އުއްމަތެއް ކުރިއަރާފައިވާ މިންވަރު މިނެދޭ ނުވަތަ ވަޒަންކޮށްދޭ ތަރާދަކީ އެ އުއްމަތެއްގެ ޢިލްމީ ޤާބިލުކަމާއި އުފެއްދުންތެރިކަމާއި އަލަށް އީޖާދު ކުރެވޭ އީޖާދުތަކެވެ. އެކަމުގެ ސަބަބުން އެ އުއްމަތުގެ އިޤްތިޞާދުގެ ކުރިއެރުމާއި ފާގަތިކަމާއި ޢާއްމު ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދާތީއެވެ. އެހެން މީހުންނަށް ބަރޯސާވުން ނެތިގެން ދާތީއެވެ.އެފަދަ ޤައުމުތަކުގައި އުފެއްދުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އައު އެއްޗެހި އުފެއްދުމަށާއި އުފައްދާފައި ވާ އެއްޗެހި އިތުރަށް ތަރައްޤީކުރާނެ ގޮތްތަކާމެދު އަބަދު ވެސް އޮންނަނީ ވިސްނަން ޖެހިފައެވެ. އޭނާގެ ފުށުން މި އުފެއްދުންތެރިކަން ނުފެންނަނަމަ އޭނާއަށް ވަޒީފާ ގެއްލިދާނެތެވެ. ނުވަތަ ވަޒީފާ ދަށަށް ހިނގައިދާނެތެވެ. ކުޑަކުޑަ މިސާލަކަށް ބަލައިލަމާ ހިނގާށެވެ! އައިފޯނާއި ސެމްސުންގް ފޯނު ފަދަ މަޝްހޫރު ފޯނު ކުންފުނިތަކުން އެ ކުންފުނިތަކުގެ އަންނަނީ އެ ކުންފުނިތަކުގެ ފޯނުތައް ތަރައްޤީ ކުރަމުންނޫން ތޯއެވެ؟ ކީރިތި ޤުރްއާނުގެ ބައެއް ނައްޞުތަކަށް ބަލައިލުމުން ފެންނަނީ ކޮން އެއްޗެއްތޯއެވެ؟ ކީރިތި ޤުރްއާން ގޮވައިލަނީ ވިސްނާ ފިކްރު ކުރުމަށެވެ. ހަރުވެ ގައުވެފައިވާ ބަޔަކަށް ނުވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ - اللَّه، އެކަލާނގެ އާޔަތްތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. (( كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَتَفَكَّرُونَ - ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލުކޮށް ދެއްވަނީ އެފަދައިންނެވެ. )) މާތް ﷲގެ މި ބަސްފުޅުތަކުގައި އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ އެކަލާނގެ މި ކައުނުގައި ލައްވާފައިވާ ތަފާތު ކަންތައްތަކާމެދު ވިސްނާ ފިކްރު ކުރުމަށެވެ. މި ވިސްނުމުގެ ސަބަބުން ކިހާ ބޮޑެތި ހޯދުންތަކެއް ހޯދިފައި ވޭތޯއެވެ؟ ﷲ މި ކައުނުގައި ލައްވާފައި މިވާ ކަންތައްތަކުން ޢިލްމީ ކިތައްކިތައް ޙަޤީޤަތް ދެނެގަނެވުނު ތޯއެވެ؟ ޖާޒްބިއްޔަތާ ބެހޭ ޤާނޫނުތަކާއި ކަރަންޓާ ބެހޭ ޤާނޫނުތަކާއި މޫސުމާބެހޭ ކަންތައްތަކާއި މަތިންދާބޯޓުފަހަރާއި އަޑިންދާބޯޓުފަހަރާއި ކަނޑުގައި ދުވާ ނަވުޒޯނގުފަހަރު އީޖާދު ކުރެވުނީ އިންސާނުން މި ކަންކަމާމެދު ވިސްނައި ފިކްރުކުރުމުގެ ސަބަބުންނެވެ.
ބިނާކުރެވޭނީ ޢަދްލު އިންސާފާއި ހަމަހަމަ ފުރްޞަތުގެ ތެރެއިން
މުޖްތަމަޢަކަށް ހަމަޖެހުން ލިބޭނީ އަދްލު އިންސާފުންނެވެ. ޢަދްލު އިންސާފު ނެތި އަދި ހުރިހާ މައިދާންތަކެއްގައި މީސްތަކުންނަށް އުނގެނި މަސައްކަތް ކުރުމުގެ ހަމަހަމަ ފުރްޞަތު ނުލިބި މުޖްތަމަޢަކަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. ހަމަޖެހުމެއް ނެތި ތަނެއް ކުރިއެއް ނާރާނެއެވެ. ތަރައްޤީ ކުރުމަށް ބޭނުންވާ މާޙައުލެއް ނުލިބޭނެއެވެ.
ޤާބިލު މީހުންގެ މައްޗަށް ބަސްއަހައި މީހުން އިސްކޮށްގެން ތަނެއް ކުރިއަކަށް ނުދާނެއެވެ. އެ ފަދަ ޤައުމަކަށް ކުރިއެރުމުގެ މަގެއް ނުފެންނާނެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙި ކުރެއްވިއެވެ. (( قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ إِنِّي حَفِيظٌ عَلِيمٌ - އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރު ގެ) ބިމުގެ ޚަޒާނާ ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.)) މި ބަސްފުޅުން ޔޫސުފުގެފާނަށް މިޞްރުގެ މާލީ ވަޒީރުކަން އަރުވަން ޖެހޭ ސަބަބު އެނގެއެވެ. ޔޫސުފުގެފާނަކީ މިޞްރުގެ ޝާހީ ޚާންދާނުގެ ބޭފުޅެއް ނޫނެވެ. އެކަމަކު އެކަލޭގެފާނުގެ ކިބައިގައި އެ މަޤާމުގެ ޤާބިލުކަން އެބަ ހުށްޓެވެ. އެއީ އަމާނާތްތެރިކަމާއި ޢިލްމުވެރިކަމެވެ. އެކަލޭގެފާނުގެ ކިބައިގައި ފަސާދަވެރިކަމެއް ނެތެވެ. ޔޫސުފުގެފާނަށް އެ މަޤާމު އެރުވުމުގެ ސަބަބުން އެފްރިކާގެ ޤައުމުތަކާ ކުރިމަތިވި ބޮޑު ހަނަފަސްކަމުގެ ދުވަސްވަރު މިޞްރު ބަނޑަށް ނުޖެހި ސަލާމަތް ވިއެވެ. އަދި މިޞްރުގެ ތަނަވަސްކަން އަވަށްޓެރި ބައެއް ޤައުމުތަކަށް ވެސް ލިބުނެވެ.
ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ޝުޢައިބުގެފާނުގެ ދަރިކަނބަލެއްގެ ދޫފުޅުން އައިސްފައިވާ ބަސްފުޅަށް ބައްލަވާށެވެ. އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَبَتِ اسْتَأْجِرْهُ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ - އޭ ބައްޕާއޭވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ. )) މި އާޔަތުގައި ވެސް މަސައްކަތް ޙަވާލު ކުރައްވަން މި އެދިވަޑައިގެންނެވީ މޫސާގެފާނާއެވެ. އެކަލޭގެފާނަކީ ބީރަށްޓެއްސެކެވެ. އެކަލޭގެފާނުގެ ކިބައިގައި ޙަވާލު ކުރެވޭ މަސައްކަތް ކުރެއްވުމުގެ ޤާބިލުކަން ހުރީތިއެވެ. އެއީ އަމާނާތްތެރިކަމާއި މސައްކަތް ކުރުމަށް ބޭނުންވާ ގައިބާރެވެ. އެކަލޭގެފާނަކީ މަސައްކަތަށް މަކަރު ނަހައްދަވާނެ ބޭކަލަކަށް ވީތީއެވެ. ޚިޔާނަތްތެރިވެ ވަޑައިނުގަންނަވާނެތީއެވެ.
އިސްލާމްދީން މީސްތަކުންނަށް ޢަދްލުވެރިވުމަށް އެންގެވިއެވެ. މި ކަމުގައި މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމަށް އެންގެވިއެވެ. ޢަދްލުވެރިކަމަކީ ވެރިކަމުގެ އަސާސެވެ. އުއްމަތްތަކުގެ ބާއްޖަވެރިކަމުގެ މަގެވެ. އުއްމަތެއް ދެމި އޮންނާނީ އެ އުއްމަތެއްގައި ޢަދްލުވެރިކަން އޮތް މިންވަރަކުންނެވެ. މިހެންވެ، ޢިލްމުވެރިން ވިދާޅުވަނީ (( އެއީ ކާފިރު ދައުލަތަކަށް ވިޔަސް މާތް ﷲ ޢަދްލުވެރި ދައުލަތަށް ނަޞްރު ދެއްވާނެތެވެ. އަދި އެއީ މުސްލިމު ދައުލަތަކަށް ވިޔަސް އަނިޔާވެރި ދައުލަތް ބަލިކަށި ކުރައްވާ ނިކަމެތި ކުރައްވާނެތެވެ. ))
ވަޠަނަށް ޓަކައި ޤުރްބާން ވުން
ޤައުމު ކުރިއެރުވޭނީ ޤައުމުދެކެ ލޯބިވެގެންނެވެ. ޤައުމަށް ޓަކައި ޤުރްބާން ވެގެންނެވެ. ޤައުމުދެކެ ލޯބިވުމަކީ ހަމައެކަނި ޖަޒްބާތުތަކެއް ނޫނެވެ. އަދި އެއީ ހަޅޭއްލެވުންތަކެއް ނުމެނޫންމެއެވެ. ޤައުއުމުދެކެ ވާ ލޯބި ޢަމަލުންނާއި ސުލޫކުން ފެންނަން ޖެހޭނެއެވެ. ވަޠަނަކަށް ނިސްބަތްވާ ނިސްބަތްވުމަކީ އަގުބޮޑު އެއްޗަކަށް ވާން ޖެހޭނެއެވެ. ޤައުމު ރައްކައުތެރިކުރުމަށް ޓަކައި އެންމެން އެކަތިގަނޑަކަށް ވާން ޖެހޭނެއެވެ. އެންމެން އެއްބައިވަންތަވެ ޤައުމުގެ ވަޙްދަތަށް ޓަކައި ފުންމައިގެން ތެދުވަން ޖެހޭނެއެވެ.
ޤައުމަށް ޓަކައި ނަފްސުންނާއި މުދަލުންނާއި ފިކްރުންނާއި ވަގުތުން ޤުރްބާން ވެވިދާނެއެވެ. ޢިލްމު ފެތުރުމަށާއި ޢިލްމު އުނގަންނާ ދިނުމަށާއި ދަރިން ތަރްބިޔަތު ކުރުމަށާއި ޤައުމުދެކެ ލޯބިވާ ވެރިން ބިނަކުރުމަށާއި ޢިލްމުވެރިން އުފެއްދުމަށް ޓަކައިވެސް ޤުރްބާން ވެވިދާނެއެވެ.
ޤައުމުގެ ކޮންމެ ފަރްދަކު އަދާކުރަން ޖެހޭ ދައުރެއް ވެއެވެ. އެ ފަރްދަކަށް އަދާކޮށްދެވެން އޮތް ކޮންމެ ކަމަކުންނެވެ. އެއީ ވަކި މައިދާނެއްގައި ހުރި ވަކި މީހަކަށް އޮތް ކަމެއް ނޫނެވެ. ޤައުމުގެ ނަން އުފުލުމަށާއި ޤައުމު ތަރައްޤީ ކުރުމަށާއި ޤައުމުގެ ފާގަތިކަމަށް ޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ފަރްދެއްގެ ވާޖިބެކެވެ.
ޢިލްމީ ގޮތުންނާއި ޙަޟާރީ ގޮތުން ކުރިއަރާފައިވާ ހުރިހާ ޤައުމުތަކެއް ވެސް ކުރިއަރާފައިވަނީ އެ ޤައުމެއްގެ އިޚްލާޞްތެރީންގެ ހިތްތަކުގައި ފުރިފައިވާ ޤައުމީ ލޯތްބާއި ހަރުދަނާ ޢަޒްމާއި، މަސައްކަތާއި، ހޭދަޔާއި ، ފިކްރާއި ، ވިސްނުމާއި ، ރޭވުންތެރިކަމުގެ ސަބަބުންނެވެ. ޚިޔާނަތާއި ފަސާދަ ދުރަށް ލައިގެން ޤައުމަށް ޓަކައި އޮޅައިލި އަތުކުރިތަކުގެ ސަބަބުންނެވެ.
ވަރަށް ފުރިހަމަ ލިޔުމެއް. މާތް ﷲ ތިބާ އަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.