މީގެ ތިންހަތަރު މަސްދުވަސް ކުރިން އަޅުގަނޑަށް ލިބުނު އީ މެއިލެއްގެ ސަބަބުން ކުރިން ވިސްނިފައި ނެތް ދިމާއަކަށް ފުންކޮށް ވިސްނައިލެވުނެވެ. އެ އީ މެއިލުގައި އޮތް މައިގަނޑު ޚަބަރު، މިހާރު އިންޓަނެޓުގައި އެކި ބައިބައި ބަދަލުވެފައި ހުއްޓައިވެސް އެބަ ފެނެއެވެ. އަޅުގަނޑަށް ލިބުނީ ރައްޓެއްސަކު ކިޔާފައި އޭނާވެސް އަޅުގަނޑަށް ' ފޯރުކުރި' މެއިލެކެވެ. ލިޔެފައި އޮތީ އަރަބި ބަހުންނެވެ.
އެ އިލެކްޓްރޯނިކް ސިޓީގައި އޮތީ ޖަރުމަން ވިލާތުގައި ކިޔަވާ އަރަބި ޒުވާނުންގެ ބަޔަކު، އެމީހުންގެ ރަށު ކުއްޖަކު ޖަރުމަނަށް ކިޔަވަން އައުމުން މި އަލަށް އައި ކުއްޖާއަށް، ކުރިން ވިލާތަށް ގޮސް ހޭނިފައި ތިބި ދަރިވަރުން ދިން ކެއުމެއްގެ ވާހަކައެވެ. އެ ލިޔުމުގައިވާ ގޮތުން، މި އަލަށް އައި ޒުވާނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ރެސްޓޯރެންޓަކަށް ގޮސް (އަރަބީންގެ އާދަކާދައިގެ މަތިން) އެ ޒުވާނުންނަށް ނުކެވޭ ވަރަށް ކާނާއަށް އެދިއްޖެއެވެ! މިއީ ހިތްހެޔޮ ކަމާއި ދީލަތިކަމާއި އޭނާ އަށް ކިޔާ މަރުހަބާ އިތުރަށް ހޫނު ކޮށްލުމުގެ ގޮތުން އެމީހުން ކުރި ކަމެކެވެ. ދެތިން ހަތަރު ޒުވާނުން އެދިގެން ގެނައި ކެއުމަކީ ދިހަ މީހުންނަށްވެސް ފުދި އިތުރުވާ ވަރަށެވެ!
އެމީހަކަށް ކެވުނު އެއްޗެއް ކައި، ބޮވުނު އެއްޗެއް ބޮއި ނިމިގެން ބިލަށް ފައިސާ ދައްކާފައި ރެސްޓޯރެންޓުން ނިކުންނަން ދިޔައިރު، ނިކުންނަ ދޮރު ކައިރީގައި ހުރި މޭޒެއްގެ ދޮށުގައި އުމުރުން ދޮށީ ޖަރުމަނު ބަޔަކު ތިއްބެވެ. މި އަރަބި ޒުވާނުން އެމީހުންގެ މޭޒާއި އަރައި ހަމަވުމުން، އެމޭޒުގައި އިށީނދެ، އަރަބިން ކަންތައް ކުރިތަން ބަލަން ތިބި ކަމުގެ އިޝާރާތެއް ކޮށްފައި ބުނީ، އެ ގޮތަށް ކަންތައް ކުރީ ކީއްވެގެންތޯއެވެ! އަރަބި ޒުވާނުން ހައިރާން ކަންމަތީގައި ކުރި ސުވާލަކީ، އެމީހުންނަށް ކުރެވުނު ކުށަކީ ކޮބައިތޯއެވެ! ކުރިން ވާހަކަ ދެއްކި މީހާ އިތުރަށް ކިޔައިދިނެވެ. ނުކެވޭވަރަށް ކާނާއަށް އެދުނީ ކީއްވެތޯ އެވެ! އަރަބިން ދިން ޖަވާބަކީ، އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން ކަމުގައެވެ! މޭޒުމައްޗަށް ގެނައި ކޮންމެ ބާވަތެއްގެ ކޮންމެ ‘ތައްޓަކަށް’ އޮންނާނީ އަގު ދައްކައި ޚަލާސް ކޮށްފައެވެ! އުމުރުން ދުވަސްވީ ޖަރުމަނު މީހާ ބުނީ ކީކޭ ކަމަށްތޯއެވެ؟
” ގުދުރަތުން އަހަރުމެނަށް ދެއްވި ރޯއްޖަކީ އަހަރުމެންގެ މިލްކެކެވެ! ދެންމެ ތިޔަ ދެއްކި ފައިސާއަކީ ކަލޭމެންގެ އެއްޗެކެވެ! ކަލޭމެން ދެންމެ އެދިގެން އެ މޭޒުމައްޗަށް ގެނައި އެއްވެސް އެއްޗެއް ދެން އެހެން މީހަކު ނުކާނެއެވެ! އެހެން މީހަކު އެދުނު ނަމަވެސް އެތަކެތި ދެން އެހެން މޭޒަކަށް ގެންދިޔުމަކީ މި ރަށުގައި ހުއްދަ ކަމެއް ނޫނެވެ! ވިމާ، ކަލޭމެން ތިޔަ އިސްރާފު ކުރީ ޖަރުމަނު ރައްޔިތުންގެ ގުދުރަތީ މުއްސަނދި ކަމުގެ ތެރެއިން ބައެކެވެ! ދެންވެސް އާންމު ތަނެއްގައި ކާން ބޭނުންނަމަ، ކާން ގަސްތު ކުރާ މިންވަރަކަށް އެދޭށެވެ، އިތުރަށް ކާން ބޭނުންނަމަ އިތުރަށް އެދޭށެވެ! ކާނާ އިސްރާފު ކުރުމަކީ އެއަށް އަދި ފައިސާ ދެއްކި ނަމަވެސް ކުރާން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ! “
މި ލިޔެވުނު ވާހަކައަކީ ތެދެއް ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް މިއީ އިބުރަތެއް ލިބޭ ފިލާވަޅެކެވެ! އަޅުގަނޑުމެން ވިސްނުމެއް ނެތި ހަދާ ކޮންމެ ގޯހަކީ ފައިސާއިން ނިވާކޮށް ފޮރުވޭނޭ ކަންކަމެއް ނޫނެވެ.
ޖަޕާނު ސަރުކާރުން ދައުވަތު ލިބި ދިވެހި ދަރިވަރުން ޖަޕާނުގެ ފުކުއޯކޯއަށް ކޮންމެ އަހަރަކުހެން ޒިޔާރަތް ކުރަމުންދާތާ ވަރަށް ގިނަ އަހަރު ވެއްޖެއެވެ. މި ދަތުރުގައި ދިވެހި ދަރިވަރުން ފުކުއޯކޯގެ ކޮންމެވެސް އާއިލާއެއްގެ މެހެމާންދާރީގައި މަޑުކޮށްލުމަކީވެސް ހަމަޖެހިފައިވާ ގޮތުން ދަތުރުގެ ބައެކެވެ. ދިވެހި ދަރިވަރަކު ރޭގަނޑުގެ ކެއުމަށް، ތަށްޓަށް އެޅި ކާނާ ހުސްނުކޮށް ކައި ނިންމާލުމުން އެ އާއިލާގެ އިސްމީހާ ބުނިކަމަށް ވެއެވެ. ދިވެހި ކުއްޖާގެ ނަމުން މުޚާތަބު ކުރަމުން، ” ….. ތައްޓަށް އެޅި ކާނާ ހުސް ނުކުރީ ކީއްވެ ހެއްޔެވެ؟ …… އެވެ! މި ދުވަސްވަރަކީ ޖަޕާނުގެ އިގްތިސޯދު މާ ރަނގަޅު ދުވަސްވަރެއްވެސް ނޫނެވެ! ހަގީގަތުގައި މި އަހަރަކީ ބޭރު މެހެމާނުންނަށް ދައުވަތު ދީގެން ޖަޕާނަށް ގެނައުން އެންމެ އެކަށީގެންވާ އަހަރެއްވެސް ނޫނެވެ! ނަމަވެސް، ބައިނަލް އަގުވާމީ ކަންކަމުގައި އަހަރުމެން ބައިވެރިވާ ހިތްވާލެއް ބޮޑު ކަމުން ކުރިން ފެށިފައިވާ މި ޕްރޮގްރާމު މެދު ކަނޑައިލަން ބޭނުން ނުވަނީއެވެ! ވީމާ އިސްރާފު ނުކޮށް، ބަލައިގެން ކައި އުޅުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ! ” މިވާހަކައަކީ މި ދަރިވަރު މާލެ އައިސް އެންމެ ފުރަތަމަ އޭނާގެ މަންމައަށާއި ބައްޕައަށް ކިޔައިދިން ‘ ޖަޕާނު ފިލާވަޅެވެ!”
މިއީ އަޅުގަނޑުމެން އިސްލާމުންގެ ކިބައިން އިސްލާން ނޫން މީހުން ދަސްކުރަންޖެހޭ ފިލާވަޅެއް ނޫންބާއެވެ؟ އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު އަޑުއަހާ ވާހަކައެއް ދަންނަވައިލާނަމެވެ. އެއީ އެއްދުވަސްވަރެއްގައި މިސްރުގެ މުފްތީ ކަމާއި ޝައިޚުލް އަޒްހަރުގެ މަގާމު ފުރުއްވި އައްޝައިޚް މުޙައްމަދު ޢަބްދުހް ގެ މަޝްހޫރު ބަސްކޮޅެކެވެ. ފަރަންސޭސި ވިލާތުގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، އެނބުރި މިސްރަށް ވަޑައިގެން ވިދާޅުވީ ” އަހަރެން މި އައީ ހުޅަނގުގެ ގައުމަކުންނެވެ. އެ ގައުމުން އިސްލާންދީން ފެނުނެވެ. ނަމަވެސް އިސްލާމުންނެއް ނުދެކެމެވެ. (ތުރުކީ ވިލާތަށާއި އަރަބި ބައެއް ގައުމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ) އިސްލާމުންގެ ރަށްރަށަށްވެސް ދަތުރު ކުރީމެވެ. އެ ރަށްރަށުން އިސްލާމުން ފެނުނެވެ، އިސްލާން ދީނެއް ( އެމީހުންގެ އަމަލުތަކަކުން) ނުފެނުނެވެ! ” އެ ވިދާޅުވީ ޖަޕާނު އާއިލާއަކުން ދިވެހި ދަރިވަރަށް ދަސްވި ކަހަލަ ފިލާވަޅުގެ ވާހަކައެވެ! ދިވެހި ދަރިވަރުގެ ބައްޕަ އަޅުގަނޑު ގާތުގައި ވަރަށް އަސަރާއިއެކު ބުންޏެވެ! ” ދަރިފުޅަށް އަހަރުމެން ކިޔައިދޭންޖެހޭ އެއްޗެއް އެ ކިޔައިދިނީ މާ ދުރު މީހެކެވެ! “
ކާނާ އާއި ދަނޑުވެރިކަމާއި ބެހޭ އދ ގެ ޖަމިއްޔާ އިން ހާމަ ކުރާ ގޮތުގައި ދަނޑުވެރިން ހައްދާ ކާނާގެ ތިންބައި ކުޅަ އެއްބައި އިންސާނަކަށް އެއްވެސް ފައިދާ އެއް ނުކޮށް ގެއްލި ދަނީ، ދަނޑު ހެއްދި މީހާ އާއި ގަންނަން ބޭނުންވާ މީހާ އާއި މެދުތެރޭ ހިސާބަކުންނެވެ! މާނަ އަކީ، ހަނަފަސްކަމުން، ނުވަތަ ފެންބޮޑުވުން ފަދަ ސަބަބެއް މެދުވެރިވެގެން ދަނޑު ނުހެއްދިގެން ދިމާވާ ކަމެއް ނޫނެވެ. ހައްދައި، ބާޒާރަށް ނެރެ ވިއްކުމުގެ ކޮންމެވެސް މަރުހަލާ އެއްގައި ފީވެ ހަލާކުވުން ނުވަތަ ފަނިފަކުސާ ނުވަތަ ދޫނި ސޫފާސޫފި ނުވަތަ މީދަލުގެ ސަބަބުން ނަމަވެސް، މިފަދަ ކަންކަމާއި ހުރެ ގަންނަން ބޭނުންވާ މީހާ އަށް ނުލިބި ހަލާކުވުމެވެ!
އިނގިރޭސި ވިލާތުގައި ކާނާގެ ދެބައި ކުޅަ އެއްބައި އިސްރާފު ވަނީ ގޭގެއަށް ގެނައުމަށް ފަހު، މީހެއްގެ ބަނޑަށް ނުވަދެއެވެ! މި ފަދަ އިސްރާފުގެ ސަބަބުން ބޭކާރު ގޮތުގައި ގެއްލެނީ ހަމަ އެކަނި ފައިސާއެއް ނޫނެވެ! ދަނޑުވެރި ކަމުގައި ބޭނުންކުރެވޭ ފެނާއި ގަސްކާނާ އާއި އެތައްބައެއްގެ ބުރަ މަސައްކަތުން ވެސް ބޮޑު ބައެކެވެ! އެފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހޭދަވި ހަކަތަ އާއި ހަކަތައިން އެރި ދުމާއި، ( މި ދުމަކީ ދުނިޔެ ހޫނުކުރާ އެއް ބާވަތެވެ) މިފަދަ އެތައް އެއްޗެއް އިސްރާފުގެ ތެރޭގައި ހިމަނަން ޖެހެއެވެ!
އިނގިރޭސި ވިލާތުގެ މަޝްހޫރު ގާޑިއަން ނޫހާއި ދުނިޔޭގެ އެތައް ގައުމެއްގައި ސުޕަރމާކެޓު ތަކެއް ހިންގާ މަޝްހޫރު ޓެސްކޯ ކުންފުންޏާއި ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ކާނާ އިސްރާފުވެގެންދާ މިންވަރަށް އަލިއަޅުވައިލެވި ވާހަކަ ދެކެވުނެވެ. މި ބައްދަލުވުމުގައި ޓެސްކޯ އިން ހާމަ ކުރި ގޮތުގައި އެމީހުންގެ އެކި އެކި ފިހާރަތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކުރިން އެތަކެތި ޖަމާކުރާ ގުދަންތަކާއި އެތަކެތި ގެންދާ ގެންދިޔުމުގައި އަހަރަކު 28500 ޓަނުގެ ކާބޯތަކެތި އުކައިލާން ޖެހެއެވެ. އުކައިލާ ތަކެތީގެ 21% އަކީ މޭވާ އާއި ތަރުކާރީއެވެ. އުކައިލެވޭ ތަކެތީގެ ތެރެއިން 41% ހިއްސާ ކުރަނީޕާނާއި ބަނަހުގެ ވައްތަރުތަކެވެ. އަދި އިނގިރޭސި ވިލާތުގެ ބާޒާރަށް އަމާޒުކޮށް، ކޮތަޅުގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ސަޓަނި ހެދުމަށް ކޮށާފައި ހުންނަ ތަކެތީގެ ތެރެއިން 68% އަކީ މީހެއްގެ ބަނޑަށް ނުފޯރައި އުކައިލެވޭ ތަކެއްޗެވެ!
މިހައި ގިނަ ކާނާ އިސްރާފު ކުރެވޭ އަޑު އަހަން އަމިއްލަ ޖަމިއްޔާތަކުންނާއި، ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި، ވަރަށް ގިނަ ސިޔާސީ ބޭފުޅުންވެސް ތިއްބެވިއެވެ! ހާޒިރުވެ ތިއްބެވި އެންމެންވެސް އެއްބަސްވެ ވަޑައިގަތީ މިފަދަ އިސްރާފެއް ހުއްޓުވޭނެ ގޮތެއް ވަރަށް އަވަހަށް ހޯދަން އެބަ ޖެހޭ ކަމުގައެވެ! އެންމެ ކަންބޮޑުވާ އަނެއް ސަބަބަކީ މިކަމާއި ގުޅުން ހުރި ކަމެކެވެ. އެއީ ކާބޯތަކެތި އަގުބޮޑުވުމެވެ. ޓެސްކޯގެ އިސް ބޭކަލަކު ވިދާޅުވި ގޮތުގައި ” ސަތޭކަވަރަކަށް އަހަރު ވަންދެން ކާބޯ ތަކެތީގެ އަގު ހެޔޮވަމުން ގޮސް، އެންމެ ފަހު ދިހަ އަހަރުގެ ތެރޭގައި އައީ ކުއްލި ބަދަލެކެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ކާނާގެ އަގު ދެގުނައަށް ވީ އިތުރެވެ! މި ދުނިޔޭގެ އާބާދީ މިހާރު 7 ބިލިޔަނަށް އަރާފައި ވާއިރު، އެއް ބިލިޔަން މީހުން ނިދަނީ ބަނޑުހައިކަންމަތީގައެވެ! އަދި އެހައިމެ ގިނަ ބަޔަކީ ޑަކްޓަރުން ދެކިލައްވާ ގޮތުގައި އަމިއްލަ ސިއްހަތަށް ނުރައްކާވާވަރަށް ފަލަ މީހުންނެވެ! މި ތަފާތު ކުޑަކޮށް، މެދުތެރޭ ހައްލެއް ހޯދޭނީ ކޮން ގޮތަކުން ބާއެވެ؟ “
އިސްވެ ދެންނެވުނު މަތީ ފެންވަރުގެ ބައްދަލުވުމުގައި، ދެކެވުނު ވާހަކަ ތަކުގެ ތެރެއިން ފާހަގަ ވާ އެއް ކަމަކީ މިހާރު މި ފެންނަ، ” 24 ގަޑި އިރު ” ހުޅުވާފައި ހުންނަ ހޮޓާ، ކެފޭ ފަދަ ތަންތަނަކީވެސް މިހާރު މާ ‘ ފެޝަން ‘ ތަންތަނެވެ. އިނގިރޭސި ވިލާތުގެ ” ލަންޑަން ފުޑް ބޯޑު ” ގެ މެންބަރަކު ވިދާޅުވާ ގޮތުގައި ” މިހާރު ދުވާލު ހަތަރުދަމުވެސް ކެވެން އެބައޮތެވެ. ކާނާގެ ވިޔަފާރީގައި އުޅޭ މީހުން، އަޅުގަނޑުމެނަށް އަބަދު، ގިނައިން ކާން ދަސްކޮށްދީފައި އެމީހުން ވަރަށް މުއްސަނދި ވެއްޖެއެވެ. ނަމަވެސް ކާނާ ހައްދާ ހިސާބު ހިސާބުން އުކާލެވޭ ތަކެއްޗެއް މަދެއް ނުވިއެވެ. މިހާރު އެންމެ މަޝްހޫރީ ބަލައިލަން ރީތި، ކާނާގެ ގޮތުން ފެންވަރު ދެރަ ކާނާއެވެ.
ކާނާ އިސްރާފު ކުރުމުގައި، ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުގައި ވަރަށް ބޮޑު ތަފާތެއް ފާހަގަ ވެއެވެ. ތަޖުރިބާކާރުން ލިޔުއްވާ ގޮތުގައި ކުރިއަރަމުން އަންނަ ގައުމު ގައުމުގައި ކާނާ ހަލާކުވެ ނެތި ދަނީ ބޭނުން ކުރަންވާ މީހުންނާ ހަމައަށް އައުމުގެ ކުރިންނެވެ. ގޭގޭގައި ކާނާ ޚަރަދު ކުރާލެއް ގިނައެއް ނޫނެވެ. ދެކުނު އޭޝިޔާ އާއި މެދުތެރޭ އެފްރިކާގައި ކާނާ ހަލާކުވެ އިސްރާފުވަނީ ގޮވާން ކޮށާގޮތުންނާއި ކޮށާރު ތަކުގައި ރައްކާ ކުރެވޭ ގޮތުން މީދަލާއި ދޫނި ސޫފާސޫފި ކައި ހެދުމުންނެވެ. ނަމަވެސް ތަރައްގީ ވެފައިހުރި ހިސާބު ހިސާބުގައި ކާނާ އިސްރާފުވަނީ ގަނެގެން ގެއަށް ގެނައުމަށް ފަހުގައްޔާއި ފިހާރަ ފިހާރައިގައި ހުންނަ އިރެވެ!
އަޅުގަނޑުމެނަށް އިސްލާންދީން ގޮވައިލަނީ ކޮންމެކަމެއްވެސް މެދުމިނުގައި ބެހެއްޓުމެވެ. ކެއުމާ ދުރުވާކަށް އަންގަވައިފައެއް ނުވެއެވެ. އަލްބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގައި އަނގަވަނީ : ” އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީނުން ތަބާނުވާށެވެ. (އެހެނީ) ހަމަ ކަށަވަރުން އެ ޝައިތާނާ އީ ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިޔެކެވެ.”
އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި އަޅުގަނޑުމެނަށް އަންގަވަނީ ” އޭ އާދަމްގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދިތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންނުވެތެވެ.”