
ށ. އަތޮޅު މިލަންދޫގައި ދުއްވާ "ފުރާގު" ބޯޓުން މާލެއަށް ދަތުރު ކުރަމުން އައި މާބަނޑު އަންހެނެއްގެ ފެންދުލި ފަޅައިގެން ދިޔުމުން ފުލުހުންގެ އެހީތެރި ކަމާއެކު ރޭ މާލެ ގެނެސްފިއެވެ.
އެ އަންހެން މީހާ މާލެ ގެނެސްފައިވަނީ ރޭ ދަންވަރު 3:00 އެހައިކަންހާއިރުއެވެ. އެ އަންހެން މީހާއަކީ ށ. ފީވަކު މީހެކެވެ. އޭނާ އެބޯޓަށް އެރީ މިލަންދޫއިންނެވެ. ފުރާގު ބޯޓު މާލެއަށް ކުރާ ދަތުރުގައި އާންމުކޮށް ޖައްސަނީ މިލަންދޫގެ އިތުރަށް، ފޯކައިދޫ، ފުނަދޫ ގައެވެ.
ފެންދުލި ފަޅައިގެން ދިޔުމުން ފުލުހުން ބޯޓު ކައިރިއަށް ގޮސް އޭނާ ނަގައިފައިވަނީ މާލެއަތޮޅު ޒިޔާރަތްފުށި ކަނޑުން ބޯޓު ވަދެގެން އަންނަނިކޮށެވެ. އޭނާ މާލެ ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.