ދަރިވަރުންގެ ފޮތްދަބަސް ބަރުވުމުގެ މައްސަލައަކީ އަބަދުވެސް ކުރެވޭ ޝަކުވާ އެކެވެ. ދަބަސް ބަރުވާތީ ކުދިން ބެލެނިވެރިންގެ ގާތު ޝަކުވާ ކުރެއެވެ. ބެެލެނިވެރިން ޓީޗަރުންގާތު ޝަކުވާ ކުރެއެވެ.
ދިރާސާތަކުން ދައްކާގޮތުން ބަރުކޮށް ފޮތްދަބަސް އުފުލުމުން ކުއްޖާ ބޮޑުވަމުން އަންނައިރު ޞިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. މިމައްސަލައާ ބެހޭގޮތުން ބައެއް ޑޮކްޓަރުންނާ ހަވާލާދީ ލިޔެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ބަރުދަބަސް އުފުލުމުން ކަނދުރާގައި ރިއްސުމާއި ބުރަކަށީގައި ރިއްސުމާއި އަދި ކޮޑުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެެއެވެ.
ޑޮަކްޓަރުން ވިދާޅުވާ ގޮތުގައި މިމައްސަލަތައް ދިމާވަނީ ބަރުދަބަސް އުފުލަން، ލާންޖެހޭ ބާރާއެކު ކުއްޖާގެ ހަށިގަނޑު ގުދުކޮށްގެން އޮވެ ހަރަކާތްކުރަން ޖެހުމުންނެވެ. ދަބަސް ބަރުކޮށް އުފުލުމުން ދިގުމުއްދަތުގެ ތެރޭގައި ލިބޭ ގެއްލުމުގެ ތެރޭގައި މައިބަދައަށް ގެއްލުންވެ ހަށިގަނޑުގައި ގުދުލުމުގެ މައްސަލަ ވެސް ދިމާވާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. އަދި ނާރުގެ ނިޒާމަށް ގެއްލުންވެ ހަށިގަނޑު ބެލެންސްކޮށް ހިފެހެއްޓުމުގެ މައްސަލަ ވެސް ދިމާވާނެ ކަމަށް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ.
ބަރުދަބަސް އުފުލުމުން ގެއްލުން ލިބޭ މިންވަރު ބިނާ ވަނީ ދަބަސް އުފުލާ ބަރުމިނާއި ވަގުތުގެ ދިގުމިނާއި ދަބަސް އުފުލާ ގޮތަށްކަމަށް ވެއެވެ. އެއްކޮނޑުގައި ދަބަސް ނުއުފުލައި ދެކޮޑުގައި އަޅުވައިގެން ދަބަސް އުފުލުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. އަދި ކުއްޖާގެ ބުޑުމަސްގަޑުގައި ނުޖެހޭ ގޮތަށް ދަބަސް އުފުލުމަށް ވެސް ލަފާ ދެއްވައެވެ. ބޭނުންކުރާ ދަބަސް ހުންނަ ގޮތްވެސް ބަލަންޖެހޭކަމަށްވެއެވެ. ކޮޑުގެ މަސްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވާގަނޑަށް ސްޕޮންޖް ލައްވައިފައި ހުންނަ ދަބަސް ބޭނުންކުމަށްވެސް ކަމާބެހޭ މާހިރުން ލަފާދެއްވައެވެ.
އެމެރިކާގެ ނެޝެނަލް ރިފެރަލް ހޮސްޕިޓަލުގެ ސްޕައިން ސާރޖަންއެއް ކަމަށްވާ ޑރ.ކުއެންޒެންގ ޑޯރޖީ ބުނެފައިވާ ގޮތުގައި ބުރަކަށީގައި ރިއްސާތީ އޭނާގެ ގާތަށް ފަރުވާ ހޯދަން އައިސްފައިވާ ބަލިމީހުންގެ 90 އިންސައްތައަކީ ހަށިގަނޑު ތެދަށް ނުހުރުމާއި ބަރު އެއްޗިހި އުފުލުމާގުޅިގެން އެމަސްއަލަ ކުރިމަތިވެފައިވާ މީހުންނެވެ.
ކަމާބެހޭ މާހިރުން ލަފާ ދެއްވަނީ ދަރިވަރުންގެ ބަރުދަނަށް ބަލާ ފޮތްދަބަހުގެ ބަރުދަން ކަނޑައެޅުމަށެވެ.
އެމެރިކަން އެކަޑަމީ އޮފް އޯތޮޕެޑިކް ސާރޖަންސް އިން ލަފާ ދެއްވައިފައިވަނީ ކުއްޖާގެ ބަރުދަނުގެ 10 އިންސައްތައަށްވުރެ ބަރުކޮށް ފޮތްދަބަސް ނުއުފުލުމަށެވެ. އެހެންކަމުން ބަރުދަނުގައި 20 ކިލޯ ހުންނަ ކުއްޖަކުނަމަ އުފުލަން ޖެހޭނީ 2 ކީލޯއަށް ވުރެ ބަރުނޫން ފޮތްދަބަހަކެވެ. އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ އާބާދީ ގޮތުން މާބެޑެތި ތަންތަނުބައި މިހާރު މިކަން ދަނީ ތަސްފީޒު ކުރަމުންނެވެ.
ފޮތް ދަބަސް ބަރުވުމުގެ މައަސަލައަކީ ބެލެނި ވެރިންގެ ބައްދަލުވުންތަކުގައި ވެސް އެންމެ ބޮަޑަށް ކުރެވޭ އެއްް ޝަކުވާއެެވެ. އަޅުގަނޑަށް ބައިވެރި ވެވުނު ބައްދަލުވުމެއްގައި ބެލެނިވެރިޔަކު ބުނިގޮތުގައި ފޮތްދަބަހާއެކު އޭނާގެ ދަރިފުޅު ދެ ދުވަހު ސިޑިމައްޗަށް ވެއްޓުނެވެ. ބަރުފޮތްދަބަސް ކޮޑުގައި އަޅުވައިގެން ލަންޗް ދަބަސް އަތުން ހިފައިގެން ސިޑިން އަރަން ޖެހުމަކީ ވެސް ކުދިންނަށް ކުރިމަތިވާ އިތުރު ބުރައެކެވެ.
ފޮތް ދަބަސް ލުއި ކުރެވޭތޯ ބެލެނިވެރިން އަމިއްލައަށް ވެސް މަސައްކަތް ކުރެއެވެ. ބެލެނިވެރިއަކު ބުނީ ލަންޗް ބޮކްސް ލާން ވަކި ދަބަހެއް އޭނާގެ ދަރިފުޅަށް ނުގަނެއެވެ. ލަންޗް ބޮކްސް ލަނީ ފޮތް ދަބަހަށް ކަމުގައެވެ. ނަމަވެސް ފޮތް ދަބަހަށް ލަންޗް ބޮކްސް ލުމަކީ ބައެއް ސްކޫލު ތަކުގައި ހުއްދަ ކަމަކަށް ވެސް ނުވެއެވެ. އެއީ ލަންޗްބޮކްސް އިން ކާއެއްޗިހި ލީކްވެ ފޮތްތައް ހަޑިވެ ހަލާކުވެދާނެތީކަމަށްވެސް ވެދާނެއެވެ. އެހެން ބެލެނިވެރިއަކު ބުނީ ދަބަސް ލުއިކުރުމަށް ހުރިހާ އެކްސަސައިޒް ފޮތްތައް ދަބަހަށް ނުލާ ބޭންޑެއް އަޅުވާފައި ކުއެްޖާ އަތަށް ދެނީ ކަމުގައެވެ. ކުއްޖާ އުފުލަންޖެހޭ ބަރުދަބަހުގެ މައްސަލަ ހައްލު ކުރުމަށް، ހޯމްވާރކް ފިޔަވައި އެހެން ފޮތްތައް ސްކޫލުގައި ބެހެއްޓުމަކީ ކޮންމެވެސް ވަރެއްގެ ލުޔެއްކަމަށް ބައެއް ބެލެނިވެރިން ފާހަގަ ކުރިއެވެ. އަނެއްބައި ބެލެނި ވެރިން ޚިޔާލަކީ ސްކޫލުގައި ފުރިހަމަ ނުކުރެވޭ މަސައްކަތްތައް ހޯމްވާރކްގެ ގޮތުގައި ހަފްތާ ބަންދުގައި ކުއްޖާއަށް ދިނުމެވެ. އަދި އެންމެ ގިނަ ފޮތްތަށް އުފުލަން ޖެހޭ ދެދުވަސް ކަމަށްވާ، ހަފްތާ ފެށޭ ދުވަހާއި ނިމޭދުވަހު ބެލެނިވެރިނަަށް ކްލާސްރޫމާ ހިސާބަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމެވެ. ޖާގަ ކުޑަވުމާއެކު މިކަން މިިގޮތަށް ހަމަޖައްސައި ދިނުމަކީ ބައެއް ސްކޫލުތަކަށް ދަތިކަމަކަށް ވަނީ ވެފައެވެ. ނަމަވެސް ބައެއް ސްކޫލުތަކުގައި މިހާރުވެސް އޮންނަނީ އެފަދަ ގޮތަކަށެވެ. ބައެއް ސްކޫލުތަކުގައި ދަރިވަރުންގެ ފޮތްތައް ސްކޫލުގައި ބެހެެއްޓުމަށް ކޮންމެ ދަރިވަރަކަށް ވަކި ލޮކަރއެއް ނުވަތަ ވަތްގަނޑެއް ހުންނަކަމަަށްވެސް ވެއެވެ. ނަމަވެސް މާލީ ގޮތުންނާއި ޖާގައިގެ ގޮތުން ކޮންމެ ސްކޫލެއްގައި މިފަދަ ގޮތަކަށް އިިންތިޒާމު ނުކުރެވި ދާނެއެވެ.
ދަބަސް އުފުލުމުގައި ބެލެނިވެރިޔާގެ އެހީތެރިކަން ކުއްޖާއަށް ދެވެނީ ގިނަ ސްކޫލުތަކުގައި ގޭޓާ ހިސާބަށެވެ. ހަތަރުވަނަ ފަންގިފިލާގައި ނުވަތަ ފަސްވަނަ ފަންގިފިލާގައި ކްލާސްރޫމް ހުއްޓަސް ކުއްޖާ އަރަން ޖެހެނީ ބަރުދަބަސް ހިފައިގެން އެކަންޏެވެ.
އަޅުގަނޑަށް ބައިވެރި ވެވުނު ބެލެނިވެރިންގެ ބަދަލު ވުމެއްގައި ދަބަސް ބަރުވުމުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބެލެނިވެރިއަކު އުފެއްދި ސުވާލަކީ، ދިވެހި މާއްދާގެ ފޮތް ދެބައި ކޮށްލާ ކޮންމެ ޓާރމަކަށް ފޮތެއް އޮންނަ ގޮތަށް، އެހެން މާއްދާތައް ދެފޮތުގެ ގޮތުގައި ނުބާއްވަނީ ކީއްވެގެން ބާއެެވެ؟ ކޮންމެ މާއްދާ އަކުން ދެފޮތް އުފައްދާނަމަ ފޮތް ޗާޕްކުރުމަށް ދެގުނަ ޚަރަދު ސަރުކާރުން ކުރަން ޖެހޭނެއެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން ދެފޮތް ނުއުފެއްދެނީ ކަމަށްވެސް ވެދާނެއެވެ.
ފޮތްދަބަސް ބަރުވުމުގެ މައްސަލައަށް، އިންޑިއާގެ ސްޓޭޓެއްކަމަށްވާ ގުޖުރާތުގެ ޕްރައިމަރީ ސްކޫލެއްގެ ޕްރިންސިޕަލަކު ވަނީ ވަރަށް ތަފާތު ހައްލެއް ގެނެސްފައެވެ. އެއީ މުޅި އަހަރު ދުވަހުގެ ތެރޭގައި ކުއްޖާ ކިޔަވަން ޖެހޭ ތަކެތި ދިހަ ފޮތުގައި ހިމެނޭ ގޮތަށް ސިލަބަހެއް އެކުލަވާލައިގެންނެވެ. އެއީ ކޮންމެ މަހަކު ކިޔަވަން ޖެހޭބައިތައް އެއް ފޮތެއްގައި ހިމަނައިގެންނެވެ. އެހެންކަމުން ދަރިވަރުން ކޮންމެ މަހަކު ސްކޫލަށް އުފުލަން ޖެހޭނީ އެންމެ ފޮތެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ފޮތްދަބަސް ވަރަށް ބޮޑަށް ލުއިވެގެން ދާނެއެވެ. މި އުފެއްދުންތެރި ހައްލު ހޯދައިފައިވަނީ ގުޖުރާތުގެ އަހުމަދު އާބާދުގެ ބްހަގާދު ގަވަރމެންޓް ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕްލެއްކަމަށްވާ ޢުމުރުން 41 އަހަރުގެ އާނަންދު ކުމާރެވެ.
ދަރިވަރުންނަށް ފައިދާވާނެ ކަންކަން އީޖާދުކޮށް ތަޢާރަފުކޮށް ތަންފީޒު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ބޭނުންވާ ކަމެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހެދުނުގެ ނާސްތާއާއި ގަނާކުރުން ހުއްޓުވުން ފަދަ ސިޔާސަތުތަކަކީ މިހާރުގެ ސަރުކާރުން ވެސް ހާޞިލް ކުރަން ބޭނުންވާ ކަންކަމެވެ. އަދި އެކަމަށް މަސައްކަތް ކުރަމުންދާތަން ފެންނަ ކަންކަމެވެ.
ސްކޫލު ކުދިންގެ ފޮތްދަބަސް ބަރުވުމުގެ މައްސަލައަކީ އަބަދުވެސް ކުރެވޭ ޝަކުވާއަކަށް ވާއިރު އެކަމަށް ދޭނެ ފަރުވާއެއްގެ ސިިޔާސަތެއް ކުރިންވެސް މިހާރަކުވެސް ސަރުކާރުގެ އޮތްހެނެއް ހިއެއް ނުވެއެވެ.
މިހާރުވެސް ރާއްޖޭގެ ޞިއްޙީ މައްސަލައެއްގެ ގޮތުގައި އެންމެ ބޮަޑަށް ފާހަގަ ކުރެވެނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމެވެ. ފޮތްދަބަސް ބަރުވުމުގެ ސަބަބުން ލިބޭ ގެއްލުން މިލިސްޓުގެ ތެރެއަށް އިތުރުވެގެން ގޮސްފައިވާވަރު، އެނގޭނީ އެކަމާ ބެހޭ ދިރާސާއެއް ކޮށްލުމުންނެވެ. އަޅާ ނުލާ ތިބެއްޖެނަމަ ބަރު ފޮތްދަބަސް އުފުލައުފުލާ، އަޅުގަނޑުމެންގެ ދަރިންގެ ރީތި ސިފަ ހުތުރުވެ، ގުދުލާފައި ތިބޭ ބަޔަކަށް ވެދާނެއެވެ.