ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކޮށްދެއްވުމަށް އެދި ވަޑައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މެލޭޝިއާގެ ބޮޑު ވަޒީރު މަހާތީރު މުޙައްދަށް އެރުއްވި ދަޢުވަތު އެމަނިކުފާނު ޤަބޫފުޅު ކުރައްވައިފިއެވެ.
ރައީސް އިބްރާހީމްގެ މި ދަޢުވަތު ބޮޑު ވަޒީރު މަހާތީރަށް އެރުއްވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ރައީސް މައުމޫން އެމްއާރުއެމްގެ ފަރާތުން މެލޭޝިއާއަށް ވަޑައިގެންނެވީ މިދިޔަ ބުދަދުވަހުއެވެ. މިއީ މަހާތީރުގެ ދަޢުވަތަކަށް ރައީސް މައުމޫން ކުރައްވާ ދަތުރުފުޅެކެވެ.
އެމްއާރުއެމް އިން ވިދާޅުވީ ރައީސް މައުމޫނާއި މަހާތީރާ ދެބޭފުޅުން ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ ޙައްލުކޮށް ދެއްވުމަށް ރައީސް އިބްރާހީމް އެދިވަޑައިގަންނަވާ ވާހަކަ މަހާތީރަށް ދަންނަވައިފައެވެ. އަދި އެމައްސަލައަށް އަވަސް ޙައްލެއް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ދެންނެވި ކަމަށް އެމްއާރުއެމް އިން ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުމުގައި މަހާތީރު މުޙައްމަދު ދެއްކެވި ވާހަފުޅުގައި ސީޔާސީ ގޮތުން މެލާޝިއާއި ރާއްޖެއަށް ދިމާވެފައިވަނީ ދާދި އެއްގޮތްކަންތައްތަކެއް ކަމަށް ވިދާޅުވި ކަމަށް އެމްއާރުއެމުން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރުއޮތީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތްތައް ރާއްޖޭގައި އަދިވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މައުމޫން މަހާތީރަށް ދެންނެވި ކަމަށް އެމްއާރުއެމުން މަޢުލޫމާތު ދެއްވިއެވެ. ޖައްވު ހޫނުވުމާއި ކަނޑުގެ ދިޔަ ބޮޑުވުމާބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމްއާރުއެމް އިން ވިދާޅުވިއެވެ.