ބޮޑުކަންނެލީގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އިންޑިއާ ސިފައިން ހިފަހައްޓައިފައިވާ ރާއްޖޭގެ މަސްދޯނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމަށް ބަލާފައި ދޫކޮށްލާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ "އިންޑިއާގައި ހިފަހައްޓާފައިވާ ރާއްޖޭގެ މަސްދޯނި ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބަލާފައި، ދޫކޮށްލާނެ ކަމަށްވަނީ މަޢުލޫމާތު ލިބިފައި،" ކަމަށެވެ.
ކެޕްޓަން ޢާޒިމް ވިދާޅުވީ ރާއްޖޭގެ މަސްވެރިން އަވަށްޓެރި ޤައުމުތަކުގެ ކަނޑުގެ އިޤްތިސާދީ ސަރަޙައްދަށް ނުވަނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށް ނަސޭޙަތްތެރިވާ ކަމަށެވެ. "ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނިފަހަރު އަވަށްޓެރި އެހެން ޤައުމުތަކުގެ އިޤްތިސާދީ ސަރަޙައްދަށް ނުވަނުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަރަށް ބޮޑަށް އިލްތިމާސްކޮށް ނަޞޭޙަތްތެރިވަން،" އޭނާ ވިދާޅުވިއެވެ.
އެމްއެންޑީފުން ވިދާޅުވެފައިވަނީ އިންޑިއާއިން ދިވެހި މަސްބޯޓު ހިފަހައްޓާފައިވަނީ އެ ޤައުމުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށެވެ. އެ ދޯންޏަށް އެހީތެރިވުމަށްޓަކައި ފޮރިން މިނިސްޓްރީންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދަށް ޤަވާޢީދާ ޚިފާލާފަށް ވަންނަ ބޭރުގެ ބޯޓުފަހަރު ހިފަހައްޓައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ ރާއްޖެއިން ވެސް ކުރާ ކަމެކެވެ. އަވަށްޓެރި ޤައުމުތަކުގެ މަސްވެރިން ވަރަށްގިނައިން ރާއްޖޭގެ ސަރަޙައްދަށް ވަދެއެވެ.
އިންޑިއާ ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި އަދިވެސްއޮތީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އިންޑިއާ ސިފައިން މިދޯނި ހިފަހައްޓައިފައިވަނީ ފެބުރުއަރީ 15 ވަނަ ދުވަހު ހަވީރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
AGENDA 19 AIGE DASHUN ADI ITHURU 19 RADAR BAHATAA. EYRUN MAAFASEYHAIN GINA DOANI ATHULAANE