މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. " عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ " ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން ) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެކެވެ. ހަމަކަށަވަރުން قيام الليل އަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވާ، ކުށްފާފަތައް ނަހީކުރާ، ފާފަތައް ފުހެލައި، އަދި ހަށިގަނޑާ ދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ. "
قيام الليل ގެ ވަގުތަކީ މުއުމިނުން ﷲއާ އެކު ވިޔަފާރިކުރާ ވަގުތެވެ. އެއީ މުއުމިނުން އެމީހުންގެ ވެރިރަސްކަލާނގެއާއެކު އެކަހެރިވާ ވަގުތެވެ. އެމީހުންގެ ޝަކްވާތައް ދަންނަވާ ވަގުތެވެ. ﷲގެ ފަޟްލުވަންތަކަމުން އެމީހުންނަށް ދެއްވުމަށް އެދޭ ވަގުތެވެ.ﷲގެ ޙަޟްރަތަށް މީއާދު ލިބިގެންގޮސް މުނާޖާ ދަންނަވާ ވަގުތެވެ. އެއީ އަރަހުށި ﷲ އެމީނުންނަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތެވެ.މިވާހަކަތައް ބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ. ((أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ - الزمر: ٩ – މާނައީ : ރޭގަނޑުގެ ވަގުތުތަކުގައި ނަމާދުކޮށް ، ސަޖިދައިގައްޔާއި ، ޤިޔާމުގައި މަޑުމޮޅިވެ، އަޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު އެހެންމީހަކާ އެއްފަދަވާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ދަންނަމީހުންނާއި ،ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞީޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހްލުވެރީންނެވެ. ))
މާތްﷲ އިންސާނާ ހައްދަވާފައި ވަނީ އޭނާގެ ހަށިގަނޑުގެ ޙަޔަވިއްޔާތީ ގަޑިއާ އެއްގޮތަށް ޙަރަކާތްތައް އިންތިޒާމުވާ ފަދަގޮތަކަށެވެ. މިކަންތައްތައް ތަރްތީބުވެގެންދަނީ އޭނާގެ ނިދުމާއި ހޭލާހުންނައިރާއި ކެޔުމާއި ބުޔިމާއި ހަށިގަނޑުގެ ފިނިހޫނުމިނާއި، އޭނާގެ ހަށިގަނޑުން އުފައްދައި ތަފާތު ބާވަތްތަކުގެ ހޯމޯންތަކާއި ދިޔަތަކާ އެެއްގޮތްވާގޮތުގެ މަތިންނެވެ. މިހުރިހާކަމެއް ހިގަމުންދަނީ ޙަޔަވިއްޔާތީ ގަނޑިއާ އެއްގޮތްވާގޮތުގެ މަތިންނެވެ. ދުވާލުގެ ވަގުތުތަކުގައި ނާރުތަކާ ބެހޭ ނިޒާމާއި ހިތާއި ލޭހިގުމާއި ނޭވާލުުން ހީވާގިވެއެވެ. ކޯރޓިޒޯން ފަދަ ހަކަތަޔާ ގުޅުންހުރި ހޯމޯންތައް ދުވާލުގެ ވަގުތުތަކުގައި ބާރަށް ޙަރަކާތްތެރިވެއެވެ. މިއާޚިލާފަށް ރޭގަނޑު ބޮޑަށް ޙަރަކާތްތެރިވަނީ އަރާމުކުރުމަށް އެހީތެރިވާ ހޯމޯންތަކާއި ދިޔަތަކެވެ. ނާރުތަކާބެހޭ ނިޒާމުގައި ހިމެނޭ މިފަދަ ބާރުތަކާއި މިލަޓޮނީން އާއި، ޕްރޮސްޓާ ގްލޭންޑިން އާއި ލިމްފަޓިކް ހަތާތަކާއި ލޭގެ ހުދުބޯޅަތަކެވެ. ރޭގަނޑުގެ ވަގުތަކީ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަވާން ޖެހޭ ވަގުތެކެވެ. ޑަކްޓަރުންގެ ދިރާސާތައް ބުނާގޮތުގައި ޢާއްމުގޮތެއްގައި ހުން އަންނާނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭގަނޑު ކޯރޓިޒޯން ހާމޯން އުފައްދާ މިންވަރު މަދުވާނެއެވެެ. އެކަމަކު ކޯރޓިޒޯން އުފައްދާ މިންވަރު ރޭގަނޑުގެ ފަހުބައިގައި އިތުރުވެއެވެ. ޑަކްޓަރުންނާއި ދިރާސާތައް ބުނާގޮތުގައި 24ގަޑިއިރުގެ ތެރޭގައި މިކަންތައްތައް ހިގަމުންދަނީ ސާބިތުނިސްބަތަކުންނެވެ. މިއީ ކީރިތިރަސޫލާގެ މިދަންނަވާ ޙަދީސްފުޅުގެ މަތިން ހަދުމަކޮށްދޭކަމެކެވެ.
ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ. " إنَّ في الليل لَساعَةً لا يُوافقُها عبدٌ مسلمٌ يسألُ الله عزَّ وجل فيها خيرا إلا أعْطاه إياه ، وذلك كلُّ ليلةٍ » - أخرجه مسلم – ހަމަކަށަވަރުން ރޭގަނޑުގައި ވަގުތުކޮޅެއްވެއެވެ. މި ވަގުތުކޮޅުގައި މުސްލިމަކު އަރަހުށި ﷲއަށް ހެޔޮކަމަކަށް އެދި ދަންނަވައިފިނަމަ އެކަލާނގެ އެކަމެއް އެމީހަކަށް ދެއްވާނެތެވެ. އަދި މިއީ ކޮންމެރެއެއްގައި ވެސް އޮންނަ ވަގުތުކޮޅެކެވެ. "
ކީރިތިރަސޫލާގެ ޙަދީސްފުޅުގައިވާ " قيام الليل " އަކީ ބަލިމަޑުކަމުން ހަށިގަނޑު ރައްކައުތެރިކޮށްދޭ ކަމެކޭ " އޮތް ބަސްފުޅުގެ ޢިލްމީ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ މިލިޔުމުގައި ބަލައިލާނީ މިކަމުގެ މައްޗަށެވެ.
1- قيام الليل ގެ ވަގުތަކީ ރޭގަނޑުގެ ސަޙަރުގެ (ރޭގަނޑުގެ އެންމެފަހު ދަން ނުވަތަ އެންމެފަހު 3 ގަނޑިއިރު ) ވަގުތެވެ. މި ވަގުތަކީ ހަށިގަނޑުގައި އުފައްދާ ކޯޓިޒޯން އުފައްދާ މިންވަރު މަދުވެގެންދާ ވަގުތެކެވެ. އެހެންކަމުން ލޭގައިހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް އިތުރުވެގެންދިޔުމުން ހަށިގަނޑަށް ރައްކައުތެރިކަން ލިބެއެވެ. ހަމައެފަދައިން ލޭގެ ޕްރެޝަރ ކުއްލިއަކަށް މައްޗަށް ދިޔުންވެސް ކުޑަވެގެންދެއެވެ.އަދި ހިތަށް އަންނަ ޙަމަލާތަކުންނާއި ސިކުޑިއަށް އަންނަ ހިމޭންކަމުން ވެސް ރައްކައުތެރިކަން ލިބެއެވެ. ހަމަ މިމޭރުމުން ބަލާއިރު قيام الليل އަކީ ލޮލުގެ ލޭހޮޅިތަކުގައި ލޭ ގަނޑުވުމުން ރައްކައުތެރިކޮށްދޭކަމެކެވެ. ލޮލުގެ ބައެއް ނާރުތަކުގައި ލޭގަނޑުވާ ގޮތް ދިމާވަނީ ނިދާފައި އޮތުމުގެ ސަބަބުން ލޭހިގުމުގެ ދުވެލި ދަށަށް ދިޔުމާއި ، ދިޔާއެއްޗެހި ބުއިން މަދުވުމުގެ ސަބަބުން ނުވަތަ ދިޔާއެއްޗެހި މަދުވުމުގެ ސަބަބުންނެވެ. ނިދާފައި އޮތުމުގެ ސަބަބުން ބައެއްފަހަރަށް ނޭވާލުމަށްވެސް އުދަނގޫ ވެދާނެއެވެ. މިކަމުގެ ސަބަބުން ބޮލުން ލޭ ހިތަށް އަބުރާ ގެނެއުމަށް ދަތިވެދާނެއެވެ.
2- قيام الليل އަކީ ހުޅުތަކުގެ ފަރުވާއެކެވެ. އެއީ ނަމާދުގައި ކުރެވޭ ޙަރަކާތްތަކާއި ވުޟޫކުރާއިރު ގުނަވަންތައް މަޑުމަޑުން މާލިސް ކުރެވޭތީއެވެ.
3- 1992ވަނައަހަރު އެމެރިކާގެ ޑަކްޓަރުންތަކެއް ލިޔުއްވާފައިވާ ފޮތެއް ބުނާ ގޮތުގައި ރޭގަނޑު ދަންވަރު ނިދިންތެދުވެ އަތްފައި ފެނުން މާލިސްކޮށްލައިގެން، ކޮޓަރިތެރޭގައި ކުޑަކޮށް ހިނގާލައި ލުއިކަސްރަތުތަކެއް ކޮށްލައި ފުންކޮށް ނޭވާލުމަކީ ޞިއްޙި ވަރަށްބޮޑެތި ފައިދާތަކެއް އެކަމުގައި ހުރިކަމެކެވެ. މިފޮތުގެ މުޞައްނިފުންނަކީ ޣައިރުމުސްލިމުންނެވެ. މި ފޮތުގައި މި ޑަކްޓަރުން ކުރަން މި ބުނާ ކަންތައްތަކަކީ قيام الليل ގެ ވަގުތުގައި ވުޟޫކޮށްގެން ނަމާދުކުރުންފަދަ ކަންތައްތަކެއް ނޫންތޯއެވެ؟ މި ޑަކްޓަރުން މި ހޯދުންތަކާއި ނަޞީޙަތްތަކުގެ ކުރިން އަޅުގަނޑުމެންގެ ލޮބުވެތިރަސޫލާ محمد صلى الله عليه وسلم މި ނަޞީޙަތް މިވަނީ ދެއްވައިފައެވެ. އެކަލޭގެފާނު ވިދާޅުވަނީ " ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން ) ހުއްޓެވެ! ފަހެ، ހަމަކަށަވަރުން އެއީ ހަށިގަނޑާ ދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ. "
4- قيام الليل އަކީ ހަށިގަނޑުގައި އުފެދޭ ޓްރައިގްލިސެރައިޑްސް ( Triglycerides ) ސަރުބި ހަށިގަނޑުން މަދުކޮށްދޭ ކަމެކެވެ.
5- قيام الليل އަކީ ހަދާން ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންކަމުން ޑަކްޓަރުން ބުނާގޮތުގައި قيام الليل ގެ ސަބަބުން އެލްޒަމިއަރ ބަލިން ރައްކައުތެރިކަން ލިބޭނެއެވެ.އަދި ޤުރްއާންކިޔެވުމާއި ޛިކްރުކުރުމާއި ތަސްބީޙަ، ތަޙްމީދު ކުރުމުގެ ސަބަބުން ހާސްކަމާއި ފިކްރުބޮޑުވުމާއި ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތަކުން ވެސް ރައްކައުތެރިކަން ލިބޭނެއެވެ. ކީރިތި ޤުރްއާނުން އެގޭ ފަދައިން އިސްތިޣްފާރުކުރުމަށް އެންމެ ރަގަޅު ވަގުތަކީ ސަޙަރު( ނުވަތަ ހާރުދަމުގެ ) ވަގުތެވެ. މާތްﷲ ވަޙީކުރައްވަނީ (( كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ- الذاريات: ١٧ – ١٨ – މާނައީ : އެއުރެން ނިދާއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާކުރެތެވެ. ))
6- قيام الليل އަކީ ހިތަށް ޙަމަލާ އައުމާއި ސިކުޑިއަށް ސްޓްރޯކް ޖެހުން މަދުކޮށްދޭ ކަމެކެވެ. އެއީ ހާރުދަމުގައި ސާފު އޮކްސިޖަން ހުންނަ ވައި ނޭވާލުމަށް ލިބޭނެތީއެވެ. ދުވާލުގެ ވަގުތުތަކުގައި ކާރުޚާނާތަކުންނާއި ދުއްވާއެއްޗެހިން އަރާ ދުންތައް ރޭގަނޑު ހާރުދަމުގައި އެރުން ވަރަށް މަދުވާނެއެވެ. ހިތުގެ ބަލިތަކާބެހޭ ޑަކްޓަރުންގެ ޓީމަކުން ހަތްއަހަރާއި ބައި އަހަރުވަންދެން ކުރި ދިރާސާތަކެއް ބުނާގޮތުގައި 9ގަޑިއިރު ނިދާ އަންހެނުންގެ ތެރެއިން 70% މީހުންނަށް ސްޓްރޯކް ޖެހުމުގެ ޕްރޮބަބިލިޓީ ވަރަށް ބޮޑެވެ. ސްޓްރޯކް ނަމަކަށް ކިޔާ މަޖައްލާގައި ޝާޢިއުކޮށްފައިވާ މި ދިރާސާ ބުނާގޮތުގައި 1166 އަންހެނަކު މިދިރާސާ ގައި ބައިވެރިވިއެވެ. މިދިރާސާ ބުނާގޮތުގައި މިބާވަތުގެ ސްޓްރޯކް ޖެހެނީ ސިކުޑިއަށް ލޭގެންދާ ހޮޅިއެއް ބެދުމުގެ ސަބަބުން އޮކްސިޖަން ނުލިބިގެންނެވެ. މިކަމުގެ ސަބަބުން ސިކުޑީގެ ދުލިތައް މަރުވަން ފަށައެވެ. ޑަކްޓަރުން ކަށަވަރުކޮށްދޭ ގޮތުގައި ހިސާބަށް ވުރެ ގިނައިރު ނިދުމަކީ ހިތުގެ މަސައްކަތް ގަޑުބަޑުކުރާ ކަމެކެވެ. ހިތާއި ސިކުޑި ތާޒާކޮށް ލުމަށްޓަކައި ރޭގަނޑު މެންދަމުގެ ފަހުން ބައިގަޑިއެއްހާ އިރަށް ތެދުވެލުމަކީ ވަރަށް މުހިއްމުކަމެކެވެ. ކީރިތިރަސޫލާ ބަޔާންކޮށްދެއްވާ ގޮތުގައި قيام الليل އަކަށް ވާނީ ރޭގަނޑު ނިދާލައިފާ މެންދަމުގެ ފަހުން ތެދުވެ އަޅުކަންކުރުމުންނެވެ.
މީގެ ސާދަ ސައްތަ އަހަރުކުރިން މާތްﷲ އެކަލާނގެ ރަސޫލާއަށް އަންގަވަނީ ކީކޭތޯއެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ. (( يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا - المزمل: ١ - ٦ – މާނައީ : އޭ ފޭރާންތައް ގައިކޮޅުގައި އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ. ރޭގަނޑުގެ އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ. ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަބއެއަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ. ނުވަތަ އެއަށްވުރެ އިތުރުކޮށްލައްވާށެވެ. އަދި ލަސްލަހުން ޤުރްއާން ކިޔަވައި ވިދާޅުވާށެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބުރަދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ. ހަމަކަށަވަރުން، ނިދުމަށްފަހު ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ.އަދި ބަސްތައް ( އެބަހީ ، ނަމާދުގައި ކިޔަވާ ކިޔެވުންތައް ) ސީދާކަން ބޮޑެވެ.))
ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މިކަމުގައި ރިވެތި ނަމޫނާއެކެވެ. ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވެއްޖައުމަށްދާންދެން ރޭގަނޑު އަޅުކަންކުރެއްވިއެވެ. އެކަލޭގެފާނުގެ އިސްވެ ދިޔަހާ ފާފަތަކާއި ކުރިއަށް އޮތްހާ ފާފަތައް ފުއްސަވާދެއްވާފައިވާ ވާއިރު ތިޔަގޮތަށް ތިޔަހާ ބުރަކޮށް އަޅުކަންކުރައްވަނީ ކީއްވެގެންތޯ ، ޢާއިޝަތުގެފާނު ރަސޫލުﷲގެފާނާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވިދާޅުވީ" ފަހެ ތިމަންކަލޭގެފާނު މާތްﷲ އަށް ޝުކްރުވެރިވާ އަޅެއްކަމުގައި ވެވަޑައިނުގަންނަވަންވީ ހެއްޔެވެ؟ "
ރަސޫލުﷲގެފާނު ދަމުނަމާދަށް ތެދުވެވަޑައިގެން ދަތްޕުޅު އުގުޅުއްވަވާ ވުޟޫކުރައްވައެވެ. އެއަށްފަހު މާތްﷲ އަންގަވާފައިވާ މިންވަރަށް ނަމާދުކުރައްވައެވެ.
މިއަދު ޢިލްމުވެރީން މިގޮވައިލަނީ ހަމަ މިކަމަށް ނޫންތޯއެވެ؟ ތަފާތަކީ މުސްލިމުން އެކަންތައް މިކުރަނީ މާތްﷲ އަންގަވައިގެން އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ. އެކަމަކު އެމީހުން ރޭގަނޑު ތެދުވަނީ ދުނިޔަވީ މަންފާއަކަށްޓަކައެވެ. އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައެވެ.
މާތްﷲ ރުއްސުންލެއްވި ސަހްލު ބިން ސަޢުދުގެ އަރިހުން ވާރިދުވެފައިވެއެވެ. " ޖިބްރީލުގެފާނު ކީރިތިރަސޫލާ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭމުޙައްމަދުގެފާނޭވެ! އެދިވަޑައިގަންނަވާ ގޮތަކަށް ދިރިއުޅުއްވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނެ ބޭކަލެކެވެ. އަދި ބޭނުންފުޅުކަމެއް ކުރައްވާށެވެ! ފަހެ،ހަމަކަށަވަރުން އެޢަމަލުތަކަށް ޖަޒާލިބިވަޑައިގަންނަވާނެއެވެ. ލޯބިފުޅުވަން ބޭނުންފުޅުވާ ކޮންމެ މީހަކު ދެކެ ލޯބިފުޅުވާށެވެ! ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންނާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ." - متفق عليه - މުއުމިނާގެ ޝަރަފަކީ قيام الليل ކަން ދެނެވަޑައިގަންނަވާށެވެ! އޭނާގެ ޢިއްޒަތަކީ މީސްތަކުންގެ ކިބައިން އެއްޗަކަށް ބޭނުން ނުވުމެވެ. ސާލިމު ވިދާޅުވާ ގޮތުގައި މިބަސްފުޅަށް ފަހު ޢަބްދުﷲ ބިން ޢުމަރު ރޭގަނޑުގައި ވަރަށް ކުޑައިރުކޮޅަކަށް މެނުވީ އަވަހާރަފުޅެއް ނުލައްޕަވައެވެ.
7- ރަސޫލުﷲގެފާނަށް ރޭގަނޑުގެ އަޅުކަމުގައި ހިމެނޭ ޞިއްޙީ ފައިދާތައް އެގިވަޑައި ގަތީ ކިހިނަކުންތޯއެވެ؟ މިއީ އެކަލޭގެފާނުގެ ތެދުވެރިކަމާއި އެކަލޭގެފާނުގެ ރިސާލަތުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެއް ނޫންތޯއެވެ؟ މި ޒަމާނުގެ ދިރާސާތައް ކުރާމީހުން މިކަންތައް މިކުރަނީ އިސްލާމްްދީނަށް ންޞްރުދޭކަށް ނޫނެވެ. އަދިކީއްތޯއެވެ؟ އެމީހުން ވީވަރަކުން މަސައްކަތްކޮށްފައިވަނީ ، ކުރަނީ ، އަދި ކުރާނީ އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރެވޭތޯއެވެ.
8- ރޭގަނޑުގައި އަޅުކަންކުރާނީ ދެރަކްޢަތުން ދެރަކްޢަތުން ސުންނަތް ނަމާދެއް ކުރާގޮތަށެވެ. ނިޔަތްގަންނާނީ ރޭއަޅުކަމުގެ ( ނުވަތަ قيام الليل ގެ) ދެރަކްޢަތް ކުރަމެވެ. ދެރަކްޢަތުން ސަލާންދެމުން އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ނަމާދުކުރަންވީ އެވެ. އަދި ޤުރްއާން ކިޔެވުމާއި ތަސްބީޙައާއި ޛިކްރުކުރަންވީއެވެ.
9- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. ((إِنَّ فِي الْجَنَّةِ غُرَفًا يَرَى ظَاهِرُهَا مِنْ بَاطِنِهَا , وَبَاطِنُهَا مِنْ ظَاهِرِهَا ، أَعَدَّهَا اللَّهُ عَزَّ وَجَلَّ لِمَنْ أَطْعَمَ الطَّعَامَ ، وَأَدَامَ الصِّيَامَ ، وَصَلَّى بِاللَّيْلِ وَالنَّاسُ نِيَامٌ "»- رواه الطبرانى والبيهقى والحاكم وابن حبان – ހަމަކަށަވަރުން ސުވަރުގޭގައި އެތެރެއިން ބޭރު ފެންނަ ،އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިކޮޅުތަކެއް ވެއެވެ. އަރަހުށި މާތް ﷲ އެ ތަންތަން ތައްޔާރުކޮށް ދެއްވީ ފަޤީރުންނަށް ކާއެތިކޮޅުދޭމީހުންނަށާއި ،އާދަކޮށް ރޯދަހިފާ މީހުންނަށާއި، މީސްތަކުން ނިދާފައި ތިބޭ އިރު އަޅުކަންކުރާ މީހުންނަށެވެ. "
V furihama... Mi liyunu meehakah heyogoeh minvaru kuravvaashi.. aameen
ކެއުމާއި ބުއިމާއި ..ލިޔުމުގެ ކުށް ރަނގަޅު ކޮށްލާ.
Varah bodah shukriyya jazakull’ahu