
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މިރޭ މެލޭޝިޔާއަށް ފުރާ ވަޑައިގެންފިއެވެ. މިއި މެލޭޝިއާގެ ބޮޑުވަޒީރު، ޑރ. މަހާތީރު މުޙައްމަދުގެ ޚާއްސަ ދަޢުވަތަކަށް ރައީސް މައުމޫން ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގައި ގިނަދުވަހު ވަޒީރުކަން ކުރެއްވި ޢަބްދުﷲ ކަމާލުއްދީނާއި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އާމިނަތު ނާދިރާ ބައިވެރިވެ ވަޑައިގަންނަވައެވެ.
މައުމޫން ރީފޯމް މޫވަމަންޓް (އެމްއާރުއެމް) އިން ވިދާޅުވީ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް އެރުވުމަށްޓަކައި ޚާއްސަ ސިޓީއެއް ރައީސް މައުމޫނާ ޙަވާލުކުރައްވައިފައެވެ.
ރައީސް މައުމޫން ވެރިކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އެމަނިކުފާނާއި މަހާތީރާ ދެބޭފުޅުންނަކީ ވަރަށްގާތް ދެބޭފުޅުންނެވެ.
މިދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ލިބިފައެއްނުވެއެވެ. ރައީސް މައުމޫން އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފެބުވަރީ 21 ގައެވެ.