ތާރީޚު އިލްމުވެރިން ލިޔުއްވާގޮތުގައި މަޣްރިބްކަރައިގެ ފާސް ގެ އަލްޤަރަވިއްޔީން ޔުނިވަރސިޓީއަކީ ދުނިޔޭގައި އެޅުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ޓޫނީޝިޔާގެ އައްޒައިތޫނާ ޔުނިވަރސިޓީ އާއި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަކީ ނިސްބަތުން، މާ ފަހުގެ ތަންތަނެެވެ. އިޓަލީގެ ބޮލޯނިޔާގައި އުފެދުނު ޔުނިވަރސިޓީއަކީ ވިލާތުގެ އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ނަމަވެސް އަލްޤުރަވިއްޔީން ޔުނިވަރސިޓީއަށްވުރެ 191 އަހަރު ހަގެވެ. އޮކްސްފޯޑް ޔުނިވަރސިޓީއަކީ އަދި މާފަހެވެ!
‘ގިނެސް ބުކް އޮފް ވާރލްޑް ރެކޯޑްސް’ އަކީ އެފޮތުގެ އެޑިޓަރުންގެ ދިރާސާގެ އިތުބާރު ބޮޑުކަމަށް މަޝްހޫރު ފޮތެކެވެ. މިފޮތުގައި ބުނާގޮތުން، ” މެދު ނުކެނޑި ތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދޮށީ އިލްމީ މުއައްސަސާއަކީ މީލާދީން 859 ގައި މަޣްރިބްކަރައިގެ ފާސް ގައި ބިނާކުރެވުނު ޤަރަވިއްޔީން ޔުނިވަރސިޓީއެވެ.”
. މި މަޝްހޫރު ޔުނިވަރސިޓީން ދަސްވެނިވި އިލްމުވެރިންނަކީ ހަމައެކަނި އިރުމަތީ އިސްލާމުންނެއްނޫނެވެ. މުސްލިމް ނޫން ހުޅަނގުގެ އެތައް އިލްމުވެރިންނެއް މި މަޝްހޫރު މުއައްސަސާއިން އުފެއްދިއެވެ. މި މަޝްހޫރު ޔުނިވަރސިޓީން ކިޔެވި ޣައިރު މުސްލިމުންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ موسى بن ميمون އެވެ. މީނާއަކީ އަރަބި ޔަހޫދީއެކެވެ. މަޝްހޫރު ޑަކްޓަރެކެވެ، ފަލްސަފާއިލްމަށް އަރައިހުންނެވި އެދުރެކެވެ. ޔަހޫދީންގެ ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެއްވެސްމެއެވެ! މަޝްހޫރު ތާރީޚު އިލްމުވެރިޔާ، އަދި އިޖްތިމާއީ އިލްމުގެ ބާނީ ކަމުގައި ބެލެވޭ ޢަބްދުއްރަޙްމާން އިބްނު ޚަލްދޫން (ޚުލްދޫން ވެސް ކިޔައިއުޅެއެވެ) މި މަޝްހޫރު މަދަރުސާއިން ކިޔަވައި ވިދާޅުވިއެވެ!
އަދި ދަރިވަރުންނަށް އުނގަންނައިދީ ތަރުބިއްޔަތުކުރުމުގެ އިތުރުން ސިޔާސީ އެތައްކަމެއްގައި އަލްޤަރަވިއްޔީން ޔުނިވަރސިޓީގެ އެދުރުންގެ ސޮއި ބޭނުންކުރެވުނެވެ! އެއްވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަޣްރިބްކަރަޔަށް އެރި ފަރަންސޭސި ސިފައިނަށް ހަމަލާދީ އެމީހުން ފަހަތަށް ޖެއްސުމުގެ ގައުމީ ހަރަކާތްތައް ހިންގި މައި މަރުކަޒަކީ މި ޔުނިވަރސިޓީއެވެ. ތަފާތު ހަތިޔާރު ތައްޔާރުކޮށް ތަޖުރިބާކުރާ ތަނަކީވެސް އެއީއެވެ. މިހެންވެ، ފަރަންސޭސި ޖެނަރަލަކު މާޔޫސްވެގެން ބުންޏެވެ. ” މަޣްރިބުގައި އަހަރުމެނަށް ހަމަޖެހިލައި ހަމަނޭވާއެއް ލެވޭނީ އެހެރަ އަނދިރި ތަނުގެ ދުވަސް ދުއްވާލައިގެންނެވެ!”
މީގެ ދެތިން މަސްދުވަސްކުރިން ނިޔާވި، މަޣްރިބުގެ ތާރީޚު އިލްމުވެރިޔާ ޢަބްދުލް ހާދީ އައްތާޒީ، ” އަލް ޤަރަވިއްޔީން ޔުނިވަރސިޓީ – މިސްކިތާއި ފާސްގައި ހުރި ޔުނިވަރސިޓީ” މި ފޮތުގައި ލިޔުއްވާ ގޮތުގައި އެއްދުވަސްވަރެއްގައި މުސްލިމުންގެ ތަނަވަސް މީހުން އެ ޔުނިވަރސިޓީއަށް ވަގުފްކޮށްފައިވާ ބިންބިމާއި އެފަދަ ތަންތަނުން ލިބޭ ފައިސާގެ ގިނަކަމުން، މުޅި މަޣްރިބުގެ އަހަރީ ބަޖެޓާ ވާދަ ކުރާވަރުވިއެވެ! އަދި ދައުލަތަށް ދިމާވި ތަފާތު ދަތި ދުވަސްވަރު، މި ޔުނިވަރސިޓީގެ މާލިއްޔަތުން ދައުލަތަށް އެހީ ފޯރުކޮށްދީފައިވާކަމަށް ލިޔުއްވިއެވެ! ވީމާ އިގްތިސޯދީގޮތުންވެސް މި ޔުނިވަރސިޓީއަކީ އާދައިގެ ތަނެއްނޫނެވެ. މި މަޝްހޫރު ތައުލީމީ ބިނާގެ ފަހަތުގައި ހުންނެވީ އަރަބި މުސްލިމް އެންހެނެކެވެ!
فاطمة الفهرية (أم البنين)
އެކަމަނާގެ ހިތްހެޔޮކަމާއި ކުޑަކުދިންނަށް އޯގާވެރިވުމުގެ ސަބަބުން މީހުން އާންމުގޮތެއްގައި ” ކުޑަކުދިންގެ މަންމަ”ގެ ނަމުން ލޯބިން މުޚާތަބު ކުރެވުނު ކަނބަލަކީ فاطمة الفهرية އެވެ! ބައްޕާފުޅު محمد بن عبد اللَّه އަލް ފިހްރީ އަކީ ވަރަށް މުއްސަނދި، އިޖްތިމާއީ ގޮތުން އޭނާގެ ގައުމުގެ އެންމެ މަތީ ފަންތީގެ ބޭކަލެކެވެ. ފިޤްހު އިލްމުވެރިއެކެވެ. އުފަންރަށަކީ ޓުނީޝިޔާގެ އަލްޤައިރަވާންއެވެ. އަމިއްލަ ރަށުން މަޣްރިބްކަރަޔަށް ހިޖުރަކުރެއްވީ އަލްޖީރިޔާހުރަސްކުރައްވައި ވަރަށް ދިގު ދަތުރަކަށްފަހުގައެވެ. މިހާރެކޭ އެއްފަދައިން އެދުވަސްވަރުވެސް، އަމިއްލަ ވަޒަންދޫކޮށް ހިޖުރަކޮށް އެހެން ގައުމަކަށް ގޮސް އަލުން ފަށައިގަންނަ ބަޔަކީ ވަރަށް ބުރަމަސައްކަތްކުރާ ބައެކެވެ. الشيخ عبد اللَّه محمد بن عبد اللَّه الفِهري القيرواني އާއި އޭނާގެ އާއިލާއިން ކުރެއްވި ކޮންމެ މަސައްކަތެއްގައި ﷲ ބަރަކާތްލައްވައި މަޣްރިބް ކަރަޔަށް ހިޖުރަ ކުރެއްވި އިރުވެސް މިއީ ވަރަށް މުއްސަނދި އާއިލާއެކެވެ. މި ތަގުވާވެރި ދީލަތި ބައްޕަގެ ތިއްބެވީ ދެދަރިކަންބަލުންނެވެ. ފާތިމާ އަލް ފިހްރިއްޔާ އާއި ކޮއްކޯފުޅު މަރިޔަމްއެވެ. الشيخ عبد اللَّه الفِهري އަކަށް ފިރިހެން ބޭފުޅުންނެއް ނުލިބެއެވެ. މި އިލްމުވެރި ބައްޕަ އޭނާގެ އަންހެން ދެބެންނަށް އެދުވަސްވަރު ލިބެން ހުރި ތައުލީމެއް އުނގަންނައިދެއްވިއެވެ. އަދި ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެއްވިއެވެ.
މި މުއްސަނދި ދެބެންނާވެސް ކާވެނި ކުރެއްވީ ހަމަ އެހައިމެ ތަނަވަސް ދެމީހެކެވެ! މި ދެބެންގެ ބައްޕާފުޅު الشيخ عبد اللَّه الفِهري ނިޔާވުމުން މި ތަގުވާވެރި، ދީލަތި ދެކަނބަލުންނަށް ވަރަށް ގިނަ މުދާ ވާރުތަވިއެވެ. ތަރުބިއްޔަތު ވެފައިވާލެއް ހަރުދަނާކަމުން ލިބިފައިވާ އަމިއްލަ ތަނަވަސްކަމުގައި ދެބެންމެ ވިސްނެވީ ދެ މިސްކިތް ބިނާކުރެއްވުމަށެވެ. މަޣްރިބް ކަރައިގެ ފާސް ގެ މެދުން ދެމޭ ފާސް ކޯރުގެ ދެފަރާތުގައި ދިރިއުޅެނީ ދުރުން ހިޖުރަ ކުރި ދެބައެކެވެ. ކޯރުގެ އެއްފަރާތުގައި މުސްލިމް އިސްޕޭނުން ހިޖުރަކުރި މީހުންނެވެ. މި މީހުންނަށް، އެ ރަށުގައި ‘އަންދަލުސް’ އިން ހިޖުރަކުރި މީހުންނޭ ކިޔައެވެ. ކޯރުގެ އަނެއް ފަރާތުގައި ވަޒަންވެރިވީ ޓިޔުނީޝިޔާއިން ހިޖުރަކުރި މީހުންނެވެ. ދައްތަ ފާތިމާ މިސްކިތް މިހިސާބުގައި ބިނާކުރެއްވީތީ އެނާގެ މިސްކިތަށް ދެއްވި ނަމަކީ އަލް ޤަރަވިއްޔީން މިސްކިތެވެ. ދޫކުރެއްވި އުފަންވެލީގެ ނަމުންނެވެ! ކޮއްކޮ މަރިޔަމްގެ މިސްކިތް އެޅުއްވީ އަންދަލުސް ދޫކޮށް ހިޖުރަކުރި މީހުންގެ އަވަށުގައިކަމަށްވާތީ އެ މިސްކިތަށް އަންދަލުސް އަވަށު މިސްކިތް ކިޔުނެވެ.
ފަހުން މި ދެބެންމެ ހުވަފަތްވެ ވާރުތަވި މުދާ އިތުރުވުމުން އެ ފައިސާވެސް ބޭނުންކުރެއްވީ މިސްކިތް ފުޅާ ކުރެއްވުމާއި ޒީނަތްތެރިކުރެއްވުމުގައެވެ. އަރަބި ދުނިޔޭގައި މިސްކިތަކީ ނަމާދު ވަގުތައް ފިޔަވައި ތަފާތު އިޖްތިމާއީ ކަންކަން ހިންގޭ ތަންތަނެވެ. ތައުލީމުގެ އެންމެ ފުރަތަމަ މަރުހަލާތައް ފެށެނީ މިސްކިތް މިސްކިތުންނެވެ. ދަރިވަރުން ކުރިއަރަމުން ދިޔަވަރަކަށް ތައުލީމު ފުޅާވަމުން، ތައުލީމު ފުޅާވިވަރަކަށް ދަރިވަރުން އިތުރުވަމުން އާދެއެވެ. އަލް ޤަރަވިއްޔީން މަދަރުސާ، ޔުނިވަރސިޓީއަކަށް ބަދަލުވީ މިދެންނެވި ބީދައިންނެވެ. ހިޖުރީން ދެވަނަ ގަރުނުގައި ފެށުނު ތައުލީމު އަދިވެސް އެ އަންނަނީ މެދުނުކެނޑި ދަރިވަރުންނަށް ފޯރުކޮށްދެވެމުންނެވެ.
މި ދެބެން ހުސްބިމެއް ބައްލަވައިގަނެ މަދަރުސާ އެޅުމުގެ މަސައްކަތް ފެއްޓެވީ ހިޖްރީން 245 ވަނަ އަހަރުގެ ރަމަޟާން މަހެއްގައެވެ. މި މަސައްކަތުގައި 18 އަހަރު ހޭދަވިކަމަށްވެއެވެ! މި މިސްކިތާއި މަދަރުސާ ބިނާކުރުމުގައި ގޮތްނޭނގޭ އެއްވެސް އެއްޗެއް ބޭނުންކުރެވިދާނެތީ، ހަލާލު ތަކެތިން މި މިސްކިތް ބިނާކުރެއްވުމަށް ދެއްވި އާދަޔާޚިލާފު ސަމާލުކަމެއްގެ ސަބަބުން، ވެއްޔާއި ގަލާއި އުވަދެވުން ފަދަ ކަންކަމުގައި ބޭނުންކުރެއްވީ އެކަނބަލުންގެ ހަލާލުފައިސާއިން ބައްލަވައިގެންނެވި ބިމުން ލިބެންހުރި ތަކެއްޗެވެ. އަޅުގަނޑުމެން އުވަދެވުމުގައި އަކިރި ބޭނުންކުރާގޮތަށް އެހިސާބުގައި ބޭނުންކުރަނީ ލައިމްސްޓޯން ގަލެވެ. މިއީ ( ކަޅުހިލަދައި ހަދާފައި އެހުންނަ) ގްރެނައިޓްހިލަ އަށް ވުރެ މާ މަޑު ގަލެކެވެ.
މަދަރުސާގެ މަސައްކަތް ފެށްޓެވުމުގެ ކުރިން فاطمة الفهرية (رحمها الله ) ނަދުރެއް ވިދާޅުވިއެވެ. އެއީ މިސްކިތުގެ މަސައްކަތް ނިމެންދެން ހަމަ ކޮންމެ ދުވަހަކުމެ ރޯދަޔަށް ހުންނެވުމަށެވެ! އަދި އެންމެފަހުން، އަށާރަ އަހަރަށް ފަހުން، މަސައްކަތް ނިމުމުން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީﷲ އަށް ޝުކުރު ކުރެއްވުމުގެ ގޮތުން ދެ ރަކުޢަތް ކުރެއްވުމެވެ! ފާތިމާ އަލްފިހްރިއްޔާގެ މި މިސްކިތުގެ މަސައްކަތް އެހައި ދިގުލައިގެން ދިޔަ އެއް ސަބަބަކީ އެކަމަނާގެ އަމިއްލަ ބިމުން ލިބެންހުރި ތަކެތި ފިޔަވައި އެހެން ( ގޮތްނޭނގޭ) ތަކެތި ބޭނުން ނުކުރެއްވުމެވެ. މަސައްކަތަށް ބޭނުންވާ ފެނާއި މަސައްކަތްތެރިންގެ ބޯފެނަކީވެސް ހަމަ އެ ބިމުގައި ކޮނުނު ވަޅަކުން ލިބުނު ފެނެވެ!
އެދުވަސްވަރު މަޣްރިބްކަރައިގެ ވެރިކަމުގައި ހުންނެވި އިދްރީސް ދެވަނަ އާއި ފަހުން ވަޑައިގެންނެވި ރަސްރަސްކަލުންވެސް އިލްމަށާއި ޚާއްސަކޮށް އަލްޤަރަވިއްޔީން މަދަރުސާގައި ދެވޭ ތައުލީމަށް ދެއްވި އަހަންމިއްޔަތެއްގެ ސަބަބުން، މި މަދަރުސާގެ ނަން މުޅި އިސްލާމީ ދުނިޔެއަށް ފެތުރި ދަރިވަރުންނާއި އެދުރުން ފާސް އަށް ދަތުރުކުރަން ފެށިއެވެ. ހަމަ އިސާހިތަކު އިލްމުގެ ޤިބްލަޔަކަށް މި މަދަރުސާ، އަދި ފަހުން މި ޔުނިވަރސިޓީވެއްޖެއެވެ!
މި ޔުނިވަރސިޓީގައި ކިޔެވި ނަސޯރާދީނުގެ އެންމެ އިސް އެކަކީ ފަރަންސޭސި ވިލާތުގެ Gerbert of Aurillac އެވެ. ފަހުން، ކެތޮލިކް ކްރިސްޓިއަނުންގެ އެންމެ އިސް ޕޯޕަކަށް މީލާދީން 999 ވަނަ އަހަރު މީނާ ހަމަޖެހުނެވެ. އެއީ ޕޯޕް ސިލްވެސްޓަރ ދެވަނައިގެ ނަމުގައެވެ. ( އިސްފާދިރީ ޕޯޕަށް ކިޔާނަން ހަމަޖައްސަނީ ވަކި ކޮމެޓީއަކުންނެވެ، އެއީ އޭނާގެ އުފަން ނަމެއްނޫނެވެ)
މިހާރު އާންމު ގޮތެއްގައި އަޅުގަނޑުމެން މި ބޭނުންކުރާ ވިޔަ އަކުރަކީ އެ ޒަމާނުގައި ވިލާތުގައި ގެންގުޅުނު ވިޔަ އަކުރެއްނޫނެވެ. މިހާރު މި ގެންގުޅޭ ވިޔަ އަކުރު، މި ލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައި އެހުރި އަކުރަކީ މި ޕޯޕް ވިލާތަށް ތައާރަފު ކުރެއްވި ވިޔަ އަކުރެވެ! އެއީ އަރަބި ވިޔައަކުރުގެ ނަމުން މަޝްހޫރުވެފައިވާ އަކުރެވެ. އޭގެ ކުރިން އެމީހުން ބޭނުންކޮށް އުޅުނީ ރޯމަންވިޔަ އަކުރެވެ! ސުމެއް ތައާރަފުވީ މީގެތެރެއިން އިންޑިޔާގައި ބޭނުންކޮށް އުޅުނު ވިޔައިންނެވެ! ސުމަކީ ރޯމަން ވިޔަ އަކުރުގައި ބޭނުންކުރެވޭ އަދަދެއް ނޫނެވެ!
ތަގުވާވެރި މުއްސަނދި އަދި އެހައިމެ ދީލަތި ބަފައެއްގެ ހެޔޮ ތަރުބިއްޔަތުން، މުސްލިމް ދެ އަންހެނުންގެ މިންނަތް މަސައްކަތުގެ ނަތީޖާ ނިކަން ދެކިލައްވާށެވެ!
ވަރަށް އަގުހުރި މަޢުލޫމާތު ތިޔަ ދެއް ވީ.