އެމެރިކާ ސިފައިން ދެކުނު ކޮރެޔާގައި ބޭތިއްބުމަށް އެގައުމުން އެމެރިކާއަށް ދޭ ފައިސާ އިތުރުކުރަން އެއްބަސްވެއްޖެއެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލައަކަށް ވެފައި އޮތް މި ކަމަށް ހައްލެއް މިގެނައީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި، އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް-އުންގެ ދެވަނަ ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
1950 އިން 53 އަށް ހިނގި ކޮރެޔާ ހަނގުރާމަ ނިމި، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމާއެކު (އަދިވެސް ދެކޮރެޔާ އޮތީ ހަނގުރާމައިގެ ހާލަތުގައި) އެމެރިކާއާ ދެކުނު ކޮރެޔާއާ ދެމެދު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރެވުނެވެ. އެ އެއްބަސްވުމުގެ ދަށުން، އުތުރު ކޮރެޔާއިން އަތުވެދާނެ ނުރައްކަލަކުން ދެކުނު ކޮރެޔާ ދިފާއުކުރުމަށްޓަކައި އެމެރިކާގެ 28500 ސިފައިން ކޮރެޔާގައި އަބަދުވެސް ތިބެއެވެ.
ރައީސު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ކޮރެޔާގައި ތިބޭ އެމެރިކާމީހުންނަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަމަށް ވިދާޅުވެ އަބަދުވެސް ޝަކުވާ ކުރައްވަމުން ގެންދަވައެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ދެކުނު ކޮރެޔާއިން މިހާރު ދޭ ފައިސާ ދެގުނަ އިތުރު ކުރުމަށެވެ.
ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެމެރިކާއަށް ދައްކަންޖެހޭ ފައިސާ އިތުރުކުރުމާމެދު ދެފަރާތުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ފަހު މިހާރު ދެކޮނު ކޮރެޔާއިން އެއްބަސްވެފައި ވަނީ 2019 ވަނަ އަހަރު އެމެރިކާއަށް 1.04 ޓްރިލިއަން ވޮން (924 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށެވެ. އެއީ ކުރިން ދައްކަމުން އައި އަދަށްވުރެ %8.2 އިތުރު އަދަދެކެވެ. 2018 ގައި އެމެރިކާއަށް ދީފައި ވަނީ 1.03 ޓްރިލިއަން ވޮން (850 މިލިއަން އެމެރިކާ ޑޮލަރު) އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، އެމެރިކާ އިން އެދުނީ ދައްކަންޖެހޭ ފައިސާ "ވަރަށް ބޮޑުތަން އިތުރުކުރަން" ކަމުގައި ވިޔަސް ކޮރެޔަން ޕެނިންސިއުލާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ފައިސާގެ އަދަދު އިތުރުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ.
މީގެ އިތުރުން ދެކުނު ކޮރެޔާގައި ތިބި އެމެރިކާގެ ސިފައިންގެ އިދާރީ އަދި ޓެކްނިކަލް ވަޒީފާ ތަކުގައި އުޅޭ 7800 މުވައްޒަފުންގެ މުސާރައިގެ %70 ދެނީ ވެސް ދެކުނު ކޮރެޔާއިންނެވެ.
ވެރިރަށް ސިއޯލްއާއި، ދެކޮރާ ދެމެދުގައި އޮންނަ ހަތިޔާރު ނުގެންގުޅޭ ސަރަހައްދު ކައިރީގައި ތިބި އެމެރިކާ ސިފައިން ދެކުނުގެ ސަރަހައްދަކަށް ބަދަލުކުރަން ހަދަން ޖެހޭ ތަންތަން ހެދުމަށްވެސް 10.8 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.