އެސްބީއައި އަކީ އިންޑިއާއި ރާޖެއާ ދެމެދުއޮތް ގުޅުމުގެ ރަމްޒެއް: ރައީސް

ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި 45 އަހަރު ވަންދެން ޚިދުމަތް ދެއްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ  އެބޭންކަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެސްބީއައި އިން ރާއްޖޭގައި ޚިދުމަތް ދޭންފެށިއިރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ފަށާފައި ނުވާކަމަށެވެ. ރާއްޖޭގެ އިގްތިސާދޫގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްވިއިރު ރާއްޖޭގައި ހަމައެކަނި ބޭންކިންގެ ޚިދުމަތްދެމުން އައީ އެސްބީއައި އިން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްބީއައި އަކީ އަމިއްލަ ފަރުދުންނަށާއި، ވިޔަފާރިވެރިންނަށް މާލީއެހީތެރިކަން ފޯރުކޮށް ދިނުމުގައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ ބޭންކެއް ކަމަށެވެ.

އެފަދަ ބޭންކަކުން 45 އަހަރު ވަންދެން ދިވެހިރާއްޖޭގައި ޚިދުމަތް ދެމުން ގެންގޮސްފައިވާތީ ރައީސް ވަނީ އެކަމަށްޓަކައި އެބޭންކާއި ވެރިންނާއި މުވައްޒަފުންނަށާއި، ޙިއްޞާދާރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެސްބީއައި އަކީ ދިވެހިރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްޤީއަށް އަދި ޖުމްލަގޮތެއްގައި މުޅިޤައުމަށް ޚިދުމަތް ކުރައްވާ ބޭންކެއް ކަމަށެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ވިޔަފާރިތަކަށް ކާމިޔާބާ ހަމައަށް ވާސިލުވުމަށް އެސްބީއައި އިން ވެދެއްވާ އެއްބާރުލުން ވެސް ފާހަގަ ކުރައްވައިފައެވެ.

މި ހަފުލާގައި އެސްބީއައިގެ ފަރާތުން ވަނީ ރައީސް އިބްރާހީމަށް ހަނދާނީ ޚާއްޞަ ފިލައެއް އަރުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.