ޢަރަބި ދުނިޔޭގެ ފުރަތަ އަންހެން ދާޚިލީ ވަޒީރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލުބުނާންގެ ރާޔާ އަލް ޙަސަނަށް ލިބިވަޑައިގެންފިއެވެ. ބުދަދުވަހު ދާޚިލީ ވަޒީރަކަށްވެވަޑައިގަތުމުގެ ކުރިން ސަރަހައްދުގެ އިތުރަށް ލުބްނާންގެ ފުރަތަމަ އަންހެން ފިނޭންސް މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ވެސް ރާޔާ ވަނީ ހޯއްދަވާފައެވެ.
ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތުމަށްފަހު ދެއްވި ބަޔާނެއްގައި އެކަމަނާއަށް ބޮޑުވަޒީރުު ސަޢުދުލް ޙަރީރީ އިތުބާރު ކުރައްވައި ސަރުކާރުގެ މުހިއްމު ވުޒާރާއެއް ހިންގަވަން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ލުބްނާންގެ 30 މެންބަރުންގެ ކެބިނެޓުގައި 4 އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.
ރާޔާ އަލް ޙަސަންއަކީ އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީން މާސްޓާސް ހައްދަވާފައިވާ ބޭކަނބަލެކެވެ. އަދި އެކަމަނާއަކީ ބޮޑުވަޒީރު ސަޢުދުލް ޙަރީރީގެ ފިއުޗަރ މޫވްމަންޓް ޕާޓީގެ ވަރަށް ޙަރަކާތްތެރި މެންބަރެއްވެސް މެއެވެ.
ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތުމުން ލުބްނާންގެ ބާރުގަދަ ސިކިއުރިޓީ އެޖެންސީތަކުގެ އިސްވެރިޔަކަށް ހުންނަވާނީ ވެސް ރާޔާއެވެ.