ގާނޫނީ ހުއްދަ ނުނަގައި ގަވާއިދާއި ޚިލާފަށް ހަދައިގެން ވިއްކާ އާދައިގެ ބަނގުރާ ބޮއެގެން އިންޑިޔާގެ އުތުރުގައި 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިންޑިޔާގެ ނޫސްތަކުން ޚަބަރުދޭ ގޮތުގައި އުއްތަރާކަންޑުގެ ހަރިދްވާރު ޑިސްޓްރިކްޓާއި، އެ ޑިސްޓްރިކްޓާ އިންވެގެން އޮތް އުއްތަރުޕްރަދޭޝްގެ ސަހާރަންޕޫރުގައި މި މީހުން މަރެވެފައި ވަނީ މެތަނޯލް ވިހަވެގެންނެވެ. އެމީހުން ބުއި ބަނގުރަލުގައި ވިހަވާވަރަށް މެތަނޯލް ހުރިކަމަށާއި، މަރުވި މީހުންގެ ހަށިތަކުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަކުން އެކަން ޔަގީންވެފައިވާ ކަމަށް އެ ދެ ސްޓޭޓުގެ ފުލުހުން ކަށަވަރުކޮށްދެއެވެ.
ހަރިދްވާރު ޑިސްޓްރިކްޓްގެ ބާލޫޕޫރާއި އެހެން އަވަށްތަކުން 24 މީހުން މަރުވެފައިވާއިރު، ސަހާރަންޕޫރު ޑިސްޓްރިކްޓުން 46 މީހުން ވަނީ މަރުވެފައިވާއިރު 40 އަށްވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މަރުވެފައި ވަނީ ވިހަވެފައިވާ ބަނގުރާ ބޮއެގެންތޯ ޔަގީންކުރުމަށްޓަކައި ހުކުރު ދުވަހު މަރުވި އިތުރު ބައެއް މީހުންގެ ޓެސްޓްތައް ހަދަމުންދާ ކަމުގެ ޚަބަރުވެސް ނޫސްތަކުން ދީފައި ވެއެވެ.
އިންޑިޔާގެ ނޭޝަނަލް ކްރައިމްސް ރިކޯޑް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިފަދަ އާދައިގެ ބަނގުރާ ބޮއެގެން އިންޑިޔާގައި އަހަރަކު ހާހެއްހާ މީހުން މަރުވެއެވެ.
މިފަދަ ބަނގުރާ އާއްމުކޮށް އުފައްދަނީ ފެންވަރު ދަށް ތަކެތި ބޭނުންކޮށްގެންނާއި، ސިނާއީ މަސައްކަތަށް ބޭނުންކުރާ އެލްކޮހޯލާއި، ވިހަ އެކުލެވޭ މާއްދާތައް ބޭނުންކޮށްގެންނެވެ.
މިފަދަ އެންމެ ނުރައްކާތެރި ހާދިސާގައި 1992 ވަނަ އަހަރު އުތުރު އިންޑިޔާގެ އޮޑީޝާ ސްޓޭޓުގައި 200 މީހުން މަރުވެފައި ވެއެވެ. 2015 ފަހަރު މުމްބާއީގައި މިފަދަ ބަނގުރާ ބޮއެގެން 100 މީހުން މަރުވެފައިވާ ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އުއްތަރު ޕްރަދޭޝް އަދި އުއްތަރާކަންޑް ސްޓޭޓުގައި ފުލުހުން ތަހުގީގުގެ މަސައްކަތް ފަށާފައިވާ އިރު ކަމާ ގުޅުން ހުރި 30 މީހުން މިހާތަނަށް ހައްޔަރުކޮށްފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ގަވާއިދާއި ޚިލާފަށް ބަނގުރާ ވިއްކި 8 މީހަކުވެސް ހިމެނެއެވެ.
އިންޑިޔާގެ ފަގީރު އަވަށްތަކުގައި މިފަދަ ހާދިސާތައް ތަކުރާރުވަނީ، ލައިސަންސް ލިބިގެން ހަދާފައިވާ، މަޝްހޫރު މަރުކާތަކުގެ ބަނގުރާ ގަނެވޭވަރު ނުވާމީހުން، އަގުހެޔޮ ބަނގުރާ ގަނެ ބޭނުންކުރާތީއެވެ.
އެއީ މި ސަރުކާރުން ނަމޫނާއެއް ކަމައް ބަލާ އިންޑިއާ