އެވިޑެންސް ބޭސްޓް ޕްރެކްޓިސް ކޮންފަރެންސަކީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް އަންނަ އިންގިލާބެއް ކަމުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ.
އެކަމަނާ މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލަޤްވާމީ އެވިޑެންސް ބޭސްޑް ޕްރެކްޓިސް ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވައި މިއަދު ބަންޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓާރ އިރުތިޝާމް ވިދާޅުވީ، މި ކޮންފަރެންސްއަކީ ދިވެހި ސިއްޚީ ދާއިރާޢަށާއި އެ ދާއިރާގައި އުޅުއްވާ އެކި އެކި ބޭފުޅުން، ޚާޢްސަގޮތެއްގައި ނަރުހުންނަށް ލިބިގެންދާ ވަރަށްބޮޑު ކާމިޔާބީއެއްކަމުގައެވެ. ޚާޢްސަ ގޮތެއްގައި، ފަހަކަށްއައިސް ދިވެހި ސިއްޚީ ދާއިރާއަށް އައި ކުރިއެރުންތައް ފާހަނގަކޮށް، މި ދާއިރާއަށް މިއަދު ބޭނުންވަނީ ވެސް މިފަދަ ފުންނާބު އުސް ފަރާތްތަކުގެ މަޝްވަރާއާއި، ޒަމާނަށް އައި ބަދަލުތަކާއެކު ބޭސްފަރުވާގެ ނިޒާމަށް އަންނަ ހެޔޮ ބަދަލުތަކަށް ހޭލުންތެރިވުންކަމުގައިވެސް މިނިސްޓާރ އިރުތިޝާމްވަނީ ފާހަނގަކުރައްވާފައެވެ.
ހަމައެޔާއެކު ދިވެހި ސަރުކާރުން ސިއްޚީ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ދޭ އަހަންމިއްޔަތު ފާހަނގަކުރައްވާ، (ޕެއިޑް ލީވް) ނުވަތަ މުސާރައާއި އެކު ވަޒީފާއަށް ނުގޮސް ކިޔެވުމުގެ ނުވަތަ ތަމްރީނު ހޯދުމުގެ ފުރުސަތު ހުޅުވާލެވި ހަތަރު އަހަރު ތެރޭ 132 ފަރާތް މި އިނާޔަތުގެ ދަށުން، މި ދާއިރާއަށް ނުކުމެފައިވާކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ސަތޭކަ ބައިވެރިންނާއި އަދި ދުނިޔޭގެ ހަތް ގައުމަކުން 60 ބައިވެރިންނާއި އެކު ޖުލައި މަހުގެ 13 އިން 14 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި މި ކޮންފަރެންސް ކުރިއަށްދާއިރު، ބައިނަލަޤްވާމީ ގޮތުން ކަމާއި ގުޅޭ ދާއިރާތަކުގައި ފުންނާބު އުސް ބޭފުޅުން މި ކޮންފަރެންސްގައި ތަގްރީރުކުރައްވާނެއެވެ.
މިނިސްޓާރ އިރުތިޝާމް ވަނީ މިފަދަ ބޮޑު ކޮންފަރެންސްއެއް ދިވެހި ސިއްޚީ ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭތީ އެކަމާ ފަހްރުވެރިވެވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި މިކަމުގެ ހަގީގީ އަސަރުކުރާނީ ހާސިލްކުރާ މައުލޫމާތު އަމަލީ މައިދާނުގައި ދައްކައިގެންކަމުގައި މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.