ޒަމާނީ އަޅުވެތިކަން ނައްތައިލުން

ތިރީގައި އެވާ ލިޔުމަކީ TED talks ގެ ބައްދަލުވުމެއްގައި ޕްރޮފެސަރ ކެވިން ބޭލްސް ދެއްވި ދަރުސެއްގެ ތަރުޖަމާއެވެ. ޕްރޮފެސްރ ބޭލްސް އަކީ އިންސާނުން އަޅުވެތިކޮށްގެން ގެންގުޅޭ ގެންގުޅުމާއި ބެހޭ ވަރަށް ގިނަ ދިރާސާ، ތަފާތު ފަސް ގައުމެއްގައި އަމަލީގޮތުން އެފަދަ ކަންކަން ހިނގާ ތަންތަނަށް ވަޑައިގެން މައުލޫމާތު ހޯއްދަވައިގެން، ވަރަށް ގިނަ ފޮތް ލިޔުއްވާފައިވާ ބޭކަލެކެވެ. މީނާގެ އެންމެ ފަހު ފޮތް “Disposable People: New Slavery in the Global Economy ”

( ބޭނުން ނިމުނީމައި އެއްލައިލެވޭ މީހުން: ބައިނަލް އަޤުވާމީ އިގްތިސާދުގައި އާ އަޅުވެތިކަން ) މި ފޮތަކީ މިހާރު ތަފާތު 10 ބަހަށް ތަރުޖަމާކުރެވިފައިވާ ފޮތެކެވެ.  އަދި ހަގީގީ ފިލްމެއްވެސް އެ ފޮތުގެމައްޗަށް ތައްޔާރު ކުރެވިފައިވެއެވެ. ޕްރޮފެސްރ ބޭލްސް އަކީ އދ ށް، އިނގިރޭސި، ނޭޕާލު، އަދި ނޯވޭ ސަރުކާރަށް ފަންނީ ލަފާ ދެއްވާ މުޝީރެކެވެ! 2008 ވަނަ އަހަރު ފަރަންސޭސި ވިލާތުގައި ނޯބެލް އިނާމު ހާސިލުކުރެއްވި އިއްޒަތްތެރިންނާ މުޚާތަބުކުރައްވައި ޒަމާނީ އަޅުވެތިކަމާ ބެހޭގޮތުން ތަގުރީރު ކުރެއްވެވިއެވެ. އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ނަންފުޅުގައި ހިންގަވާ ޖަމިއްޔާ އުފައްދަވަން އުޅުއްވިއިރުވެސް ޕްރޮފެސަރ ބޭލްސްގެ ލަފާފުޅު ހޯއްދެވިއެވެ.


”ޒަމާނީ އަޅުވެތިކަމާއި ބެހޭ އެންމެ ފުރަތަމަ ހިލަމެއްވެސް އަޅުގަނޑަށް ލިބުނީ އެއްދުވަހަކު ލަންޑަނުގައި އަޅުގަނޑު އަތަށް އެރި ކުޑަ ލުއިފޮތަކުންނެވެެ. އެއީ 1990ގެ ކުރީކޮޅެވެ. އެ ލުއިފޮތް ހުޅުވައި ބަލައިލިއިރު އޭގައި ” ދުނިޔޭގައި މިހާރުވެސް އެތައް މިލިޔަން އަޅުންނެއް އެބަ ގެންގުޅޭ” ކަމަށް އޮތެވެ! އަޅުގަނޑަށް އެ ލިޔުމުގައިވާ އެއްޗެއް ގަބޫލުކުރަން ވަރަށް ދަތިވިއެވެ! ‘ ހަމަ ހިލާ އެހެނެއް ނުވާނޭ ‘ ހިތާހިތާ ބުނެލެވުނެވެ. ވާނީވެސް އެހެންނޫންތޯއެވެ! އަޅުގަނޑަކީ ޔުނިވަރސިޓީގައި ކިޔަވައިދޭ ޒުވާން ޕްރޮފެސަރެކެވެ! ޔުނިވަރސިޓީގައި އިންސާނީ ހައްގު ކިޔަވައިދޭ ޒުވާން ޕްރޮފެސަރަށް (އަޅުގަނޑަށް) ނޭނގި އެވަރުކަމެއް ހަމަ ހިނގަމުން ދާނެބާއެވެ!

ތައުލީމީ ދާއިރާގައި އުޅޭ ޒިންމާދާރު މީހެއްނަމަ މިފަދަ މައުލޫމާތު އަމިއްލައަށް ހޯދައި ބަލައި ކަށަވަރުކުރަންވާނެ ނޫންތޯއެވެ؟ އިތުރު ދިރާސާ އެއް ފެނޭތޯ އަޅުގަޑު ހޯދި ލިޔުންތަކުން ފެންނާންހުރީ އިހުގެ އަޅުވެތިކަމުގެ ވާހަކައެވެ! ޒަމާނީ އަޅުވެތިކަމުގެ މައުލޫމާތު ދެ ލިޔުމަކުން ފެނުނެވެ، ނަމަވެސް އެއީ އިތުބާރު ހިފޭ ތަފާސްހިސާބާއި އެކު ހުރި ލިޔުމެއްނޫނެވެ! ( ޕްރޮފެސަރ އެ އިޝާރާތް ކުރައްވާ ދުވަސްވަރު ‘ ގޫގްލް’ އަދި ނެތްނަމަވެސް އިންޓަނެޓުން މިފަދަ މައުލޫމާތު ހޯދެއެވެ) ޒަމާނީ އަޅުވެތިކަމާ ބެހޭގޮތުން ހުރީ ތޯތޯވާހަކަ ކަހަލަ ގޮތަކަށް ހުރި ލިޔުމެވެ! އިތުބާރު ހިފޭ ހަރުދަނާ ލިޔުމެއް، ގަރީނާއެއް ނުފެނުނެވެ!

މިހެންވެ، މައުލޫމާތު ހޯދުމުގެ ދިގު ދަތުރެއް ފެށީމެވެ. ދުނިޔޭގެ އެކި ކަންކޮޅުން ފަސް ގައުމަކަށް ދިޔައިމެވެ. އަޅުންނާއި އަޅުން ގެންގުޅޭ މީހުންނާއި ބައްދަލުކުރީމެވެ. އަދި އަޅުންލައްވައި މިހިންގާ އިގްތިސާދީ ޖަރީމާ، އާދެ މިއީ އިންތިހާއަށް އަނިޔާވެރި އިގްތިސާދީ ކުށެއްކަމުގައި މިދެންނެވީ، އިންސާނުން އެކަކު އަނެކަކު އަޅުވެތިކުރަނީ ކޮންމެހެން އެމީހަކަށް ނޭއްގާނީ ވުމުގެ ބޭނުމަކު ނޫނެވެ! މިއީ މާއްދީ ނަފާ ހޯދަން ކުރާކަމެކެވެ! ދަންނަވަންތޯއެވެ؟ ހަތަރު ބައްރުން ފެނުނީ ހަމަ ދާދި އެއްކަހަލަ ހިތާމަވެރި، އިންތިހާއަށް މާޔޫސްކުރުވާ މަންޒަރު މަންޒަރެވެ! 
އެފްރިކާގެ ގާނާއިން  އަޅުގަނޑުމެނާއި ބައްދަލުކުރި ޒުވާން ފިރިހެން ކުއްޖެއް އޭނާ ގެންގުޅޭ މީހުންގެ ކިބައިން ސަލާމަތްވެވުނު އިރު އޭނާގެ އުނަގަނޑުންމަތި ވަނީ ރޯޒަޚަމުން ފުރިފައެވެ. ޗާބޫކުން ތަކުރާރުކޮށް ތަޅާފައި ހުރިތަންތަން އަދި ފަސޭހަވެސް ނުވެއެވެ! ގިނައީ ކުރިން ތެޅި ތަންތަނުގެ ލަކުނު މަތީގައި ހުރި އެކިވަރުގެ ފާރެވެ! އެއީ އަދި އުމުރުން ބާރަވަރަކަށް އަހަރުގެ ޅަ ފިރިހެން ކުއްޖެކެވެ!

އަޅުވެތިކަމުގެ ވާހަކަ މިތާނގައި އަޅުގަނޑު މި ދައްކަނީ  އެކަމުގެ މަޖާޒީ މާނައެއްގައެއް ނޫނެވެ! މި ދައްކަނީ އުފާވެރިކަމެއް ނެތި، ހުޅުކޮޅު ނިވެމުންދާ ކާވެންޏެއްގެ ވާހަކައެއް ނޫނެވެ!   އަދާކުރާހިތްނުވާ ވަޒީފާއަކަށް ބަޔަކު ކޮންމެ ދުވަހަކު ދާންޖެހޭ ވާހަކައެއްވެސް ނޫނެވެ! މި ދައްކަނީ ހަފުތާގެ ހަތްދުވަހު ހޭލާހުންނަ ހުރިހާވަގުތެއްގައި ގަދަކަމުން މަސައްކަތްކުރުވައި، އެ މަސައްކަތުން ރެކިގަނެ އަނބުރާލާފައި ދެވެންނެތް ބައެއްގެ ވާހަކައެވެ! ޝަކުވާ އަޑުއަހާނެ މީހަކުނެތް އެކަހެރި ކަމުގައި ގެންގުޅޭ ބައެއްގެ ވާހަކައެވެ! މިއީ ހަގީގީ އަޅުވެތިކަމެވެ. އެންމެ އިހު ޒަމާނުންސުރެ އިންސާނުން އަޅުވެތި ކުރެވެމުން އައި ގޮތަށް ހިނގާ ކަމެއްގެ ވާހަކައެވެ!

މިދެންނެވި ޒަމާނީ އަޅުވެތިކަން ހިނގަނީ ކޮންކޮން ގައުމުގައުމެއްގައިތޯއެވެ؟ ކުރު ޖަވާބަކީ އައިސްލެންޑާއި ގްރީންލެންޑް ފިޔަވައެވެ! ( ގްރީންލެންޑަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަޒީރާއެވެ. ކުރިން އޮތީ ޑެންމާކުގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އަމިއްލަ ޕާލިޔަމެންޓެއް އޮވެއެވެ. ކަންކަން ހިންގުމުގައި ވަކިވަރެއްގެ އަމިއްލަ މިނިވަންކަމެއް ލިބިފައިވެއެވެ. އާބާދީ އަކީ 57 ހާހެވެ!) ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިމިވާ ހިތާމަވެރި ވިޔަފާރިއަށް ބަލައިލާއިރު، ޖުމްލަކޮށް އޭޝިޔާގެ ގައުމުތަކުގައި ފަސްމިލިޔަނަށްވުރެ ގިނަ އަޅުން ގެންގުޅޭ ކަމަށް ފާހަގަވެއެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުން ފެށިގެން އިރުމައްޗަށާއި ދެކުނު އިރުމައްޗަށް ދަމުންގޮސް އިންޑޮނީޝިޔާ އާއިއުތުރުން ޖަޕާނާއި ހަމައަށެވެ! އެފްރިކާ އާއި ދެކުނު އެމެރިކާގައި ފަސްމިލިޔަނެއްހައި އަޅުން ތަފާތު މަސައްކަތުގައި ގެންގުޅެއެވެ. ދެން އުތުރު އެމެރިކާގައްޔާއި ވިލާތުގައި ބައި މިލިޔަނެއްހަ އަޅުންލައްވައި މިހާރުވެސް ނުރުހުމުގައި މަސައްކަތް ކުރުވާކަމަށް ބެލެވެއެވެ! އަޅުވެތި ކުރުވުމުގެ ހިތާމައިގެ އިތުރުން ފެންނަ  އަނެއް ކަމަކީ އެމީހުންލައްވައި ތިމާވެށި ހަލާކު ކުރުވާކަމެވެ. މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިކަން ހިނގައެވެ. ދެކުނު އެމެރިކާގެ އެންމެ ބިޔަ އެންމެ ބޯ ޖަންގަލީގައި ހުއްދަނެތި، ވަކި ސުމާރެއްނެތި ލަކުޑީގެ ބޭނުމުގައި ގަސްކެނޑުވުމެވެ. ހުޅަނގު އެފްރިކާގައި ރަން ނަގައި ސާފުކުރުމުގައި ދިރޭ ރަހަ ކޯރުތަކާއި ބިމަށް އެޅުމެވެ. ގާނާ އާއި ކޮންގޯގައި މިއީ ވަރަށް ބޮޑަށް ހިނގާކަމެކެވެ. ދެކުނު އޭޝިޔާގައި ގޮނޑުދޮށާއި ކަނޑޫފާތައް ހަލާކު ކުރުމެވެ. އަޅުގަނޑުމެންގެ ވެއްޓާއި އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިގަތުމާއި މިވަނީ ލާމެހިފައެވެ.

އަޅުގަނޑުމެނަށް ތައުލީމު ލިބި ތަހުޒީބުވާންފެށިފަހުން މިވީ ކީއްބާއެވެ؟ މި ރަންޒަމާނުގައި 27 މިލިޔަން މީހުން އަޅުވެތިކަަމުގައި އުޅެން މިޖެހެނީ ކީއްވެބާއެވެ. އެފްރިކާއިން އަޅުން ޖަހައިގަނެ، ވަގަށްނަގައިގެން އެޓްލާންޓިކް މާކަނޑު ހުރަސްކޮށް ކުރެވުނު އަޅުވިޔަފާރި އެންމެ ފޯރިގަދަވި ދުވަސްވަރުގެ ދެގުނައަށް މިކަން މި އިތުރުވީ ކީއްވެބާއެވެ؟ އެއްކަމަކީ ސިއްޙީ  ހޭލުންތެރިކަން އިތުރުވެ ބޭސްފަރުވާ ރަނގަޅުވާންފެށުމުން އާބާދީއަށް އައި ހެޔޮ ބަދަލެވެ. އާދެ، ފަންސާހަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ އާބާދީ ދެ ބިލިޔަނުން ހަތް ބިލިޔަނަށް އިތުރުވުމެވެ. ނަމަވެސް ބައިބޯވުމަކީ ބަޔަކު އަޅުންނަށް ވާންޖެހޭ ސަބަބެއްނޫނެވެ. ދެރަކަމަކީ ބައިބޯ ހިސާބުގައި ރައްޔިތުންނަށް ކުލުނެއް ނެތް ސަރުކާރުތަކާއި ވެރިން އާންމުވުމެވެ. ދާޚިލީ ހަނގުރާމަތަކާއި ނަސްލު އެއްކޮށް ނައްތައިލާން ހިންގޭ ހަނގުރާމަ ފަދަ ޖަރީމާތައް ގިނަވުމެވެ.

ބައެއް ގައުމުގައުމުގައި މިދެންނެވި ހުރިހާ ކަމެއް އެއްހިސާބަކުން ފެނިފައި އެބަހުއްޓެވެ. ދާދިފަހުން ސިޔަރެލިޔޯނުގައި މިހެން ދިމާވިއެވެ. މިހާރުވެސް ހަގީގަތުގައި އެކި ހިސާބު ހިސާބުގައި ފަގީރު ނިކަމެތި އެއް ބިލިޔަން މީހުން އެބައުޅެއެވެ. އެއްބިލިޔަނަކީ އެއްހާސް މިލިޔަނެވެ! މިއީ ކުރާނެ މަސައްކަތެއް ނެތްމީހުންނެވެ. ދެއިރުވެސް ކެވޭނެ ގޮތެއްނެތް މީހުންނެވެ. މިދެންނެވި ނިކަމެތި ފަގީރު ކަމަކީވެސް މިނިވަން އިންސާނަކު މިފަދަ ދުވަސްވަރެއްގައި އަޅަކަށް ވާންޖެހޭނެ ސަބަބެއް ނޫނެވެ. ކިތަންމެ ފަގީރު ނަމަވެސް އޭނާ އަޅަކަށް ވާކަށް ނުޖެހެއެވެ. ވީމާ އަަޅަކަށް މިވަނީ ކީއްވެބާއެވެ؟ އާދެ، އަޅަަކަށް ވަނީ ގާނޫނެއް ނެތުމުންނެވެ! ހަރުދަނާ ގާނޫނުތަކެއް ހެދިފައިވާނަމަ، ފަގީރުންނާއި ނިކަމެތިންނަށް ހައްގު ލިބޭނެއެވެ. ނަމަވެސް ނިކަމެތިން  ރައްކާތެރި ކުރަން ތިބޭ މީހުންގެ ތެރޭގައި މާއްދީ ފަސާދަ ފެތުރޭން ފަށައިފިނަމަ، އަދި ޤާނޫނުގެ ރައްކާތެރިކަން އާންމު ފަރުދުންނަށް ނުލިބޭނަމަ ދެން ފެންނާނީ މިފަދަ ހިތާމަވެރިކަންކަމެވެ. މިފަދަ މާހައުލެއްގައި ހައްގަކީ ގަދަ ބާރެވެ. ނިކަމެތި ފަގީރުން  ބާރުގަަދަ މީހާގެ ޝިކާރަޔަކަށް ވަނީއެވެ!

އިހުގެ އަޅުވެތިކަމާއި މިހާރު މިހިނގާ ކަންތައް ފެށުމުގައި ކުޑަ ތަފާތެއް އެބަހުއްޓެވެ. އިހު ޒަމާނުގައި ހަނގުރާމައިގެ އަސީރުން އަޅުވެތިވެއެވެ. ނުވަތަ އެ ވިޔަފާރީގައި އުޅޭ މީހުން ގަދަކަމުން މީހުން ޖަހައިގަނެގެން ގެންގޮސް އުޅުނެވެ. ނަމަވެސް މިހާރު މިކަން ފެށެނީ އެއަށްވުރެ ލުއި ގޮތަކަށެވެ. ރަށްފުށު އަވަށަކަށް އައިސް ވަޒީފާއޮތްކަމަށް އިއުލާނުކޮށް ބަޔަކު ގެންދަނީއެވެ. މިހެން ގެންދާމީހުން އެއްގައުމުން އެހެން ގައުމަކަށްވެސް ގެންގޮސްފައި އެބަހުއްޓެވެ. އެ ގައުމުގެ ބަސްނޭނގި، މުޅިން އާ މާހައުލަކަށް ކުއްލިއަކަށް ކޮއްޕައިލެވުމުން އެ ސިހުން ލައްކަ ގިނަދުވަހު ހުރެއެވެ. ޝަކުވާ ކުރާނެ ބަހެއް، ކުރަން ދާނެތަނެއް ނެތި އަޅުވެތިވަނީއެވެ! ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑަށް އިވުނީ ދާދި އެއްވާހަކައެކެވެ.” އަހަރެން ގޭގައި ހުއްޓައި ދިރިއުޅޭ އަވަށަށް އައި މީހަކު ބޮޑު ލޮރީއެއްގެ ފަހަތުގައި ހުރެ އޭނާއަކީ ކާރުޚާނާއެއްގެ ވެރިއެއްކަމަށް ބުނެ، ވަޒީފާދޭން ވައުދުވީއެވެ. އަދާކުރާނެ ވަޒީފާއެއް ބޭނުންނަމަ ލޮރީއަށް އެރުމަށް ދައުވަތުދިނީއެވެ! އޭނާ ފެނިފައިވެސް ހިތުގައި ޝައްކެއް އުފެދުނެވެ! އެހެންނަމަވެސް ކުރާނީ ކީއްތޯއެވެ؟ ތުއްތު ދަރިން ތިބީ ބަނޑުހައިވެފައެވެ. އަންހެނުންނަށް ބޭހެއް ނުގަނެވިގެން އުޅޭތާ އެތައް ދުވަހެއްވެއްޖެއެވެ. ކޮންމެވެސް ގޮތަކުން ފައިސާކޮޅެއް ހޯދަން ޖެހިފައިވާތީ އެމީހާ އާއި އެކު އެ ލޮރީއަށް އަރައިގެން އެދުވަހު ދެވުނީއެވެ!”  އެއްކަލަ ލޮރީ ދުއްވާލައި ދިހަ ކިލޯމީޓަރަށް، ސަތޭކަ ކިލޯ މީޓަރަށް ދަތުރުކުރަމުންގޮސް އެއްހާސް ކިލޯމީޓަރު ދުރަށް ގޮސް ހުއްޓާލައި، މުޑުދާރު، ނުރައްކާތެރި މަސައްކަތް ތަކެއް ކުރުވަން ޖެއްސީއެވެ. ދެތިން ދުވަހު ކެތްކޮށްފައި ކެތްނުވާވަރުވުމުން މަސައްކަތް ދޫކޮށް ދާން އުޅުމުން އެ ފެށުނީ އަނިޔާކުރުމެވެ! އެހިސާބުން ބައެއްގެ ނުވަތަ މީހެއްގެ އަޅަކަށްވީއެވެ!

އަޅުވެތިކަމަކީ، އަބަދުވެސް މިދެންނެވި ފަދައިން، ގަދަބާރުން މީހުންލައްވައި މަސައްކަތް ކުރުވުމެވެ. އެމީހުންގެ ކިބައިގައި އެއްވެސް އިޚްތިޔާރެއް ނޯވެއެވެ! ނަމަވެސް މިހާރު، މިޒަމާނުގައި ވަރަށްބޮޑު އެހެންކަމެއް ފާހަގަވެއެވެ! މިހާރު އިންސާނުންގެ އަގު ވެއްޓިފައިވާލެއް ބޮޑުކަމެވެ! އާދެ! ހިރަފުސް ނުވަތަ ކިސަޑުހައިވެސް އަޅުގަނޑުމެންގެ އަގު ވެއްޓިއްޖެއެވެ! އަދުގެ އިންސާނާގެ އެއްވެސް އަގެއްނެތެވެ! ކީއްވެތޯއެވެ! ދުނިޔޭގެ ހަތްބައިކުޅަ އެއްބައި، އާދެ އެއް ބިލިޔަން މީހުން އަދު ދިރިއުޅެނީ ވަރަށް ފަގީރުކަންމަތީގައެވެ! މިހާގިނަ ބަޔަކު އަދާކުރާނެ ވަޒީފާއެއް ނެތި ދިރިއުޅެން ޖެހުމުން ވަރަށް ކުޑަ މުސާރަޔަކަށްވެސް މީހުން ލިބެނީއެވެ. އަދި އަނިޔާވެރިންނަށް އެހައިމެ ކުޑަ އަގެއްގައި އިންސާނަކު ވަގު ބާޒާރުން ގަނެ އެތައް ދުވަހަކު ގެންގުޅެވެންވެސް އެބައޮތެވެ!

އިންސާނީ ތާރީޚު ލިޔެވެން ފެށިފަހުން، ފާއިތުވި ހަތަރު ހާހަކަށް އަހަރަށް ފަސްއެނބުރި ބަލައިލާއިރު، ބާޒާރުން އަޅަކު ގަނެވެން އޮތީ ބޮޑެތި މުއްސަނދިންނަށެވެ. މިދެންނެވި ހަތަރުހާސް އަހަރުގައި އަޅެއްގެ އެވަރެޖު އަގަކީ އަދުގެ ސާޅީސްހާސް ޑޮލަރެވެ!  ( އަޅުގަނޑުމެންގެ ރުފިޔާއިން ނަމަ ގާތްގަނޑަކަށް ހަލައްކަ ވިހިހާހެވެ! ) ނަމަވެސް އާބާދީއަށް އައި ކުއްލި ބަދަލެއްގެ ސަބަބުން މިކަންވެސް މުޅިން ބަދަލުވީއެވެ! ދަންނަވަންތޯއެވެ! އާދައިގެ އިންސާނެއްގެ މިހާރުގެ އަގަކީ، (އަޅުންގެ ވަގު ބާޒާރުގައި) 90 ޑޮލަރެވެ! ދުނިޔޭގެ އެކި ހިސާބުގައި އެކިއަގެވެ. މިދެންނެވީ އެވަރެޖު އަގުގެ ވާހަކައެވެ. (ކެނެޑާ އާއި އެމެރިކާ ހިމެނޭ ގޮތަށް) އުތުރު އެމެރިކާގައި އަޅެއްގެ އަގަކީ ތިންހާސް ޑޮލަރާއި އަށްހާސް ޑޮލަރާއި ދެމެދުގެ އަގެކެވެ. ނަމަވެސް އިންޑިޔާ އާއި ނޭޕާލުގައި، ހަމައެކަނި 10 ޑޮލަރަށް އިންސާނުން ގަނެވިއްކާ ހިސާބު ހިސާބަށް ތިޔަބޭކަލުންގޮވައިގެން އަޅުގަނޑު ހިނގައިދާނަމެވެ! 

އިންސާނެއްގެ އަގު އެހާ ދަށަށް ވެއްޓުނީ ކީއްވެތޯއެވެ؟ ހަރުމުދަލަކަށް ނުވާތީއެވެ! އަޅުންގެ އަނިޔާވެރި ބާޒާރުގައި އަދު، އިންސާނަކީ ހަރުމުދަލެއް ނޫނެވެ! އިންސާނާއަކީ ހަމަ އެއްފަހަރު ބޭނުންކޮށްލާފައި އެއްލައިލާ ފުޅިމަދު ތައްޓެއްފަދަ އަގެއްނެތް އެއްޗަކަށްވީއެވެ! ފުޅިމަދު ތަށްޓަކީ ވަރަށް އަގުހެޔޮކޮށް ގަންނަންލިބޭ އެއްޗެއްނޫންތޯއެވެ؟  ބޭނުންކޮށްފައި، ބިންމައްޗަށް ވައްޓާލައި ފިސްފިސްކޮށްލާފައި އެއްލައިލުމުން އެއިން އެ ސަލާމަތްވެވުނީއެވެ. ދޮވެދޮވެގެން ރައްކާކުރާކަހަލަ ސާފު ބޯކިރު ކުލައިގެ މުށި ޖޯޑެއްނޫނެއް ނޫންތޯއެވެ! 

ނޭޕާލުގެ އުސް ފަރަބަދަމަތީގައި ( އާދައިގެ ކަޅުހިލަދައިވަރުގެ ) ހިލަގާ އުފަލުންތިބި ކުދި ފިރިހެން ކުދިންތަކެއްގެ މަންމަ، އެކުދިން ކުރާ ބުރަ މަސައްކަތާއި ގުޅޭގޮތުން ބުންޏެވެ. ” މި ހަނަފަސް ފަރުބަދަމަތީގައި އަޅުގަނޑުމެނަށް މިހާރުދެން ދިރިއުޅެވޭވަރެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން މަރެއްވެސް ނުމެވެއެވެ!” އޭނާގެ އަށެއްކަ އަހަރުގެ ތުއްތު ފިރިހެން ދަރިޔަކާއި އެ އުމުރުގެ އެހެންކުދިން ކުރަންޖެހިފައިވާ ބުރަ މަސައްކަތުގެ ސަބަބުން  އެހެން ބުނެވުނީއެވެ! އެކުދިން އެ އުފުލާ ހިލަގަލުގެ ބަރުދަނަކީ ގާތްގަނޑަކަށް އެކުދިންގެވެސް ބަރުދަނެވެ! އޮށްގަލުން ފުރިފައިވާ މި ހަނަފަސް ފަރުބަދަމަތީގައި މަގެއް ހަދައިފައެއް ނެތެވެ. ވިމާ އެންމެ އަގުހެޔޮ ގޮތަކީ މި ތުއްތުކުދިންލައްވައި އެ ބުރަ މަސައްކަތް ކުރުވުމެވެ!  ތިޔަބޭފުޅުންނަށް އަޅުގަނޑު މި ހުށަހަޅައިދޭ މައުލޫމާތަކީ އިންތިހާއަށް ހިތާމަވެރި، މާޔޫސްކުރުވަނިވި ވާހަކަތަކެއްކަން ގަބޫލުކުރަމެވެ. ނަމަވެސް މިހެން މިފަދަ ކަންކަމުގައި އުޅޭއިރުވެސް ހިތްއުފާވާކަހަލަ ކަންކަން ފެނެއެވެ. އިހުގައި ވަރަށް ދަތިހާލުގައި، އަޅުވެތިކަންމަތީގައި ގެންގުޅުނު މީހުން ކޮންމެވެސް ގޮތަކުން  ރަޙުމެއް ނެތް ސަރުދަރުންގެ ކިބައިން ސަލާމަތްވެގެން، އެހެން މީހުން އަޅުވެތިކަމުން ސަލާމަތްކުރަންވެސް އެބަ މަސައްކަތް ކުރެއެވެ! އަޅުގަނޑު މި ކުރާ މަސައްކަތުގައި ދިމާވާ ހިތްދަތިކަމުގެ ތެރެއިން އުފަލެއް ލިބެނީ މިދެންނެވި ފަދަ ޒުވާނުންނާއި ބައްދަލުވާތީއެވެ! ގާނާގައި އަޅުގަނޑާއި ބައްދަލުވި ޒުވާނަކީ ޖޭމްސް ކޯފީ އަނާން އެވެ. އޭނާއަކީ ތުއްތުއިރުންސުރެ އަޅެކެވެ. އަޅުކުއްޖެކެވެ. އެމީހުން މީނާ ގެންގުޅުނީ މަސްވެރިކަމުގައެވެ. މިހާރު، އެ އަޅުވެތިކަމުން ސަލާމަތްވެގެން މިނާ މިހާރު ކުރާކަމަކީ ޖަމިއްޔާއެއް ހަދައިގެން އެހެންމީހުންގެ ވެސް އެހީހޯދައިގެން އޭނާ އެއްދުވަސްވަރެއްގައި އުޅުނު ބުރަ ހާލުން އެހެންކުދިން ސަލާމަތްކުރުމެވެ. އަޅުގަނދުމެންގެ ޖަމިއްޔާއިން އޭނާއާއި އެކުގައި ގިނަގުނަ މަސައްކަތް ގާނާގައި ކުރަމުން އެބައަންނަމެވެ. މިހާރު ދިމާވާ ކަމަކީ އަޅުގަނޑުމެންގެ ޖަމިއްޔާ އެރަށުގައި ހިންގާ Emmanuel Otoo އާއި މި ޒުވާން ޖޭމްސް އަށް ބިރުދެއްކުމެވެ. މަރުގެ އިންޒާރު ފޮނުވުމެވެ! އެމީހުން އެހާ ރުޅިއައިސް މަރުގެ އިންޒާރު ދޭ ސަބަބަކީ މި ޒުވާން ޖޭމްސް ކޯފީ އަންނާނު ކޯޓުގައި ދިން ހެކިބަހުން، އިންސާނުން އެއްތަނުން އަނެއްތަނަށް ގެންގޮސް މިނި ވިޔަފާރި ކުރާ މީހުންގެ ތެރެއިން 3 މީހުން ޖަލަށްލެވޭވަރުގެ ހެކި ކޯޓުގައި ހުށަހަޅާފައިވާތީއެވެ!

ތިޔަބޭފުޅުންނާއި އަޅުގަނޑު މިހާރު ދައްކަމުން މިދާ ވާހަކައަކީ އިންސާނިއްޔަތު މަތިންވެސް ބަޔަކު މާޔޫސްވާކަހަލަ ވާހަކައެކެވެ. ނަމަވެސް އަދި އުންމީދު ދޫކޮށްލާވަރެއްނޫނެވެ. ދުނިޔޭގެ މިހާރުގެ އާބާދީއަށް ބަލާއިރު، ދެންމެ މިދެންނެވި ހަތާވީސް މިލިޔަން އަޅުންނަކީ، ނިސްބަތުން މާ ގިނަބައެއްނޫނެވެ. އެއްޒަމާނެއްގައި، އާބާދީގެ ނިސްބަތުން މާ ގިނަބަޔަކު އަޅުވެތިކުރެވުނެވެ. އަދި އެ ހަތާވީސް މިލިޔަން މީހުން އަލުވެތިކޮށްގެން މިހޯދާ 40 ބިލިޔަން ޑޮލަރަކީވެސް ދުނިޔޭގެ ވިޔަފާރިއަށް ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ! އިހުގައި އަޅުންލައްވައި މަސައްކަތް ކުރުވައިގެން، ނިސްބަތުން މާބޮޑު އާމްދަނީއެއް ހޯދިއެވެ!
މިއީ ކޮންމެ މުޖްތަމައެއްގައިވެސް ހަވާސާގައި، އަދިރިފަރާތުގައި ހިނގާކަމެކެވެ. އަދި އެއް ވިސްނުމަކުން ވިސްނާއިރު މިހާރު އެކަމުގެ އަނިޔާވެރިކަމުގެ ސަބަބުން އިސާހިތަކު ނެތިގެންވެސް ހިނގައިދާނޭކަމެކެވެ. ބޭނުމީ ހަމަ ހިތްވަރެއްލާފައި ކޮޅުފައިން ޖަހައި މިކަން ދުނިޔެއިން ނައްތައިލުމެވެ.  މިއީ ކުރެވިދާނެވަރުގެ ކަމެކެވެ.

އަޅުގަނޑުމެން އެންމެން  ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުންނާއި މާއްދީގޮތުން އެންމެން އެކައްޗެއްކިޔައިފިނަމަ، މުޅި ދުނިޔެއިން އަޅުވެތިކަން ނައްތައިލުމަށް ކިހާ ޚަރަދެއް ހިނގާނެއްބާއެވެ؟ ނަމަވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. އަޅުވެތިކޮށްފައިތިބި ބަޔަކު، އެކަން ކުރި އަނިޔާވެރިންނަށް ފައިސާ ދީފައި ސަލާމަތްކުރުމަކީ އަޅުގަނޑުމެން ކުރާވަރުގެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ފައިސާ ދީފައި މި ގަންނަނީ އެމީހުންގެ މުދަލެއް ނޫނެވެ! އަޅުން ގެންގުޅޭ ބަޔަކަށް ފައިސާ ދީފައި އެމީހާގެ ވަކިތަކުން މީހަކު ނުވަތަ ބަޔަކު ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ޓީވީ ވަގަށް ނެގި ވަގުކަލޭގެއަށް ފައިސަ ދީފައި އަޅުގަނޑުމެންގެ އަމިއްލަ ޓީވީ އަނެއްކާ އޭނާ އަތުން ގަތުންކަހަލަ ކަމެކެވެ! އެއީ ކުރާވަރުގެ ކަމެއް ނޫނެވެ! އެއީ އެފަދަ ކުށްކުރަން ހިތްވަރުދިނުމެވެ. މިހެން ދެންނެވި ނަމަވެސް އަޅުވެތިކަން ހުއްޓުވަން ޚަރަދެއް ހިނގާނެއެވެ!

އަޅުވެތިކަމުގައި ތިބި ބަޔަކު މިނިވަންކުރުމަކީ އެކި ފިޔަވައްސަށް ބަހާލައިގެން ކުރަންޖެހޭނޭ ކަމެކެވެ. އެއީ ކުއްލި ކަމެއް ނޫނެވެ. ދިގުދެމިގެންދާނެ އެތައް ކަމެއްގެ މައްޗަށް ބިނާވާނެ ކަމެކެވެ. މި ދެކެވެނީ ބަޔަކު އަމިއްލަ ޝަރަފާއި އެކު ފައިމައްޗަށް ތެދުވެވޭވަރު ކުރުމެވެ. އިންޑިޔާގައި އަޅުވެތިކަމުގެ ތެރެއަށް އުފަންވި މީހެއް ( މިހާރު ކާފައެއް) އޭނާ އާއި އޭނާގެ ފިރިހެން ދަރިޔާއި އެ ދަރީގެ ދަރިފުޅު ވާރުތަވަމުން އައި އަޅުވެތިކަމަކުން ސަލާމަތްކޮށް، މިނިވަން ދިރިއުޅުމަކަށް ހާނުވައި ތަމްރީނު ދިނުމަށް ޚަރަދުވީ ޖުމްލަ އެއްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރެވެ! މިއީ އަސާސީ ތައުލީމު ފެންވަރުގެ ތައުލީމަށްވެސް ހިނގި ޚަރަދާއި އެކުގައެވެ!

އެފްރިކާގެ ގާނާގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އަޅު ކުއްޖެއް ސަލާމަތްކޮށް އަމިއްލަހާލައިގެން މުޖްތަމައުގައި އުޅެވޭވަރު ކުރަން ހަތަރުސަތޭކަ ޑޮލަރު ހޭދަވެއެވެ. އުތުރު އެމެރިކާގައި ވަރަށް ތަފާތެވެ. ހުރިހާކަމެއްވެސް ކުރަންޖެހޭ ފެންވަރުގެ ސަބަބުން މާ ތަފާތު ބޮޑީއެވެ. އިސްވެ ދެންނެވުނުވަރުގެ ކަމެއް ކުރުމަށް އެމެރިކާގައި ތިރީސްހާސް ޑޮލަރު ހޭދަވެއެވެ! ނަމަވެސް ގިނަ ބަޔަކު އަޅުވެތިކުރެވިފައި މިވަނީ އެކަން އިސްލާހުކުރަންވެސް ޚަރަދު ކުޑަ ހިސާބު ހިސާބުގައެވެ. އެމެރިކާގައި އެހާ ބޮޑު ޚަރަދެއް ހިނގާ ނަމަވެސް، މުޅި ދުނިޔޭގެ އެވަރެޖް ޚަރަދަކީ އަޅުގަނޑުމެން މިހާރުވެސް ގާނާގައި މި ކުރާވަރުގެ ޚަރަދެކެވެ!

މިދެންނެވި ޖުމްލަ އަޅުންގެ ގޮތުގައި ތިބި ހަތާވީސް މިލިޔަން މީހުން ދެމެހެއްޓެނިވި ގޮތެއްގައި ބައިތިއްބަން ބޭނުންވަނީ، ހަތަރުސަތޭކަ ޑޮލަރު 27 މިލިޔަނުން ގުނަކުރުމުން އަންނަ 10.8 ބިލިޔަނަކީ ކިހާވަރެއްގެ މިންވަރެއްތޯ ދަންނަވަންތޯއެވެ؟ އެއީ އެމެރިކާ ރައްޔިތުން  ޓީވީ، ކުޅިވަރު މުބާރާތް ފަދަ ކަންތައް ބަލަން ތިބޭއިރު އެ ކާ އަލުވިފޮތިފޮތި( ޕޮޓޭޓޯޗިޕްސް) ގަތުމަށް އަހަރަކު ކުރާ ޚަރަދެވެ! އެމެރިކާ މީހުން ޖީންސް ފަޓްލޫނުގަންނަން އެންމެ އަހަރެއްގެ ތެރޭގައި ކުރާ ހޭދައެވެ. ނުވަތަ ކްރިސްމަސް ދުވަސްވަރު ގޭމްބޯއި ފަދަ ކުޅިވަރު ކުޅޭ ސާމާނު ގަތުމަށް ޚަރަދުކުރާ ފައިސާއެވެ! އެމެރިކާގެ އިންޓެލް ފަދަ ކުންފުންޏެއްގެ ތިންމަސްދުވަހުގެ އާމްދަނީއެވެ!

ދެންމެ މި ދެންނެވި 10.8 ބިލިޔަނަކީ ދުނިޔޭގެ ފެންވަރުގައި އެއްވެސް އެއްޗެއް ނޫނެވެ! އެއީ ހަމަ ވަކިލާރިކޮޅެކެވެ! އެންމެ ރަނގަޅުކަމަކީ  އެއީ ހެޔޮގޮތުގައި ކުރެވޭ ހޭދައަކަށްވާކަމެވެ. އެއީ އެއްގޮތަކަށްވެސް މަތިގަނޑު ނަގައި ކާނުގަނޑު ތެރެއަށް އަޅާ ފައިސާއެއްނޫނެވެ! އަޅުވެތިކަމުގައި އުޅުނު މީހަކު އެހާލުން، އަޅުގަނޑުމެން  ސަލާމަތްކުރުމުން އޭނާ އަމިއްލަ މަސައްކަތުން ކައިބޮއި އުޅެން ބޭނުންވާނެބާއެވެ؟ އަމިއްލަ ފައިމައްޗަށް ތެދުވާނެ ހިތްވަރު ހުންނާނެހެއްޔެވެ! އާދޭހެވެ! އެމީހުން އެމީހުންގެ ދަރިން މަސައްކަތު ނުފޮނުވައި، އިސްކޫލު އަޅައި ދަރިން އިސްކޫލަށް ފޮނުވާނެއެވެ. އެމީހުންގެ ދަރިންނަށް އެދޭނީ އެމީހުންނަށް ނުލިބުނު ތިން އުފަލެކެވެ. ބަނޑުހައިވުމުން ކާންލިބުމެވެ. ފިނިވުމުން ހީ ފިލުވޭވަރުގެ ފޭރާންކޮޅެކެވެ. ބަލިވެއްޖެނަމަ ބޭސްކޮޅެއް ގަނެވޭވަރުވުމެވެ!  އެމީހުންނަކީ މަސައްކަތް ކޮށްގެން ފައިސަ ހޯދާނޭ ބައެކެވެ، ހޯދި ފައިސާއިން ޚަރަދު ކުރާނޭ ބައެކެވެ. އިގްތިސާދު އާރޯވުމަކީ މިއީނޫންތޯއެވެ؟

އަޅުގަނޑުމެން ބޭނުމީ ދެމެހެއްޓެނިވި މިނިވަންކަމެކެވެ. އެމެރިކާގެ ސޯޅަވަނަ ރައީސް އެބްރަހަމް ލިންކަން 1865 ވަނަ އަހަރު އަޅުވެތިކަމަކީ ޣައިރު ޤާނޫނީކަމެއް ކަމުގައި އިއުލާނު ކުރައްވައި އަޅުން މިނިވަންކުރެއްވި ކަމުގެ ގަރާރު ފާސްކުރެއްވުމުން ވީކީއްތޯއެވެ؟ ހަތަރު މިލިޔަން އަޅުން މިނިވަންވިއެވެ، ދެން އެމީހުންގެ ދިރިއުޅުން ފަހިކޮށްދޭނެ މީހަކު ނެތެވެ! މިނިވަންކޮށްފައި އެއްލައިލެވުނީއެވެ! އެއްވެސް ވަރެއްގެ ތައުލީމެއް، ދައުލަތުން ފަހި ކޮށްދިނުމެއް ނެތެވެ. ދިރިއުޅެން މަސައްކަތެއް ދަސްކޮށްދީ ފުޅާ އިގްތިސާދެއްގައި ބައިވެރިވެވޭނެ ފުރުސަތެއް ނެދެވިއެވެ. މިހެންވެ އެތައް ޖީލަކަށް އެކަމުގެ އަސަރު ކޮށް އަދިވެސް އަނިޔާވެރިކަމާއި، ނަސްލީ ތަފާތު ކުރުމާއި މިފަދަ އެތައްކަމެއް ނުހުއްޓި އަދިވެސް ކުރިޔަށް ދަނީއެވެ! އެމެރިކާ އަދިވެސް އެ އުޅެނި މިނިވަން ކުރަންވާ ގޮތަށް އަޅުން މިނިވަން ނުކުރެވުނީތީ، ނުވަތަ ފުރިހަމަ މާނާގައި އަޅުން މިނިވަން ނުކުރެވުނުކަމުގެ ހިތި ކަމުގެ ރަހަ އަރުން ނުފިލައިގެންނެވެ! އަދު، އެފަދަ ކަމެއް ތަކުރާރުވިޔަ ދީގެންނުވާނެއެވެ!

އަޅުގަނޑުމެންގެ ޖަމިއްޔާ  FREE THE SLAVES  ގެ މެންބަރުން މިތިބީ ވައުދެއްވެގެންނެވެ. އެއީ އަޅުގަނޑުމެންގެ ދަންފަޅީގައި މިނިވަން ވާ އަޅުންނަކީ އެމީހެއްގެ ގައުމުގައި، ދެވަނަ ދަރަޖައިގެ ރައްޔިތަކަށް ވިޔަނުދިނުމެވެ. އިރާދަ ކުރެއްވިއްޔާ ހަމަ ހިލާ، މިނިވަން ނިކަމެތިންނަށް ވިޔަކަ ނުދޭނަމެވެ. އަޅުގަނޑުމެން ގާނާގައި މިނިވަންކުރި ކުދިން މިހާރު އެވަނީ އެކުދިންގެ މައިންބަފައިންގެ ހިމާޔަތުގައި މައިންބަފައިންގެ ބެލުމުގެ ދަށުގައެވެ. މިކުދިން އިރާދަ ކުރެއްވިއްޔާ އުޅޭނީ އާއިލީ މަސައްކަތުގައެވެ. ދެން ދުވަހަކުވެސް އެކުދިންނެއް އަޅުވެއްޗެއް ނުކުރެވޭނެއެވެ!

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އުޅޭ މީހުން ގަބޫލުކުރާ އެއްކަމަކީ، އަޅުވެތިކަން ނައްތައިލަން ޖެހޭކަމެވެ! އަދި އަޅުވެތި ކަމަކީ، އިންސާނީ ޝަރަފާއި ޤަދަރު ވެއްޔާ މޮޑެވި ގެއްލޭ ކަމެއް ކަމުގައިވެސް އެންމެން އެއްބަސްވެއެވެ! ވީމާ ދުނިޔެއިން އަޅުވެތިކަން ނައްތައި ނުލެވިއްޖެނަމަ، އަޅުގަނޑުމެންގެ ތައުލީމާއި، ވިސްނުމާއި އިގްތިސާދީ ބާރުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އަދި  ދެވަނަ ސުވާލަކީ، އަޅުގަނޑުމެނަށް މި ހުރިހާ ކަމެއް އެނގި، އެކަން ނައްތައިލާނެ ގޮތްގޮތްވެސް އެނގި، އިލްމާއި ވިސްނުމާއި ޓެކްނޮލޮޖީގެ ބާރުވެރިކަން ލިބިފައިވާ ހިނދު މިފަދަ ބޮޑު ކަމެއްގައި އަޅައިނުލައި ތިބޭނަމަ، އަޅުގަނޑުމެންނަކީ މިނިވަނުންބާއެވެ؟ “

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.