ސިއްހީ ދާއިރާއަށް ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

Dhitaagu Image

ރާއްޖޭގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސް 'އީބީޕީ ހެލްތް ޗެމްޕިއަންސް ކޮންފަރެންސް' ގެ ޓެލެކޮމް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފިއެވެ.

ކޮންފަރެންސް އިންތިޒާމް ކުރައްވާ 'އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް'ގެ ފަރާތުން އޯގަނިއިޒިން ކޮމިޓީގެ ޗެއަރ، ޑރ. ފާތުމަތު ޝިފާޒާ ވިދާޅުވީ މި ކޮންފަރެންސަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންނާއި އަދިވެސް މި ދާއިރާގެ ބޭފުޅުންނަށް ރިސާރޗްގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި 'އެވިޑެންސް-ބޭސްޑް' ޕްރެކްޓިސް ކުރިއަރުވާ އެންމެ ފަހުގެ ރިސާޗް ތަކަށް ބިނާކޮށް އެންމެ ޒަމާނީ ގޮތަށް ޕްރޮސީޖަރތައް ކުރިޔަށް ގެންދިޔުމަށް މި ދާއިރާގެ ބޭފުޅުންގެ މައުލޫމާތު މުއްސަނދި ކުރުންވެސް އެއީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ މުހިންމު އެއް ބޭނުން ކަމުގައި ޑރ. ޝިފާޒާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ މި ދާއިރާގެ ކަމާބެހޭ މާހިރުންގެ ލެކްޗަރ ސެޝަންތަކާއި ސުވާލާއި ޖަވާބުގެ ތަފާތު ސެޝަންތަކެއް އެކި މައުޟޫއުތަކުގެ މައްޗަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހުމުން ޑރ. ޝިފާޒާ ވިދާޅުވީ، "ސިއްހީ ދާއިރާގެ ކަންކަން އަޅުގަނޑުމެންނަށް ރާއްޖޭގައި އަދި މި ފެންނަނީ ޓެކްނޮލޮޖީގެ ގޮތުން ފުދޭވަރަކަށް ފަހަތުގައި އުޅޭތަން. ސިއްހީ ހިދުމަތް ދޭ ތަންތަނުގައިވެސް ފުޅާދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ނުލިބި ހުންނާތީ ނަރުހުންނާއި އެނޫން ކުދިންނަށް ދަތިވޭ އޮންލައިންކޮށް ލިބެން ހުންނަ ލިޔުންތައްވެސް ވަގުތުން ވަގުތަށް ކިޔާލައިގެންވެސް އެ މައުލޫމާތުތައް ލިބިގަންނަން. އެގޮތުން ދިރާގަކީ އެފަދަ ކަންކަންވެސް މަގުފަހި ކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއް. ހަމައެހެންމެ މި ވޯކްޝޮޕްގައި ސްކައިޕް މެދުވެރިކޮށް މަޝްހޫރު ޕްރޮފެސަރ އެއްކަމަށްވާ ވިކްޓަރ މޮންޓޯރީގެ ލެކްޗަރއެއްވެސް ކުރިޔަށްދާނެ. އެފަދަ ބައެއް މި ވޯކްޝޮޕުގައި ހިމެނޭއިރު އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ މިވަގުތަށް މިފަދަ ކަނެކްޓިވިޓީއެއް އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ބަރޯސާވެވޭނެ ކުންފުންޏަކީ ދިރާގު ކަމަށް. މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހިޔާރުކުރެވިގެންދިޔައީ މިކަހަލަ ސަބަބުތަކަކަށް ޓަކައި."

މި ކޮންފަރެންސްގައި އޮސްޓްރޭލިޔާ އާއި ނެދަލޭންޑްސް އަދި އިންޑިޔާގެ އިތުރުން މެދުއިރުމަތީގެ ކަމާބެހޭ ހާއްސަ ފަރާތްތަކުން ތަޤްރީރު ކުރައްވާނެ ކަމަށްވެސް ޑރ. ޝިފާޒާ ވިދާޅުވިއެވެ.

އެއްބަސްވުން އިއުލާން ކުރުމަށްފަހު ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ،"ދިރާގަކީ ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާއަށްވެސް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މިހާރުވެސް ހެލްތް މިނިސްޓްރީ އާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ޓެލެމެޑިސިންގެ ހިދުމަތްވެސް މިވަނީ ތައާރަފްކޮށްފައެވެ. މިކަންކަމުގެ އިތުރަށް ރާއްޖޭގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބޭރުގެ މާހިރުންގެ ފަރާތުން މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދިނުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެކެވެ. ސަބަބަކަށްވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކަށް އެ ބޭފުޅުންގެ މައުލޫމާތާއި ހުނަރުތައްވެސް ތަރައްޤީވެ، އެ މައުލޫމާތު ރާއްޖޭގެ އެހެން ފަރާތްތަކާވެސް ހިއްސާކުރުމުގެ ފުރުސަތު މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ހުޅުވިގެންދާތީއެވެ."

ރާއްޖޭގައި ބޭއްވޭ މިފަދަ މި ފުރަތަމަ ކޮންފަރެންސް ކުރިޔަށްދާނީ މި ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު، ބަންޑޮސް އައިލެންޑް ރިސޯޓުގައެވެ. އަދި މި ކޮންފަރެންސް ކުރިޔަށްދާނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްތަކުގެ ހޮސްޕިޓަލްތަކާއި ރާއްޖޭން ބޭރުގެ ނަރުހުންނާއި ޑޮކްޓަރުންގެ ހިމެނޭހެން 150 އަށް ވުރެ ގިނަ ބައިވެރިންނާއިއެކުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.