
އައްޑޫ ސިޓީ މަރަދޫފޭދޫ ދެބުރި ގެއެއްގެ ބެލްކަނިން ބިމަށް ވެއްޓުނު ކުއްޖަކަށް އެޗުއާރުއެޗުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މާލެ ފޮނުވުން ނިންމައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވީ މިރޭ 10:30 އެހައިކަންހާއިރު ޗާޓަރ މަތިންދާ ބޯޓެއްގައި އެކުއްޖާ މާލެ ފުރުވައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ ކުއްޖާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއަދު ހަވީރު ހިނގި މިޙާދިސާގައި އަނިޔާވެފައިވަނީ ޢުމުރުން 7 އަހަރުގެ ފިރިހެން ކުއްޖަޖަކަށެވެ.
އޭނާ މާލެ ފޮނުވަނީ ބޮލަށް އަނިޔާވެފައިވާތީ ސީޓީ ސްކޭން ހަދައިގެން ވެފައިވާ ގެއްލުން ބެލުމަށެވެ. އައްޑޫސިޓީގެ އެއްވެސް ތަނެއްގައި ސީޓީ ސްކޭން ކުރެވެން ނެތުމުން މިފަދަ ޙާދިސާތަކުގައި އަނިޔާލެބޭ މީހުން މާލެ ފޮނުވުމަކީ ޢާއްމު ކަމެކެވެ.