އިންޑިއާ ސިފައިން ތިބުމަކީ ޤައުމީ ސަލާމަތަށްއޮތް ނުރައްކަލެއްނޫން: ނާޒިމް

އިންޑިއާ ސަރުކާރުން ރާއްޖޭގައި އޮޕަރޭޓް ކުރާ ދެހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ރާއްޖެއަށް ދިމާވާ ކާރިސާތަކާއި ކަނޑުމަތީގެ ނުރައްކާތަކާއި ބަލިމީހުން އުފުލުމަށް ހެލިކޮޕްޓަރަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

އެހެން ކަމުން "އިންޑިއާ ސިފައިން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް އަޅުގަނޑަށް އަދިވެސް ޤަބޫލެއް ނުކުރެވޭ،" ނާޒިމް ވިދާޅުވިއެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ދިވެހި ދައުލަތުގެ އެންމެ ބޮޑުލާރިއެއްވެސް ޚަރަދުކުރަން ނުޖެހޭ ކަމަށާއި، ހުރިހާ ޚަރަދެއް ކުރަނީ އިންޑިއާ ސަރުކާރުން ކަމަށް ނާޒިމް ވިދާޅުވިއެވެ. "ހެލިކޮޕްޓަރު ދުއްވުމާއި މެއިންޓަނަންސް ފަދަ ކަންކަމަށް ރާއްޖޭގެ ދެ ސަރަޙައްދެއްގައި (ސ. ގަމާއި، ލ. ގަން) ތިރީހަކަށް ސާޅީހަކަށް މެމްބަރުން (އިންޑިއާ ސިފައިން) ރާއްޖޭގައިތިބޭ. އެމީހުންގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ސިޔާދަތާއި އިސްތިޤުލާލަށް އެއްވެސް ނުރައްކަލެއް އަތުވެދޭނެ ކަމަށް ޤަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަވަށްޓެރި ޤައުމަކުން ދީފައިއޮން އެފަދަ އެއްޗަކާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެއްކުމަކީ ރަނގަޅުކަމެއްނޫންކަމަށެވެ. އޭގެ ބޭނުން ހިފަން ބޭނުން ނުވާކަމަށް ވާނަމަ އެދިން ޤައުމަކާ މަޝްވަރާކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. "މަޝްވަރާތައް ކޮށްފައި އިތުރު ވަސީލަތެއް ހޯދަން މަސައްކަތް ކުރާނީ" ނާޒިމް ވިދާޅުވިއެވެ.

އެމަނިކުފާނު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އިންޑިއަށް ކުރެއްވި ދަތުރުފުޅުތަކިގައި ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެއަށް ހޯއްދެވުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އޭރު އެކަންކޮށްދެއްވާނެ ކަމަށް އިންޑިއާއިން ވިދާޅުވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާ ލުމަށް މަސައްކަތް ކުރުމަކީ އެކުވެރި ޤައުމުތަކާ އޮންނަ ގުޅުން ގެއްލިދާނެ ކަމެއް ކަމަށާއި، އެކުވެރި ދައުލަތްތަކުން ލިބިފައިވާ އެހީތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއްނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. އެހެން ވީއިރު އިންޑިއާ ސިފައިން މިޤައުމުގަ ތިބެނީ ކޮން ބޭނުމަކުކަން މަނިކުފާނު ބުނެދެއްވަފާނަންތޯ
    ..ޖަޕާނުން މިޤައުމުގަ އަޅައިދިން ސްކޫލްތަކާއި ބަޖިޔާ ގައު ބަލަހައްޓަން ނެތީ ކީއްވެތޯ

  2. އެކުވެރި ޤައުމަކުން އެހީ ދިނުމަކީ އެޤައުމުގެ ސިފައިން އަނެއް ގައުމުގައި ބައިތިއްބަންޖެހޭ ކަމެއްނޫންކަން ހަމަ ނޭނގެނީތޯ! ނޫނީ ދެއްކޭނުދެއްކޭ ވާހަކައެއް ނޭނގެނީތޯ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.