ޞިއްޙީ ދާއިރާގެ ކަންބޮޑުވުންތައް އަހައި ޙައްލު ކުރަން ތައްޔާރު: ރައީސް

ޞިއްޙީ ދާއިރާގައި ދިމާވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް އެކަށޭނަ ގޮތުގައި ޙައްލު ހޯއްދަވައި ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަ މޯލްޑިވްސް ނަން-ކޮމިއުނިކަބްލް ޑިޒީޒް އެލަޔަންސް (މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް) ގެ މެންބަރުންނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުންވަނީ ދުންފަތުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ދިމާވަމުންއަންނަ އެކި ކަހަލަ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.

ޚާއްޞަކޮށް ދުންފަތުގެ ސަބަބުން ޞިއްޙީ ގޮތުން ދިމާވާ މައްސަލަތަކަށް، ތަފާސް ހިސާބުގެ އަލީގައި ވަރަށް ތަފްޞީލުކޮށް އެބޭފުޅުން ރައީސަށް މަޢުލޫމާތު އެރުވިއެވެ. އަދި މިޤައުމު ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމަތްކުރުމަށް ބާރުއެޅުއްވުމަށް އެބޭފުޅުން ރައީސަށް އަރިހު އެދިވަޑައިގެންނެވިއެވެ.

އެބޭފުޅުން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ ނުރައްކާތެރިކަމާއި ދޭތެރޭ އަދިވެސް ހޭލުންތެރިވާންވާ މިންވަރަށް ދިވެހިން ހޭލުންތެރިނޫން ކަމަށެވެ. އެހެން ކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި އެބޭފުލޫން ވާހަކަ ދެއްކެވިއެވެ.

އެވާހަކަތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އަވަސް މުސްތަޤްބަލެއްގައި އެކަންކަމަށް އެދެވޭ ނަޖީޖާއެއް ފެންނާނެ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅުއްވާނެ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް އަރުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.