ނާސްތާ ޕްރޮގްރާމާ ބެހޭގޮތުން ޞައްޙަ ނޫން ވާހަކަ ނުފެތުރުމަށް އެދިވަޑައިގެންފި

ފޮޓޯ؛ ރައީސް އޮފީސް

މިސަރުކާރުން ފަށައިފައިވާ ސްކޫލް ކުދިންނަށް ހެނދުނު ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމާ ބެހޭގޮތުން ޞަޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިވަޑައިގެންފިއެވެ.

އެމިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ "ދަރިވަރުންނަށް ލާބަޔާއި މަންފާއަށް ހިންގާ މިފަދަ ޕްރޮގްރާމަކާ ގުޅުވައިގެން މީސް މީޑިއާއި، ޚަބަރުފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ތަފާތު ފަރާތްތަކުން ޞައްޙާނޫން މަޢުލޫމާތު ފަތުރަމުންދާތީ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވަމެވެ." އެގޮތުން ބައެއް ސްކޫލްތަކުގެ ނަންތައް ހާމަކޮށް ނޭދެވޭ ވާހަކަތައް ފަތުރައިފައިވާ ކަމަށާއި މިނިސްޓްރީން އެކަން ބެއްލެވިއިރު ހާމަކޮށްފައިވާ ޒާތުގެ އެއްވެސް ކަމެއް ހިނގައިފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ޙަޤީޤތާ ޚިލާފު ވާހަކަ ނުފެތުރުމަށާއި، އެ ޕްރޮގްރާމާ ބެހޭ ގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެއްވެސް ހިފެހެއްޓުމެއްނެތި ދެއްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. "އެހެން ކަމުން ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމާ ގުޅުވައިގެން ދަރިވަރުންނާއި ބެލެނިވެރިންނާއި، ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް ޞައްޙާ ނޫން މަޢުމާތު ނުފެތުރުމަށް ދެންނެވީމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކަނޑައަޅައިފައިވާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެ އުޞޫލުގައި ކާބޯތަކެތި ހުންނަންޖެހޭނެ ގޮތާއި، އޭގެ ތާޒާކަން ބަލާނެ ގޮތްފަދަ މުހިންމު ކަންކަން ކުރަންވީގޮތް ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ކާބޯތަކެތި ތައްޔާރުކުރާ ގޮތުގެ ބަޔާނެއް އެ ތައްޔާރުކުރާ ފަރާތުން ކޮންމެ ދުވަހަކު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އުޞޫލުގައި ވާނެ ކަމަށް ވެސް ވިދާޅުވެފައިއެވެ. "ހަމަ އެހެންމެ ދަރިވަރުންނަށް ފޯރުކޮށްދެވޭ ކާބޯތަކެތީގެ ތާޒާކަން ދަރިވަރުން ބޭނުން ކުރުމުގެ ކުރިން ސްކޫލުގެ ފަރާތުން ބަލާނެ ގޮތްތައް ވެސް މިދެންވި އުޞޫލުގައި ބަޔާން ކުރެވިފައިވާނެއެވެ." އެޑިޔުކޭޝަނުގެ ބަޔާނުގައިވެއެވެ.

މިއީ ދަރިވަރުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމާއި، ރަނގަޅު ކާނާ ކެއުމަށާއި، ކެއުމުގެ ޢާއްމު އުޞޫލުތައް އަށަގެންނެވުމާއި، ހެދިބޮޑުވަމުން އަންނަ ދަރިވަރުންގެ ލާބައާއި މަންފާއަށް ހިންގާ މުހިންމު ޕްރޮގްރާމެއް ކަމަށް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.