ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓގެ ރައީސް ޤާސިމް އިބްރާހީމަކީ އަޑު އައްސަވައި ކަންކަމުގައި އަވަސް ޙައްލު ހޯއްދަވައި ދެއްވާ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޤާސިމް އިބްރާހީމާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޤާސިމަށް ޝުކުރު ދަންނަވާ ކަމަށެވެ. "އެމަނިކުފާނަކީ އަޑު އައްސަވައި އަދި އަވަސް ޙައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބޭފުޅެއް،" ކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލު ކުރެއްވީ ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފައިވާ ބޭފުޅުންނަށް އެފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާތީ ބޭއްވި ބައްދަލުވުމެކެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހު ހުޅުވައިލާނެއެވެ. އެހެންނަމަވެސް ޕީޕީއެމްގެ މައްސަލައެއް ކޯޓުގައި ކުރިއަށްދާތީ ޕީޕީއެމުން ޓިކެޓް ދީފައި ތިބި މެމްބަރުންނަށް އެ ޕާޓީގެ ނަމުގައި ވާދަކުރުމުގެ ފުރުސަތެއް ނެވެ. އެއީ އެޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާ އަލުން އެޕާޓީ ޙަވާލު ކުރުމަށް މީހަކު ކޯޓަށް މައްސަލަ ހުށަހަޅައިފައިވާތީއެވެ. ޢާއްމުންގެ މީހަކު ހުށަހެޅި އެ މައްސަލް ސްޕްރީމް ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.
ޕީޕީއެމްގެ ނަމުގައި ކެންޑިޑޭޓުންނަށް ވާދަ ނުކުރެވިދާނެތީ ޕީއެންސީ އުފައްދަވަން ރައީސް ޔާމީން ނިންމަވައި އެ ޕާޓީ ރަޖިސްޓްރީ ކުރުމާ ހިސާބަށް މިހާރު ވަނީ ގެންގޮސްފައެވެ. އެހެންނަމަވެސް ރަޖިސްޓްރީކުރުން ވަނީ ލަސްތަކެއް ދިމާވެފައެވެ. އެޕާޓީގެ ރަޖިސްޓްރީ ކަންތައްތައް ލަސްކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި ކުރައްވާ ކަމެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާ ޕީޕީއެމްގެ ފަރާތުން މިއަދު ބައްދަލު ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ޙައްޤުތައް ގެއްލުވާފައިވާތީއާއި، އަލަށް އުފައްދާ ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދަތިކުރަމުންދާތީ އެކަން ކަމަށް ޙައްލެއް ހޯއްދެވުމަށެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުން ލަސްވަމުން ދަނީ ހުށަހަޅައިފައިވާ ބައެއް ފޯމުތައް ޞައްޙަ ނުވެގެން ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. އެކަން ބެލުމަށްފަހު އިތުރު މައްސަލައެއް ނެތްކަމަށްވާނަމަ ރަޖިސްޓްރީ ކޮށްދެއްވާނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.