
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ "ޕްރައިމަރީ 2019" ގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ހިސާބުގައި 270 ވޯޓު ފޮށި ބަހައްޓައިފައިވެއެވެ. އިންތިޚާބުގައި ވާދަކުރަނީ 279 ކެންޑިޑޭޓުންނެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 86،091 ޕާޓީގެ ދަފްތަރުގައި މިވަގުތު ހިމެނޭ ކަމަށެވެ.

އެޕާޓީން ބުނެފައިވަނީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހުރިހާ މައުލޫމާތެއް އާއްމުންނާއި މީޑިޔާއާ ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.
މިއިންތިޚާބުގެ ނަތީޖާއަށް އެޕާޓީން ފުރިހަމައަށް އިޙްތިރާމްކޮށް، މެމްބަރުންގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނެ ކަމުގެ ޔަޤީންކަން ވެސް އެޕާޓީން ވަނީ މެންބަރުންނަށް ދީފައެވެ.

މި އިންތިޚާބުގައި މާލޭގައި ހުންނަ ފޮށިތަކަށް 23،000 އަށްވުރެ ގިނަ މެންބަރުން ވޯޓުލާ ލިސްޓުގައި ހިމެނިފައިވެއެވެ. އެހެންކަމުން މާލޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގައި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އިތުރަށް ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާގައި ވޯޓު ފޮށިތައް ވަނީ ބަހައްޓައިފައެވެ. ސްރީ ލަންކާގައި ވޯޓުފޮށި ބަހައްޓާފައިވަނީ ދެހިވަލާގައި، ބޯޑީ ރާޖާ މަވަތަ، ޕެރަކުމްބާ ރޯޑްގެ 17 ނަންބަރު ގޭގައި ކަމަށެވެ. މެލޭޝިއާގައި ވޯޓް ފޮށި ބަހައްޓާފައިވަނީ ސެލަންގޯގެ ބަންދާރް އުތަމާ ސަރަޙައްދުގައި ހުންނަ، އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނާއިބު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ގޭގައެވެ. އިންޑިއާގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ޓްރިވެންޑްރަމް ގައި ދިވެހި ކޮންސިއުލޭޓާއި ޖެހިގެން ހުންނަ ބިވޭރާ ހޮޓެލް އެންޑް ސޫޓްސްގައެވެ.
މި ޕްރައިމަރީގައި އޮފިޝަލުންގެ ގޮތުގައި 700 އަށްވުރެ ގިނަ ފަރާތް ހަރަކާތްތެރި ވަމުންދެއެވެ.