ލަތީފު ހުށަހެޅި އިސްލާހަކީ ރައީސް ނަޝީދަށް ކުރެއްވި ފުރައްސާރައެއް: އެމްޑީޕީ

ރައީސްކަން ކުރައްވައިފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫދާއިރާގެ މެމްބަރު ޢަބްދުއްލަތީފް ލަޠީފް މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާޙަކީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ކުރެއްވި ފުރައްސާރައެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޢަބްދުލްލަތީފު މުޙައްމަދު ހުށަހެޅުއްވުމުގެ ބޭނުމަކީ މި ޕާރޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނޭކަން އިޢުލާނުކުރައްވައި ކޭމްޕޭންކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އަމާޒުކޮށް ފުރައްސާރަކުރެއްވުމަށްކަމަށް ދެކެމެވެ."

ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ލަޠީފާ މެދު ހިންގެވި ޢަމަލުތަކެއްގެ ޝިކާރަކަށްވެވަޑައިގަތުމަށް ފަހު، "ހިންދެމިލެއްވުމާއެކު" އެހެން މީހުންގެ ސިޔާސީ ޙައްޤުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫންކަމަށް ލަޠީފް ދެކެވަޑައިގަންނަވާ ކަމަށާއި، އެފަދަ އިސާލާޙެއް މަޖިލީހަށް ހުށަހެޅުއްވުމަކީ އޭނާ ހިންގެވި ދަށުދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، "އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެ" ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ޚިލާފު ޢަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

 ޢަބްދުލަޠީފަކީ ޖޮއިންޓް ޕާލިމެންޓުގައި ހިމެނޭ ޖުމްހޫރީޕާޓީގެ މެމްބަރެކެވެ. އެހެން ކަމުން އެއީސްލާޙު ނެގުމަށް ޖުމްހޫރީ ޕާޓީން އިސްދައުރެއް އަދާކޮށް ދެއްވައި އެ އިސްލާޙު ނެގުވުން ކަށަވަރު ކޮށްދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ." އެބަޔާނުގައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.