މިދުވަސްވަރަކީ ރާއްޖޭގެ އެކިސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވެފައިވަނީ އޮއިބާރުކަން ފާހަގަކުރެވޭތީ، ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ޑައިވް ކުރައްވާ ފަރާތްތަކާއި މޫދު ކުޅިވަރުތައް އިންތިޒާމްކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.
އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ނުރައްކާތެރި ހާދިސާތަކާއި ޑައިވަރުންނާއި ސްނޯކްލިންގއަށް ގޮސް އުޅޭ ފަރާތްތައް އޮޔާ ގޮސް ނުފެންނަކަމުގެ ރިޕޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މިގޮތުން މޫދު ކުޅިވަރު ކުޅުއްވާ ފަރާތްތަކުން ލައިފް ޖެކެޓް އަޅުއްވައިގެން ތިއްބެވުމަށާއި ލައިފް ގާޑުން އަދި ލައިފް ބޯޓް އުޅަނދުފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް އިންތިޒާމް ހަމަޖެއްސުމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޑައިވް ކުރައްވާ ފަރާތްތަކުން ޑައިވް ކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޑައިވް ކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށް އެތަނުންވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ސަލާމަތީގޮތުން މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުއްވުމަށާއި ހެދިފައިވާ ޤަވާއިދުތަކަށް ފުރިހަމައަށް ޢަމަލު ކުރެއްވުމަކީ މިފަދަ ހާދިސާތައް މަދުކުރެއްވުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. މިފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއްވިއެވެ.