ރޯޝަނީ ބިލްޑިންގައި ހުރި މަދިރި ބޭސްތަކެއް ލީކުވެއްޖެ

ހެންވޭރު ރޯޝަނީ ބިލްޑިންގައި ވައިގޮޅިތެރޭގައި ބަހައްޓާފައިވާ މަދިރި ބޭސްތަކެއް ލީކުވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުޓީމުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީ އެފްގެ ތަރުޖަމާނު ކެޕްޓަން އިނބްރާހީމް ޢާޒިމް ވިދާޅުވީ މިޙާދިސާގައި ދެ އަންހެނަކު އަނބުރައިގެންފައިވާ ކަމަށެވެ. ފަޔަރުން އެ ބިލްޑިންގަށް ދިޔުމުގެ ކުރިން އެދެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރޯޝަނީ ބިލްޑިންގުން ލީކުވެފައިވަނީ މެލެތިއޯން ކިޔާ މަދިރި ބޭހެކެވެ. އޭގެ 40 ފުޅި ކެމިކަލް ހުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީހާރުވަނީ އެ ލީކުވުން ކޮންޓްރޯލް ވެފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ކެމިކަލް ނުވަތަ ބޭސް ލީކުވުމުގެ ސަބަބުން މަޖީދިއްޔާ ސްކޫލާއި ރޯޝަނީ ބިލްޑިންގުން މީހުންވަނީ ހުސްކޮށްފައި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

އެ ބޭހަކީ މުއްދަތު ހަމަވެގެން ނައްތާލަން ބަހައްޓައިފައިވާ ފުޅިތަކެކެވެ. ބޭސް ލީކުވެފައިވަނީ އޭގެތެރެއިން ފުޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. އެ ބޭސް ފުޅިތައް ނައްތާލުމަށް އެމްއެންޑީއެފް ފަޔަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެ ނައްތާލާނީ ތިލަފުށްޓަށް ގެންގޮސްގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.