ޢާއިލީ ބައްދަލުވުމަށް ދިޔަ މީހަކު މަސްތުވާ ތަކެއްޗާއެކު ބަންދުކޮށްފި

ޢާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ބަންދު ކޮށްފައިވަނީ ޖަނަވަރީ 12 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔުމުން ކަމަށެވެ. އުމުރުން 27 އަހަރުގެ އެމީހާގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންނަށް އަންގައިފައިވަނީ މާފުށީ ޖަލުންނެވެ. އެ މަޢުލޫމާތު ލިބުމުން އެމީހާ ބަންދުކޮށްފައިވަނީ، މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

އެމީހާ ބަންދު ކުރުމަށްފަހު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގުކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.