
ހުސްނުވާ އާސަންދައިގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި މިއަދު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޚިދުމަތް ދިނުމަށް މައްސަލަތަކެއް ކުރިމަތި ވެއްޖެއެވެ.
އާސަންދަ ކުންފުނީން ވިދާޅުވީ މި ޓެކްނިކަލް މައްސަލަ ދިމާވީ ރޭފަތިހު 5:00 އިން ހެނދުނު 11:00 އަށް ކަމަށެވެ. މި ފަދަ މައްސަލައެއް ދިމާވީތީ އާސަންދަ ކުންފުނިންވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ. އަދި މިފަދަ މައްސަލައެއް މުސްތަޤުބަލުގައި ދިމާވިޔަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އާސަންދަ ކުންފުނިން އަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އާސަންދަ ކުންފުނިން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން" އާސަންދަ ކުންފުނިން ވިދާޅުވެފައިވެއެވެ.
އެ ކުންފުނިން ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެނަމަ ޚިދުމަތްދޭނެ އުސޫލުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަވަސް ފުރުޞަތެއްގައި މަޢުލޫމާތު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.