ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހުރެ ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިފިއެވެ.

މިގޮތުން އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ހުށައެޅުމަށް ހަމަޖެހިފައިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނަށެވެ.

އެފަދަ މައްސަލަތައް ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން އެކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިފައެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އޮފީސް ހިނގަމުންދަނީ ޣާޒީ ބިލްޑިންގުގައެވެ. އީމެއިލް މެދުވެރިކޮށް ވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅޭނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވައިލައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކޮށްފައިވާ އިޢުލާނުގައިވެއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގައިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު އެމަސައްކަތްޕުޅު ފައްޓަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.