
ސްޕްރީމްކޯޓުން ޖުޑީޝަލް ކައުންސިލެއް އުފައްދަވައިފިއެވެ. މިއީ ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ސިޔާސަތު ކަނޑައެޅުމަށް ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރުމަށް އުފެއްދި ކައުންސިލެކެވެ.
މިއީ ސުޕްރީމްކޯޓަށް ލިބިގެންވާ ލިބިގެންވާ ބެލެނިވެރިކަމުގެ ބާރުގެ ދަށުން އުފެއްދި ކައުންސިލެކެވެ. މީގެ ސަބަބުން ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ހިންގުން އޭގެ އެންމެ ފުރިހަމަގޮތުގައި އިންތިޒާމްކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާނެ ކަމަށް އެކޯޓުން ވިދާޅުވެފައިވެއެވެ.
މި ކައުންސިލްގެ ސަބަބުން ހުރިހާ ކޯޓެއްގައި އެއް މިންގަޑުތަކެއް ހިފެހެއްޓިގެންދާނެއެވެ. އެކަމަށްޓަކައި ޤާނޫނީ ހަމަތަކުން ހަދަންޖެހޭ ޤަވާޢިދު ހެދުމާއި އެކުލަވާލަންޖެހޭ ޢުސޫލުތައް އެކުލަވާލާނީވެސް މި ކައުންސިލުން ކަމަށް ވިދާޅުވެފައިވެއެވެ.
ކޯޓްތަކުން ހިންގާ ޝަރީއަތް ހިންގުމުގައި ހުރިހާ ކޯޓްތަކުން ގެންގުޅެންޖެހޭ މައިގަނޑު ސިޔާސަތުތަކާއި ޢުސޫލުތައް ކަނޑައެޅުމުގައި ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ދޭންޖެހޭ މަޝްވަރާ ދިނުމަކީ ވެސް މި ކައުންސިލް އުފެއްދުމުގެ މަޤުސަދެކެވެ. އަދި ޝަރީޢަތްތައް ކުރުމުގެ އިޖުރާއާތުތައް އެއްގޮތް ކުރުމާއި، ކޯޓުތަކުގެ ހިންގުން ހަލުވި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ޚިޔާލުވެސް މި ކައުންސިލުން ދެއްވާނެއެވެ. މީގެ އިތުރަށް ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިންކުރުމުގެ ބާރުގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކޮށް އެކުލަވާލުމާ ގުޅޭގޮތުން ވެސް މިކައުންސިލުން މަޝްވަރާ ދެއްވާނެއެވެ. މި ކައުންސިލްގެ އިދާރީ ކަންކަން ވެސް ބަލަހައްޓަވާނީ ސުޕްރީމްކޯޓުންނެވެ. ޖުޑިޝަލް ކައުންސިލް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރު، ސުޕްރީމްކޯޓްގެ ފަނޑިޔާރުން، ހައިކޯޓްގެ އިސް ފަނޑިޔާރު، ސިވިލްކޯޓްގެ އިސް ޤާޟީ، ކްރިމިނަލްކޯޓްގެ އިސް ޤާޟީ، ޖުވެއިނަލް ކޯޓްގެ އިސް ޤާޟީ، ޑްރަގް ކޯޓްގެ އިސް ޤާޟީ، ދިވެހި ރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ޢައްޔަންކުރެވޭ 2 މެޖިސްޓްރޭޓުންނެވެ.
މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.
މިކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރުލިބޭނީ ކައުންސިލުން ނިންމި ނިންމުން ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ތަންފީޒު ކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ފާސްކުރެއްވުމުންނެވެ.
މިކައުންސިލްގެ ސެކްރެޓޭރިއޭޓު ބަލަހައްޓަވާނީ ސުޕްރީމްކޯޓުގެ ރަޖިސްޓްރަރ ނުވަތަ އެ މަޤާމުގެ މަސްޢޫލިއްޔަތާ އެވަގުތަކު ޙަވާލުވެ ހުންނެވި ބޭފުޅެކެވެ.