ވައި ސާފުކުރުމާއި، ޖައްވަށް ބޭރުވާ ދުނިޔެ ހޫނުކުރާ މާއްދާތައް މަދުކުރުމުގެ ބޭނުގައި ކަރާޗީގައި ދުއްވާ ބަސްތައް ނުސާފު އެއްޗެއް ބޭނުންކޮށްގެން ދުއްވާ ގޮތަށް ހެދުމުގެ މަސައްކަތް ފަށަފިއެވެ. އެއީ ގެރީގެ ނަޖިހެވެ.
ކަރާޗީގައި ދުއްވުމަށް ބަޔޯ މީތޭން ގޭހުން ދުވާ 200 ބަސް ދުނިޔޭގެ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) އިން ހިންގާ މަޝްރޫއެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
2020 ވަނަ އަހަރު މި ބަސްތައް ބޭނުންކުރަން ފެށުމުން ޖައްވު ސާފުވެ، މަގުތަކުގެ އަޑުފަށްގަނޑު މަޑުވިނަމަވެސް، މި ބަސްތަކުން ކަރާޗީގެ ޒަވާންމީ އާއްމު ދަތުރުފަތުރުގެ ނިޒާމަށް ލުޔެއް ލިބޭނެކަމާމެދު އެރަށު މީހުން ޝައްކުކުރެއެވެ.
"ކަރާޗީގެ އާއްމު ދަތުރުފަތުރުގެ ނިޒާމު ވަނީ މުޅިން ބޮއްސުންލާފައި. ގިނަ މީހުން ދަތުރުކުރަން ޖެހެނީ ޓެކްސީގައި ނުވަތަ އޮޓޯ ރިކްޝޯގައި" ބޭސް ކުންފުންޏެއްގެ ސޭލްސް ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި މަސައްކަތްކުރާ އަފްޒަލް އަހްމަދު ބުންޏެވެ.
ކޮމްޕްރެސްޑް ނެޗުރަލް ގޭސް (ސީއެންޖީ) އިން ދުވާ ބަސްތަކެއް މީގެ ވިއްސަކަށް އަހަރު ކުރިން ކަރާޗީ މުނިސިޕަލް ކޯޕަރޭޝަނުން ޗައިނާއިން އެތެރެކޮށް ބޭނުންކުރަން ފެށިނަމަވެސް، މަރާމާތު ނުކުރެވިގެން އެބަސްތައް ބޭނުންކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.
ބޮޑުވަޒީރު އިމްރާން ޚާނުގެ ދަތުރުފަތުރާ ބެހޭ އެޑްވައިޒަރު މަލިކް އަމީން އަސްލަމް ވިދާޅު ގޮތުގައި ކަރާޗީގައި ފަށަން އުޅޭ މަހުގެ މަޝްރޫއަކީ ޖީސީއެފުން ހިންގާ ދަތުރުފަތުރާ ބެހޭ ފުރަތަމަ މަޝްރޫއެވެ.
އަލަށް ތައާރަފުކުރެވޭ ސާފު، ޚަރަދުކުޑަ ބަސްތަކުން ދުވާލަކު 3 ލައްކަ 20 ހާސް މީހުން އުފުލާނެއެވެ. އަދި މިބަސްތަކުގެ ސަބަނުން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑުގެ 2.3 މިލިއަން ޓަން މަދުކުރެވޭނެއެވެ.
އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސުން އުފެއްދި ގްރީން ކްލައިމެޓް ފަންޑުން ކަރާޗީގެ ބަސްތަކުގެ މަޝްރޫއަށް 49 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. ޖުމްލަ 583.5 މިލިއަން ޑޮލަރު ޚަރަދުވާ މިމަޝްރޫއަށް މައިގަނޑު ގޮތެއްގައި އެހީވަނީ އޭޝިޔަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ) އިންނެވެ.
2020 ވަނަ އަހަރުން ފެށިގެން 4 އަހަރުގެ ތެރޭގައި ކަރާޗީގެ އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް ނެރެވޭ 200 ބަހުގައި ބޭނުންކުރާނީ ބަޔޯ މީތޭން ގޭހެވެ. މީގޭސް އުފައްދާނީ ކަރާޗީގައި ކިރުއުފެއްދުމަށް ގެންގުޅޭ 4 ލައްކަ މީގޮނުގެ ނަޖިހެވެ. ދުވާލަކު 3200 ޓަނުގެ މީގޮނު ނަޖިސް ކަރާޗީން ކަނޑަށް ބޭރުކުރެއެވެ. އަދި ނަޖިސް ދޮވެ ސާފުކުރުމަށް ދުވާހަކު 50 ހާސް ގެލަނުގެ ފެން ބޭނުންކުރެއެވެ.
މިމަޝްރޫއުގެ ދަށުން މި ނަޖިހުން ބަޔޯ މީތޭން ގޭހާއި ގަސް ކާނާ އުފައްދާނެއެވެ.