ގިލި ލަންކަންފުށި ރިސޯޓުގެ މޫދު ކޮޓަރިއެއްގައި ރޯވިއަލިފާން ކޮންޓްރޯލް ނުވެގޮސް ގިނަ ކޮޓަރިތަކެއްގައި އަދައިފިއެވެ.
މޫދުކޮޓަރިތަކުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ރިސޯޓުގެ މުވައްޒަފުންނާއި އެމްއެންޑީއެފް ފަޔަރުން ކުރިމަސައްކަތުން ކޮންޓްރޯލް ނުވުމުން އިތުރު ޓީމެއް މާލެއިން ވަނީ އެރިސޯޓަށް ގޮސް އަލިފާން ނިއްވުމުގައި ބައިވެރިވެފައެވެ.
އަލިފާނުގެ ހާދިސާގައި މޫދުކޮޓަރިތަކުގައި ރޯވެފައިވާ އަލިފާން ކޯންޓްރޯލް ކުރެވުނުއިރު ކޮޓަރިތައްވަނީ އެއްކޮށް އަނދައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ރިސޯޓު ތެރެއަށް ފެތުރެމުން ބޮޑުވަމުންދިޔަ އަލިފާން ކޮންޓްރޯލް ކުރުމަށް ފަޔަރުން ކުރި މަސައްކަތުން މިހާރުވަނީ އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ވެފައެވެ. އެގޮތުން އެރިސޯޓުގެ ރެސްޓޯރެންޓާއި ބަދިގެއާއި ޖެޓީ އެކެއް ސަރަޙައްދުގައި ރޯވި އަލިފާން ވެސް ވަނީ ނިއްވާލެވިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާނުގެ 70 އިންސައްތަ މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް އަދި އެނގިފައެއްނެތެވެ.
އަލިފާން ފެތުރުން ކޮންޓްރޯލް ކުރެވިފައި ވިޔަސް އަދިވެސް އަލިފާން ނިއްވައި ނުލެވޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މިޙާދިސާ ހިނގިއިރު އެރިސޯޓުގައި ތިބީ ކިތައް ޓޫރިސްޓުންނެއް ކަމެއް ވެސް އަދި ކަށަވަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ އައު އަހަރު ފެށުމުގެ އުފާފާޅު ކުރަމުންދާ ދުވަސްވަރަށް ވުމުން ގިނަ ޢަދަދެއްގެ ޓޫރިސްޓުން ތިބޭނެ ކަމަށް ބެލެވެއެވެ. އެރިސޯޓަކީ އެންމެ މަތީފެންވަރުގެ ރިސޯޓެވެ.