ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް މާފަންނު، ޖަވާހިރުވާދީ، އިފްހާމް ޙުސައިން މިއަދު ޢައްޔަން ކުރެއްވައިފިއެވެ.
އިފްހާމް ޙުސައިންއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
އިފްހާމް ޙުސައިން އަށް ވަނީ 2015 ވަނަ އަހަރު ޑުބާއީގައި ދެވޭ އިންޓަރނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޮރ ސްޕެޝަލް އެޑިއުކޭޝަން ވެސް ލިބިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި، 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް ވެސް އިފްހާމަށް ވަނީ ލިބިވަޑައިގެންފައެވެ. މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމާގުޅޭ މާހިރުން ދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ދެއްވާ އެވޯޑެކެވެ. މީގެއިތުރުން އިފްހާމަށް ވަނީ މުޖުތަމަޢުގައި އަންހެނުން ކުރިއެރުވުގެ ރޮނގުން ދެއްވާ ރެހެންދި އެވޯޑް ވެސް 2017 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.
އިފްހާމް ޙުސައިން އެންމެ ފަހުން އިންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ.
އިފްހާމްގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ، މިއަދު ވަނީ އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ވެސް ބޭފުޅަކު ޢައްޔަން ކުރައްވައިފައެވެ. އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީނެވެ. ޚަދީޖާ ޝަބީން އެމަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
އޭނާ އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޚަދީޖާ ޝަބީންއަކީ ޤާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަޤާމުތަކުގެ އިތުރުން އަމިއްލަ ލޯ ފަރމްތައް ވެސް ހިމެނެއެވެ.
މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.