ރައީސް ޔާމީނާއި ޢުމަރު ނަސީރު ބަންދު ކުރުމަށް އަދީބުގެ އަނބިކަނބަލުން ގޮވައިލައްވައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ބަންދު ކުރުމަށް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ އަނބިކަނބަލުން، މަރިޔާމް ނަޝްވާ ގޮވައިލައްވައިފިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފިނިފެންމާ ލޯންޗުގެ ހާދިސާގެ ވީޑިއޯއަކީ ރައީސް ޔާމީން ޢުމަރު ނަޞީރު ލައްވައި ކުރައްވައިފައިވާ އެޑިޓެއް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އަލުން ތަޙުޤީޤު ކޮށްދެއްވުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

ނަޝްވާ ވިދާޅުވެފައިވަނީ "ރައީސް ޔާމީންގެ ޝިކާރައަކަށްވި އެހެން ސިޔާސީ ބޭފުޅުންގެ މައްސަލަތައް ރިވިއު ކުރެވުނުގޮތަށް ފިނިފެންމާ ކޭސް ރިވިއު ކުރެވެންޖެހޭ،" ކަމަށެވެ. އަދި "މި ޑްރާމާގެ ޝިކާރައަކަށްވި އެންމެންނަށް އިންސާފު ލިބެންޖެހޭ،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނަޝްވާ މީހެން ވިދާޅުވީ އެ ޙާދިސާގައި އެއްވެސް އަލިފާނެއް ނުފެންނަ ކަމަށާއި އެހެންނަމަވެސް ޢުމަރު ނަޞީރު ދެއްވި ވީޑިއޯއިން އަލިފާން ފެނުނު ކަމަށް ރައީސް ޔާމީންގެ އޭރުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ވިދާޅުވެފައިވަނިކޮށްނެވެ. އަދި އޭގެ ރޯ ވީޑިއޯ ފުޓޭޖު ކަމަށް ބުނާ ވީޑިއޯއެއް ސަންގު ޓީވީން ރޭ ދައްކައިފައި ވަނިކޮށްނެވެ. ސަންގު ޓީވީން ދެއްކި ވީޑިއޯއިން އަލިފާނެއް ނުފެނެވެ.

އެކަމާ ގުޅިގެން ޢުމަރު ވިދާޅުވެފައިވަނީ އެއްވެސް ބަޔަކަށް އޭ ރޯ ފުޓޭޖު ނުލިބޭނެ ކަމަށެވެ. އެ ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ރޯ ފުޓޭޖު ލަސްކޮށްގެން ބެލުމުން އަލިފާން ފެންނާނެ ކަމަށް ވެސް ޢުމަރުވަނީ ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.