ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަ ވެއްޖެ

ތާރީޚާއި އަދަބިއްޔާތުގެ ޢިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު ވަޙީދު ނަދުވީ މިއަދު އަވަހާރަވެއްޖެއެވެ.

އަވަހާރަވީ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި އެޑުމިޓްކޮށް ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މ. މޫންޑްރޮފްސް، މުޙައްމަދު ނަދުވީ އަވަހާރަވިއިރު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ ތާރީޚު ޑިޕާޓުމެންޓުގެ ޑެޕިޔުޓީ ޑިރެކްޓަރަކަށެވެ.

އޭނާއަކީ ފަހަކަށްއައިސް ރާއްޖޭގައި އުފެދުނު ތާރީޚީ ޢިލްމުވެރިންގެ ތެރެއިން އަރައިހުންނެވި ބޭފުޅެކެވެ. އަވަހާރަވީ ޢުމުރުފުޅުން 62 އަހަރުގައެވެ. ނަދުވީއަކީ އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވަރުސިޓީން އަދަބިއްޔާތުގެ ދާއިރާއިން މާސްޓަރސް ޙާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ އިންޑިއާގެ އިތުރަށް މިޞްރާއި މެލޭޝިއާއިން ވެސް ކިޔަވައި ވިދާޅުވެފައެވެ.

ނަދުވަނީ މަޖީދިއްޔާ ސްކޫލާއި، މަދުރަސަތުލް އަޙުމަދިއްޔާއާއި ބައެއް ސްކޫލްތަކުގައި ޢަރަބިބަހާއި އިސްލާމް މާއްދާ ކިޔަވައި ދެއްވައިފައެވެ. އޭގެ އިތުރަށް ޤައުމީޔުނިވަރސިޓީގެ ލެކްޗަރައެއްގެ ގޮތުގައިވެސް އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ.

ނަދުވީ އަވަހާރަވުމުން މަޝްހޫރު ލިޔުންތެރިޔާ ޢަބްދުލްމުޢީދު ޙަސަން ވިދާޅުވެފައިވަނީ "އަލްމަރުޙޫމް އަލްއުސްތާޒު މުޙައްމަދު ނަދުވީއަކީ ތޫނުފިލި ވިސްނުންތެރިއެކެވެ. ތާރީޚީ ކަންކަމުގައި އޭނާ ގެންގުޅުއްވާ އީޖާދީ ފިކުރުތައް ލާމަސީލެވެ. އޭނާވަނީ މާލޭ ހުކުރުމިސްކިތުގައި ޝިހާބުއްދީން ރަދުން ބެހެއްޓެވި ފިލާ، މުޅިން އާ ވިސްނުންފުޅަކުން ތަޙުލީލު ކުރައްވައިފައެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅު ކަމަށް އެފިލާގައި ލިޔެފައިވަނީ، އަބުލް ބަރަކާތު ޔޫސުފުލްބަރުބަރީކަން، އަލްމަރުޙޫމް އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީ ބަޔާން ކުރައްވައިފައިވަނީ، އޭނާ އެކަށައެޅުއްވި މުޅިން އާ ނަޒަރިއްޔާތަކުންނެވެ. އެއީ ޢަރަބި ލިޔުމުގެ ބާވަތްތަކުގެ ތެރެއިން، ޘުލުޘު ލިޔުން ތަރައްޤީވެފައިވާ ގޮތުގެ ވިސްނުން މުއްސަނދިކޮށްދިން ޖަވާހިރެކެވެ. އަކުރުތަކުގެ ފަލަބައިތަކުގެ ތެރޭގައި، ފަންނާނުން ނުކުތާތައް ވަންހަނާކުރާކަން ސާބިތުކޮށްދިނީ އަލްމަރުޙޫމް އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީގެ މިދެންނެވި ނަޒަރިއްޔާއެވެ."

ނަދުވީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ޢިޝާނަމާދަށްފަހު އިސްލާމީމަރުކަޒުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.