ކަޅުވަކަރު މިސްކިތް ކުރީގެ ސަލްޓަން ޕާކު ސަރަޙައްދުގައި ބެހެއްޓެވުމަށް ނިންމަވައިފި

ފޮޓޯ: ސޯޝަލްމީޑިއާ

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވަޢުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކުރިން  ކެބިނެޓްގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅެގޮތުން ކުރެވިފައި ހުރި މަސައްކަތްތަކުގެ ތަފްސީލު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ  ފަންނީ ބޭފުޅުން  ކެބިނެޓް މިނިސްޓަރުންނާ ޙިއްޞާ ކުރައްވާފައިވާ ކަމަށް ރައިސް އޮފީހުން ހާމަކުރައްވައެވެ. މިގޮތުން، އެ މިސްކިތުގެ ޚާއްޞަކަމާއި، މިސްކިތް އަލުން ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި ވިސްނުން ގެންގުޅުއްވި ކަންކަމާއި، މިސްކިތް އަލުން ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ފަރާތްތަކުން ދެއްވާފައިވާ މަޝްވަރާ އާއި، ކަމާބެހޭ ފަންނީ ތަޖުރިބާކާރުންގެ ލަފައާއި، ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ބޭއްވެވި ބައްދަލުވުމުގެ ތަފްޞީލު ކެބިނެޓާ ހިއްސާ ކުރެވުނެވެ.

ރަސްރަނި ބަގީޗާ (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި މިސްކިތް ބެހެއްޓެވުމަށް  ނިންމެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރެއްވި މަސައްކަތްތަކާއި، ކެބިނެޓުގެ ވަޒީރުންނާ ޙިއްޞާ ކުރެއްވި މަޢުލޫމާތުތަކުގެ މައްޗަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ރައީސަށް އެރުވި ލަފާފުޅުތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހު ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނީ  މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ގޮތަކަށޤ ކަމަށް ރއީސް އޮފީހުން ހާމަކުރައްވައެވެ. އަދި ހަމައެހެންމެ   ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް  ވެސް ކުރެވޭ  ގޮތަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.