ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމްހުށަހަޅައިފި ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

 މަޢުލޫމާު ލިބިފައިވާ ގޮތުގައި މިއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވަނީ ޕީޕީއެމްގެ ނާއިބު ލީޑަރު ފޮނަދޫދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެ ޕާޓީ އުފެއްދުމަށް ހުށަހެޅި ލިޔެކިޔުންތައް ސަޙަތޯ ބެއްލެވުމެވެ. އެ ޞައްޙަ ކަމަށްވާނަމަ ވަރަށް އަވަހަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާނެ ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާއެކު ޕާޓީއަށް 3000 މެމްބަރުން ހަމަކުރުމަށް އިލެކްޝަނުން 3 މަސް ދުވަހުގެ މުއްދަތެއްދޭނެއެވެ. އެ މުއްދަތުގައި ޞައްޙަ މެމްބަރުންގެ ޢަދަދު 3000 ހަމަކޮށްގެން ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ޤާނޫނީ ގޮތުން ބާއްވަންޖެހޭ ފުރަތަމަ ޢާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދެއްވާނެއެވެ. އެ ޖަލްސާއަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ދިދައާއި، ލޯގޯ ފަދަ ކަންކަން ފާސް ކުރުމަށް ބާއްވާ ޖަލްސާއެވެ.

މިހާރުވެސް ދެ ޕާޓީއަކަށް ވަނީ ޢާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވައިފައެވެ. ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންވައުގެން އިތުރު ޕާޓީއެއް އުފައްދަވަނީ ރައީސް މައުމޫނަށް ޕީޕީއެމް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ކެމްޕޭން ދުވަސްވަރު ވިދާޅުވެފައިވަނިކޮށްނެއެވެ.

އައު ޕާޓީއެއް އުފެއްދެވިޔަސް ޕީޕީއެމުން މިހާރުވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ދާއިރާތައް ކަނޑައަޅައި ޓިކެޓް ވެސް ބައެއް މެމްބަރުންނާ ޙަވާލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.