ޓެކްސް ދެއްކުމުގައި ކުންފުނިތަކަށް ދިމާވާ ދަތިކަން ޙައްލު ކުރާނަން: ފައްޔާޒު

ޓެކްސް ދެއްކުމުގައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ދިމާވާ ދަތިކަން ކުރިއަށްއޮތް ތަނުގައި ޙައްލު ކޮށްދެއްވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ރޭ ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑް ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ އެކަން ކުރެއްވުމަށްޓަކައި ޓެކްސްއާ ބެހޭ ޤާނޫނުތައް އަލުން މުރާޖަޢަ ކުރައްވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިކަން ބައްލަވައި ފިޔަފަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މި ވަގުތަށް ބަލާއިރު  ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގެއްލުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ މީރާ އުފެދިގެން އައީ ވިޔަފާރިތަކަށް ބިރު ދައްކައި ދަތިކުރުމަށް ނޫންކަމަށެވެ. އެކަމަކު ފާއިތުވި ފަސް އަހަރަށް ބަލާއިރު މީރާގެ ޢަމަލުތައް ފެނިފައިވަނީ ވިޔަފާރިތައް ފުނޑުފުނޑު ކޮށްލާ ގޮތަށް ކަމަށެވެ.

"މީރާއަކީ މި ވަގުތު ވިޔަފާރިތަކަށްއޮތް ވަރަށް ބޮޑު ގެއްލުމެއް. މީރާ އުފެދިގެން އައީ އެއްގޮތަކަށް ވެސް އެ ނިޔަތުގައެއް ނޫން. މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވައި ވިޔަފާރި ކުރުވައި، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުން ޓެކްސް އިދާރާއެއް އުފައްދައި ޓެކްސް ނަގަންފެށީ ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި ކަމަށެވެ. އެހެންނަމަވެސް ޓެކްސް ނެގުމުގައި ވިޔަފާރިތައް ފުނޑުފުނޑު ވިޔަދީގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.